ވަޔާއެކު ގަހެއް ވެއްޓި، ލިލީމަގު މުޅިން ބަންދުވެއްޖެ

ގަހެއް ވެއްޓި ލިލީމަގު ބަންދުވެފައި

ގަދަ ވަޔާއެކު، ސަލްޓަން ޕާކުގައި ހުރި ބޮޑު ގަހެއް ވެއްޓި، ލިލީމަގު ބަންދުވެއްޖެ އެވެ.

މާލޭ ސިޓީގެ މޭޔަރު މިއަދު ވިދާޅުވީ، ވެއްޓުނު ގަސް ނެގުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

ކުރިއަށް އޮތް ތިން ދުވަހު ވެސް ހުޅަނގު މޫސުމުގެ ބާރުގަދަވެ، ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މެޓުންވަނީ ލަފާކޮށްފަ އެވެ.

މެޓުން ބުނީ މިއަދު ހުޅަނގުދެކުނާއި ހުޅަނގުން، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވެ އެވެ.

އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަ ވާނެ، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ އެވެ. ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް މެޓުން ވަނީ ބުނެފަ އެވެ.

ރާއްޖޭގެ ސަރަހައްދުގައި ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ އަންގައިފަ އެވެ.

comment ކޮމެންޓް