ހަރުކަށި ފިކުރުގެ އިތުރު ބަޔަކު ހައްޔަރުކޮށްފި

މެއި 13، 2021: ސަލާމަތީ ބާރުތައް --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ހަރުކަށި ފިކުރާއި ޓެރަރިޒަމާ ދެކޮޅަށް ސަލާމަތީ ބާރުތަކުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގައި އިތުރު ބަޔަކު ހައްޔަރުކޮށްފި އެވެ.

މާލެ އާއި އަތޮޅު ތެރޭގައި ވެސް ސިފައިންނާ ފުލުހުން ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުން އަންނަ އިރު، އިތުރު ބަޔަކު ހައްުޔަރު ކުރީ ހުޅުމާލެ އިންނެވެ. ހުޅުމާލޭގައި އިއްޔެ ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ސަލާމަތީ ބާރުތަކުން ހާއްސަ އޮޕަރޭޝަންތަކެއް ފަށާފައި ވަނީ، މެއި ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެންނެވެ. ހުޅުމާލެ އިން އިއްޔެ ހައްޔަރު ކުރި މީހުންނަކީ އެ ހަމަލާއާ ގުޅުން ހުރި ބައެއްކަން ނުވަތަ ނޫންކަން ފުލުހުން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

އެ ހަމަލާއާ ގުޅިގެން މީގެ ކުރިން ހައްޔަރުކޮށްފައި ވަނީ މއ. ފޭރުގެ، މުޖާޒު އަހުމަދު، 21، ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދު، 32، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު، 26 އަދި ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހު، 23 އެވެ. އެމީހުންނަކީ ހަރުކަށި ފިކުރުގެ ބައެއް ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

ނަމަވެސް ޓެރަރިޒަމާ ދެކޮޅަށް ކުރިއަށް ގެންދާ އޮޕަރޭޝަންގައި މިހާތަނަށް އައްޑޫ ސިޓީ އިން ހަތް މީހަކާއި މާލެ އިން ވެސް މީހަކު ހައްޔަރުކޮށްފައިވެ އެވެ.

comment ކޮމެންޓް