އިގްތިސޯދު އެބަ ކުރި އަރާ، އެކަމަކު ނުތަނަވަސްކަން ބޮޑު 

ޖުލައި 15، 2020: ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 ޕެންޑެމިކްގެ ކުރިން، 2019 ވަނަ އަހަރު ރާއްޖޭގެ އިގްތިސޯދު އޮތް ހާލަތަށް މަޑުމަޑުން ރުޖޫއަވަމުން އަންނަ ކަމަށާއި، އެހެން ނަމަވެސް އަދިވެސް ރިސްކްތައް ހުރިކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ މިހާރު ރާއްޖޭގެ ކޮވިޑްގެ ހާލަތު އޮތް ގޮތުން، އަނެއްކާ ވެސް ފަތުރުވެރިކަމަށް ކޮންމެސް ވަރަކަށް އަސަރުކުރަން ފަށާފައިވާ ކަމަށެވެ. އެހެން ނަމަވެސް ފަތުރުވެރިކަން ކުރިއަރަމުން އަންނަ ގޮތަށް ބަލާއިރު، ބަޖެޓުގައި އަންދާޒާކުރި ވަރަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް މިހާރު ލަފާކުރެވޭ ކަމަށް އަމީރު ވިދާޅުވި އެވެ.

މިދިޔަ އަހަރު ފުރަތަމަ ބަޖެޓު ތައްޔާރުކުރި އިރު، މި އަހަރު އަންނާނެ ކަމަށް ލަފާކުރީ ހަ ލައްކަ ފަތުރުވެރިންނެވެ. އެހެން ނަމަވެސް ފަހުން ބަޖެޓު ރިވައިޒްކޮށް އެއް މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ. މިނިސްޓަރު ވިދާޅުވީ މިހާރު ފަތުރުވެރިން ޒިޔާރަތްކުރި އަދަދަށް ބަލާއިރު، އެއް މިލިއަން ފަތުރުވެރިންނަށް ވުރެ ގިނައިން ޒިޔާރަތް ކުރާނެ ކަމަށް މިހާރު އަންދާޒާ ކުރެވޭ ކަމަށެވެ.

"މިހާރު 2021 ވަަނަ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރާނެ ކަމަށް ބެލެވެނީ އެއް މިލިއަނާއި 1.5 މިލިއަނާ ދެމެދުގެ އަދެއްގެ ފަތުރުވެރިން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، މިހާރުގެ ނަންބަރުތަކަށް ބަލާއިރު 2019 ވަނަ އަހަރު ފަތުރުވެރިކަން ހުރި މިންވަރަށް ދާއިރާ ރުޖޫއަވާނެ ކަމަށް ބެލެވެނީ 2022 ވަނަ އަހަރުގެ ކުރީކޮޅު ކަމަށެވެ.

އިގްތިސޯދީ ދުވެލި ކުރިއަރާ މިންވަރަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ވެސް ކުރިން ލަފާކުރި މިންވަރަށް ވުރެ ބޮޑަށް އިގްތިސޯދީ ދުވެލި ކުރި އަރާފައިވާ ކަމަށާއި، އެހެންކަމުން މި އަހަރު އގްތިސޯދީ ދުވެލި ހުންނާނީ 13.5 ޕަސެންޓާއި 34.1 ޕަސެންޓާ ދެމެދު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އިގްތިސޯދު ރަނގަޅުވާން ފަށާފައި ވަނީ ރާއްޖެއަށް ވެކްސިން ލިބެން ފެށުމާއެކު ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިއެރުން ލިބުމުގެ އިތުރުން، ސަރުކާރުން ތައާރަފްކުރި އިކޮނޮމިކް ސްޓިމިއުލަސް ޕެކޭޖުތަކާއި ލޯނުތަކުގެ ސަބަބުން ކަމަށެވެ. އަދި 2022 ވަނަ އަހަރާއި 2023 ހިސާބުގައި ރިސެޝަން އިން އެކީ އަރައިގަނެވޭނެ ކަމަށް ވެސް މިނިސްޓަރު ލަފާކުރެއްވި އެވެ.

މިދިޔަ އަހަރު ރާއްޖޭގެ އެމްޕްލޯއިމަންޓް ވަރަށް ބޮޑަށް ދަށަށް ގޮސް، އަންއެމްޕްލޯއިމަންޓް ވަރަށް ބޮޑަށް ވަރަށް ބޮޑަށް މައްޗަށް ދިޔަކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެހެން ނަމަވެސް، މި އަހަރުގެ ފެބުރުއަރީ މަހު، 2019 ވަނަ އަހަރު އެމްޕްލޯއިމަންޓް ހުރި މިންވަރަށް އަލުން ގޮސްފައިވާ ކަމަށާއި، ޖޮބް ސެންޓަރުގައި ރަޖިސްޓްރީކ ކޮށްފައިވާ މީހުންގެ ތެރެއިން އިންކަމް ސަޕޯޓު އެޕްރޫވް ކޮށްފައިވާ އަދަދު ވެސް ނޮވެމްބަރު މަހުން ފެށިގެން ދަށަށް ދާން ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މިހާރު މި ފާހަގަވނީ ރާއްޖޭގެ އިގްތިސޯދު މިހާރު މި ފާހަގަވެގެން ދަނީ 2019ގައި ޕެންޑެމިކްގެ ކުރީގެ އިގްތިސޯދަށް ރުޖޫއަވަމުން ދާކަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެ ފަދަ ގައުމުތަކާ އަޅާބަލާއިރު، އިގްތިސޯދު އެންމެ އަވަހަށް "ބައުންސް" ވާ ގައުމަކީ ރާއްޖެ ކަމަށާއި އަދި އިގްތިސޯދީ ކުރިއެރުން އެންމެ ރަނގަޅު ގައުމު ކަމަށް ވެސް ކަމާބެހޭ މާހިރުން ގަބޫލުކުރާ ކަމަށެވެ. އެހެން ނަމަވެސް މިގޮތުގައި ހިފަހައްޓާލަން، ރާއްޖޭގެ ކޮވިޑްގެ ހާލަތު ރަނގަޅު ކުރުން މަޖުބޫރު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރާއްޖޭގެ އިގްތިސޯދު މިއަދު މިވަނީ، މާޗު މަހުގެ ހާލަތަށް ވުރެ ރަނގަޅުވެފަ. އެހެން ނަމަވެސް އެޕީލް އެއް ކޮށްލާނަން. މިގޮތަށް ދެމެހެއްޓުމަށްޓަކައި އެބަޖެހޭ މިހާރު ހުރި ރިސްކްތައް މެނޭޖުކުރަން. އެންމެ މުހިންމީ ކޮވިޑް ކޮންޓްރޯލްކޮށް، ފައްސިވާ އަދަދު ދަށްކުރުން. ދަށްވެގެން ނޫނިއްޔާ އަޅުގަނޑުމެންނަށް ލައިވްސް ވެސް އަދި ލައިވްލިހުޑްސް ވެސް ސަލާމަތެއް ނުކުރެވޭނ. އެހެންވީމަ އެންމެ މުހިންމު ކަމަކީ ޕޮޒިޓިވް ކޭސްތައް ދަށްކުރުމަށް މަސައްކަތް ކުރުން،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި ވާއިރު، ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 1500 އެއްހާ މީހުން އަންނަނީ ޕޮޒިޓިވްވަމުންނެވެ. މިހާރުވެސް 24000 އަށް ވުރެ ގިނަ އެކްޓިވް ކޭސް ހުރި އިރު، ބަލީގައި 150 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް