ގއ. ވިލިނގިލީގައި ކާފިއު ވަގުތު އިތުރުކޮށްފި 

ގއ. ވިލިނގިލި --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ކޮވިޑް19 ފެތުރިފައިވާ ގއ. ވިލިނގިލީގައި އިއުލާނުކޮށްފައިވާ ކާފިއުގެ ވަގުތު އިތުރުކޮށްފި އެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ކޮވިޑް ފެނި މޮނިޓަރިންގެ ހާލަތަށް ގެންދާ ހުރިހާ ރަށެއްގައި ކާފިއު ހިންގާ ގޮތަށް އުސޫލަށް ވަނީ ބަދަލު ގެނެސްފަ އެވެ.

އެގޮތުން މޮނިޓަރިން އަށް ގެންދާ ރަށްރަށުގައި ރޭގަނޑު ނުވަޔަކުން ފަތިހު ހަތަރަކަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާވާނެ އެވެ. ނަމަވެސް ރަށުގައި ބަލިފެތުރުމުގެ ހާލަތަށް ބަލައި އެ ފިޔަވަޅު އަޅާ ވަގުތަށް ބަދަލުގެނެވޭނެ އެވެ.

ވިލިނގިލީގެ ހާލަތު ގޯސްވަމުން އަންނާތީ، އެރަށުގެ ކާފިއު ވަގުތަށް އެޗްޕީއޭ އިން ވަނީ ބަދަލު ގެނެސްފަ އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުއްވި އެންގުމުގައި ވިދާޅުވެފައި ވަނީ މިއަދުން ފެށިގެން ވަކި ގޮތެއް އަންގަންދެން ވިލިނގިލީގައި، ކޮންމެ ދުވަހެއްގެ ހަވީރު 6:00 އިން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުމެއުޅުން ހުއްޓައިލުމަށް އަންގާ ކަމަށެވެ.

އެ ރަށުން މިއަދު ވެސް ހަތަރު މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެއާއެކު މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި އެރަށުގައި ތިި މީހުންގެ އަދަދު ވަނީ 40 އަށް އަރައިފަ އެވެ. މިހާތަނަށް 54 ސާމްޕަލް އެއްގެ ނަތީޖާ ލިބިފައި ނުވާއިރު، 475 މީހަކު ކަރަންޓީނުކޮށްފައި އެބަތިއްބެވެ.

comment ކޮމެންޓް