ކުނި ނަގާ މީހުންނަށް އަނިޔާވުން ގިނަ، ކުނި ބަންދުކުރުމުގައި ސަމާލުވާން އެދިއްޖެ

އޭޕްރީލް 16، 2020: މާލޭގެ ގެއަކުން ނެރެފައިވާ ކުނި ކޮތަޅުތަކެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރަނގަޅަށް ކުނި ބަންދުނުކުރުމުގެ ސަބަބުން ކުނި ނެގުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ވެމްކޯގެ ވެށިފާރަވެރިނަށް އަނިޔާވަމުން އަންނާތީ، ރަނގަޅަށް ކުނި ބަންދުކުރުމަށް އެ ކުންފުނިން އަންގައިފި އެވެ.

ރޭ މާލޭ ގެއަކުން ނެރުނު ކުނިތަކެއްގެ ތެރޭ ހުރި ފުޅި ތޮށިތަކެއް އަތަށް ވަދެ، ވެމްކޯގެ މުވައްޒަފެއްގެ ނާރު ވަނީ ބުރިވެފަ އެވެ.

އެ ހާދިސާއާ ގުޅިގެން ވެމްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ހާދިސާގެ އިތުރުން، މި މަހުގެ 27 ވަނަ ދުވަހާ ހަމައަށް ފުރަމާލެ ސަރަހައްދުގައި މަސައްކަތްކުރާ ވެމްކޯގެ މުވައްޒަފުންނަށް އެފަދަ އިތުރު ތިން ހާދިސާއަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އަދި އެ ހާދިސާތަކުގައި އެކި ވަރުގެ ހާނީއްކައާއި އަނިޔާތައް ލިބިފައިވާ ކަމަށެވެ.

ކުނި ނެގުމުގެ ބުރަ މަސައްކަތްކުރާ ވެށިފާރަވެރިންނަކީ އެ ކުންފުނީގެ ބޮޑު ޒިންމާއެއްކަން ފާހަގަކޮށް ވެމްކޯ އިން ބުނީ، މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި، މަސައްކަތުގައި އުޅޭ ކޮންމެ ފަރާތަކަށް ވެސް ރައްކާތެރިކަމުގެ އަންގި، މާސްކް އަދި އެހެނިހެން އާލާތްތައް ބަރާބަރަށް ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

"ކަން މިހެން ހުރުމާއެކު ވެސް ހިތާމައަކީ، ގިނަ އަދަދެއްގެ ކަސްޓަމަރުން މި ކޯޕަރޭޝަނުން އާންމުކޮށްފައިވާ ކުނި ބަންދުކުރުމުގެ މިންގަނޑަށް ބެލުމެއްނެތި ކުނި ނެރެމުންދިއުމެވެ. އަދި މީގެ ސަބަބުން މި ކޯޕަރޭޝަންގެ ވެށިފާރަވެރިންނަށް އެކި ކަހަލަ ހާނީއްކައާއި އަނިޔާ މެދުކެނޑުމެއްނެތި ލިބެމުން ދިއުމެވެ." ވެމްކޯގެ ބަޔާނުގައި ބުނެފައިވެ އެވެ.

ވެމްކޯއިން ބުނީ ކޮވިޑްގެ މި ހައްސާސް ދަނޑިވަޅުގައި ވެސް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޒަރޫރީ ހިދުމަތްތައް ދިނުމުގައި ވެމްކޯގެ މުވައްޒަފުން ދެމިތިބި ކަމަށެވެ.

ނަމަވެސް ގޭބިސީތަކުން ކުނި ނެގުމަށް އެ ކޯޕަޜޭޝަނުން އާންމުކޮށްފައިވާ ކުނި ބަންދުކުރުމުގެ މިންގަނޑަށް ގިނަ ފަރާތްތަކުން އަމަލުނުކުރާ މައްސަލަ އިތުރުވެފައިވާ ކަމަށެވެ. އެގޮތުން ބިއްލޫރި އާއި ދަގަނޑާއި އެހެނިހެން ތޫނު އެއްޗެހި ރަނގަޅަށް ބަންދުނުކޮށް ނެރުމުމުގެ ސަބަބުން، ސީރިއަސް ޒަހަމްތަކަށް އެ ކޮޕަރޭޝަންގެ މުވައްޒަފުން ހުށަހެޅުމުގެ ފުރުސަތު އޮތް ކަން ވެސް ފާހަގަކުރި އެވެ.

އެހެންކަމުން އެފަދަ ހާދިސާތައް ތަކުރާރު ވިޔަ ނުދިނުމަށް ކުނި ބަންދުކުރުމުގައި މިހާރަށް ވުރެ ބޮޑަށް ސަމާލުވުމަށް ކަސްޓަމަރުންނަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

comment ކޮމެންޓް