ޔޫރޯ ބޮންޑް އަވަހަށް ދެއްކުމުން ނުރައްކަލުން ސަލާމަތް ވެއްޖެ

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޔޫރޯ ބޮންޑުން އަންނަ އަހަރު މެޗުއާވާ 250 މިލިއަން ޑޮލަރުގެ ތެރެއިން 76 ޕަސެންޓު (191 މިލިއަން ޑޮލަރު) ދައްކައި ރާއްޖެއަށް ލިބިދާނެ ޝޮކުން ސަލާމަތް ވެއްޖެ އެވެ.

ދެހާސް ސަތާރަ ވަނަ އަހަރު ރާއްޖެއިން ވިއްކާފައިވާ ޔޫރޯ ބޮންޑު އަންނަ އަހަރު މެޗުއާ ވާނެ އެވެ. އަދި އަންނަ އަހަރު 250 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ އެވެ. އެކަމުން ރާއްޖޭގެ އިގްތިސާދަށް ކުރާ އަސަރު ކުޑަކުރުމަށް ވަނީ ސުކޫކެއް ވިއްކައިފަ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ސުކޫކު ވިއްކަން ނިންމީ ދައުލަތުގެ ދަރަނީގެ ޕޯޓްފޯލިއޯ އިތުރަށް ޑައިވާސިފައިކޮށް އިތުރު އިންވެސްޓަރުން ހޯދުމަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ސުކޫކު ވިއްކުމަށް އޮކްޓޫބަރު 2020 ގައި މާކެޓަށްދިއުމަށް މިދިޔަ އަހަރު މަސައްކަތް ކުރި އިރު ޔޫރޯ ބޮންޑުގެ ޔީލްޑް ހުރީ ގާތްގަނޑަކަށް 74.536 ގައި ކަމަށެވެ. އެހެންކަމުން އިންވެސްޓަރުންނާ ގުޅުން ރަނގަޅުކޮށް، މާކެޓް ސްޓޭބަލް ކުރެވޭނެ މަސައްކަތްތަކެއް ކުރުމަށް ފެށުނު ކަމަށް އަމީރު ވިދާޅުވި އެވެ.

"މިހާތަނަށް އައިސް މިވަނީ މާޗް -އޭޕްރީލް 2021 ގައި މިވަނީ ސުކޫކު ކާމިޔާބު ކަމާއެކު ވިއްކި، ޓެންޑާ އޮފާ ސެޓަލް ކުރެވިފަ،" މިނިިސްޓަރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ 2022 ވަނަ އަހަރު މެޗުއާވާ 250 މިލިއަން ޑޮލަރު ދެއްކުމަކީ ކުރެވުނު ވަރަށް ބޮޑު އަދި ރަނގަޅުކަމެއް ކަމަށެވެ.

"މިހާރު ޝޯޓް ޓަމް ލިކުއިޑިޓީ ރިސްކެއް ވެސް އަދި ރޯލް އޯވާ ރިސްކެއް ވެސް ނެތް،" އަމީރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ ރާއްޖެއިން ކާމިޔާބު ކަމާއެކު ސުކޫކެއް ވިއްކާފައި ވާތީ އެކަން ރޭޓިން އެޖެންސީތަކުންނާއި އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާ (އައިސީޑީ) އިން ވެސް ފާހަގަކޮށްފައިވާ ކަމަށެވެ.

މި ސުކޫކު ވިއްކުމުގެ މުއާމަލާތް ކުރިއަށް ގެންދިޔުމުގައި މެދުވެރިއަކަށް ވެފައި ވަނީ ކްރެޑިޓް ސޫއިޒް އާއި އެމިރޭޓްސް އެންބީޑީ ކެޕިޓަލްގެ އިތުރުން އެސްއެސްބީސީ އަދި އައިސީޑީ އެވެ. މިނިސްޓަރު ވިދާޅުވީ ސުކޫކު ވިއްކުމުގެ ކުރިން މާކެޓް ސައުންޑިން ހެދުމަށް 38 އިންވެސްޓަރުންނާ ބައްދަލުކޮށްފައިވާނެ ކަމަށެވެ. އަދި އޭރު ޔޫރޯ ބޮންޑުގެ ލިކުއިޑިޓީ ވަރަށް ބޮޑަށް ދަށްވެފައި ވާތީ، ލިކުއިޑިޓީ މެނޭޖްމަންޓް އެކްސަސައިޒެއް ކުރިއަށް ގެންދަން ލަފާ ލިބުނު ކަމަށް އަމީރު ވިދާޅުވި އެވެ.

"އަދި ބޮންޑުގެ ޔީލްޑް ސިންގަލް ޑިޖިޓަށް ގެނައުމަށް، ސަރުކާރުން ޔޫރޯ ބޮންޑުގެ ބައެއް މާކެޓުން ގަތުމަށް ނުވަތަ ރީފައިނޭންސް ކުރުމަށް. އެއީ އަޅުގަނޑުމެން ދަރަނި ސަސްޓެއިން ނުކުރެވިދާނެ ކަމުގެ އޭރު ބިރު ހީވެފަ އޮތީމަ އެކަމަށް އެޑްރެސް ކުރުމަށް ކުރި ކަންކަން، އަދި ބަޖެޓު ޑެފިސިޓް ބޮޑުވެގެން ދާތީވެ،" މިނިސްޓަރު ވިދާޅުވި އެވެ.

"މި ޕްރޮގްރާމުގަ އެންމެ ކާމިޔާބު ކަމަކަށް ފާހަގަވަނީ އަންނަ އަހަރު މެޗުއާވާ 250 މިލިއަން ޑޮލަރުގެ ތެރެއިން 76 ޕަސެންޓު އަޅުގަނޑުމެން މިހާރު ދައްކާފައި ވުން. އެއީ ގާތްގަނޑަށް 191 މިލިއަން ޑޮލަރު،"

މިހާރު ސުކޫކުގެ ޕާފޯމަންސަށް ބަލާއިރު، ސުކޫކު މިވަގުތު މަކެޓުގައި ޕާފޯމް ކުރަމުން އަންނަނީ ޕްރީމިއަމް އެއްގައި ކަމަށާއި އެއީ އންވެސްޓަރުންގެ އިތުބާރު މިހާރު ރާއްޖެއަށް ލިބެމުން އަންނަ ކަމުގެ ނިޝާނެއް ކަމަށް އަމީރު ވިދާޅުވި އެވެ.

ދަރަންޏަށް ބަލާއިރު، 2022 ވަނަ އަހަރު ދައްކަންޖެހޭ ޔޫރޯ ބޮންޑުގެ ބައެއް ރީފައިނޭންސް ކުރެވިގެން ދިއުމުން، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުން 210 މިލިއަން ޑޮލަރު ސަލާމަތް ކުރެވިގެން ދިޔަކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. މިނިސްޓަރު ވިދާޅުވީ އެ ފައިސާ މި އަހަރުގެ ބަޖެޓަށް ސަޕްލިމެންޓް ކުރާނެ ކަމަށެވެ.

"މި ހާލަތާ އެއްކޮށް 2022 ވަނައަހަރު ގޮސް 250 މިލިއަން ޑޮލަރު ދައްކަން މަސައްކަތް ކޮށްފިއްޔާ ދެވޭނީ ޑިސްޓްރެސް އެކްސްޗޭންޖެއް ގޮތަށް. އެއީ ވަރަށް ބޮޑު ރިސްކަކަށް އެބަވޭ. އެހެންވީމަ 250 މިލިއަން ޑޮލަރުގެ ރިސްކް މި މެނޭޖް ކުރީ މިހާރު ގާތްގަނޑަކަށް އިތުރު 7 މިލިއަން ިއިންޓްރެސްޓް ކޮސްޓުގަ،" މިނިސްޓަރު ވިދާޅުވި އެވެ.

ދައުލަތުގެ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ބޭރުގެ ފަރާތަކަށް 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކަން ވެސް ސަރުކާރުން ވަނީ ނިންމައިފައެވެ. އައިސީޑީ އާއި ގުޅިގެން އެ ސުކޫކު އިޝޫކުރުމަށް ސަރުކާރުން ކަނޑައަޅާ 100 ޕަސެންޓް ދައުލަތުން ހިއްސާވާ ސްޕެޝަލް ޕާޕަސް ވެހިކަލް (އެސްޕީވީ) އަށް ދައުލަތުގެ އެސެޓެއްގެ ބެނެފިޝަލް އޯނަޝިޕް ބަދަލުކުރަން ޖެހެއެވެ.

އެ ސުކޫކު އިޝޫ ކުރުމަށް ދަރުމަވަންތަ ހޮސްޕިޓަލްގެ އޯނާޝިޕް ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލު ކުރަން ވަނީ ނިންމައިފަ އެވެ. ދައުލަތުގެ ބަޖެޓުގައި، 2018 އިން 2022 ގެ ނިޔަލަށް ރާއްޖެއިން ބޭރަށް ބޮންޑު ނުވަތަ ސުކޫކު ވިއްކައިގެން 4.26 ބިލިއަން ރުފިޔާ ހޯދުމަށް ވަނީ ހިމަނައިފައެވެ.

comment ކޮމެންޓް