ކަނޑުތައް ވަރަށް ގަދަ، ދަތުރު ކުރުމުގައި ސަމާލުވާން އަންގައިފި

ވިއްސާރަވެ ކަނޑުގަދަވުން: -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ތިން ދުވަހަށް ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވާން އެމްއެންޑީއެފް އިން އިލްތިމާސްކޮށްފި އެވެ.

ކުރިއަށް އޮތް ތިން ދުވަހު، އެހެން ހިސާބުތަކާ އަޅާބަލާއިރު ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މާބޮޑަށް މޫސުން ގޯސްވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި ވިއްސާރައިގައި، ކޮޅިގަނޑުގައި 50 މޭލަށް ވައިގަދަވާނެކަމަށް ވެސް މެޓުން ލަފާކުރެ އެވެ.

އެހެންކަމުން ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ހަވާލުވެ ތިބި މީހުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެމްއެންޑީއެފް އިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

މިދިޔަ ގަދަ ވިއްސާރައިގައި ވެސް ފަޅުން ބޭރުގައި އަޅާފައިހުރި ގިނަ އަދަދެއްގެ އޮޑިފަހަރު ކަހާލައިގެން ގޮސް ފަރުމައްޗަށް ލައްގާފައިވާތީ، މިކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފް އިން އިލްތިމާސް ކުރެ އެވެ .

ހަމައެއާއެކު ދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް އެންގުމާއި އަދި އުޅަނދުގައި ލައިފްޖެކެޓާއި މުއާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށް ވަނީ އަންގައިފަ އެވެ. ހާއްސަކޮށް ކުދި އަދި ސަލާމަތީގޮތުން ރައްކާތެރިކަން ކުޑަ އުޅަނދުފަހަރުގައި ރޭގަނޑު، އަދި ވިއްސާރައިރު ދަތުރު ނުކުރުމަށް ވަނީ އެދިފަ އެވެ.

މުދާ އުފުލާ އުޅަނދުފަހަރުތަކުން ވެސް މުދާ ބަރުކުރުމުގައި ގަވާއިދުތަކަށް އަމަލުކުރުމާއި ލައިސަންލުމުގައި ރަނގަޅަށް އައްސާފައި ބެހެއްޓުމަށާއި އަދި ފަޅުތެރެއާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަ ހިއްކުމަށް ސަމާލުކަން ދިނުމަށް ވެސް ވަނީ އަންގައިފަ އެވެ.

ކަނޑުދަތުރުފަތުރު ކުރާއިރު އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކޮށް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުމަށް އެމްއެންޑީއެފް އިން އެދެ އެވެ.

comment ކޮމެންޓް