ގައްޒާ އާރާސްތު ކުރުމަށް ދޭ އެހީގައި އަތެއް ނުލާނަން: ހަމާސް

ހަމާސްއިން ވަނީ ގައްޒާ އާރާސްތު ކުރުމަށް ދޭ އެހީގައި އަތް ނުލާނެ ކަމަށް ބުނެފަ -- ފޮޓޯ: ރޮއިޓާސް

ގުދުސް (މެއި 27): އިސްރާއީލުން މި މަހުގެ ތެރޭގައި ގައްޒާއަށް ދިން ހަމަލާތަކާ ގުޅިގެން އެ ސަރަހައްދު އާރާސްތު ކުރުމަށް ދޭ ބައިނަލްއަގުވާމީ އެހީގައި އަތެއް ނުލާނެކަމަށް ފަލަސްތީނުގެ ހަމާސް ޖަމާއަތުން ބުނެފި އެވެ.

ހަމާސްގެ ސިޔާސީ ފިޔައިގައި އިސްކޮށް ހުންނަވާ ޔަހުޔާ ސިންވާރު ވިދާޅުވި ގޮތުގައި ބޭރުގެ ފަރާތްތަކުން ގައްޒާއަށް ފޮނުވާ އެހީ ބަހާނީ ވަކި ފަރާތަކަށް ނުޖެހި، ދެފުށް ފެންނަ ގޮތަކަށެވެ.

"ޣައްޒާ އާރާސްތު ކުރުމަށް ދޭ ކޮންމެ ބައިނަލްއަގުވާމީ ނުވަތަ އަރަބި އެހީއަކަށް އަޅުގަނޑުމެން މަރުހަބާ ކިޔަން. އަދި [ގައްޒާ] އާރާސްތު ކުރުމާއި އިންސާނީ އެހީގެ ގޮތުގައި ދޭ އެންމެ ލާރިއެއްވެސް އަޅުގަނޑުމެން ނުނަގާނެ ކަމުގެ ޔަގީންކަންދެން. އަދި މީގެ ކުރިންވެސް އަޅުގަނޑުމެން ނަގާފައި ނުވާނެ،" ސިންވާރު ވިދާޅުވި އެވެ.

ސިންވާރު އެފަދައިން ވިދާޅުވީ ގައްޒާ އާރާސްތު ކުރުމަށް އެމެރިކާއިން އެހީ ފޯރުކޮށްދޭނެ ކަމަށް އެގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވިދާޅުވި ފަހުންނެވެ. އަދި އެގައުމުން އެހީ ދިން ނަމަވެސް އޭގެ އެއްވެސް ފައިދާއެއް ހަމާސްއަށް ކޮށްގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން އެމެރިކާއިން ވަނީ ހަމާސްއަކީ ޓެރަރިސްޓު ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ.

އެމެރިކާއިން ނިންމާފައި ވަނީ ގައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ފަލަސްތީނިއަން އޮތޯރިޓީ (ޕީއޭ)އާ ގުޅިގެން މަސައްކަތް ކުރުމަށެވެ.

ސިންވާރު ވިދާޅުވި ގޮތުގައި އެމެރިކާއިން ހަމާސްއާ ބެހޭ ގޮތުން އެގޮތަށް ވާހަކަ ދައްކާފައި ވަނީ އެ ޖަމާއަތާއި ޕީއޭއާ ދެމެދު އޮތް ބައިބައިވުން އިތުރު ކުރުމަށެވެ.

އިސްރާއީލުން މި މަހުގެ 10އިން ފެށިގެން 11 ދުވަސް ވަންދެން ގައްޒާއަށް ދިން ވަރުގަދަ ހަމަލާތަކުގައި ފަލަސްތީނުގެ 254 މީހަކު މަރުވި އިރު އޭގެ ތެރޭގައި 66 ކުޑަކުދިން ހިމެނުނު ކަމަށް ސިއްހީ އޮފިޝަލުން ވިދާޅުވި އެވެ. އަދި އިސްރާއިލަށް އަމާޒުވި ހަމަލާތަކުގައި 12 މީހަކު މަރުވި ކަމަށް އެގައުމުން ބުންޏެވެ.

އެހަމަލާތަކާ ގުޅިގެން އިނގިރޭސިވިލާތުން ވަނީ، ފަލަސްތީނުގެ ރެފިއުޖީންނަށް އެހީތެރިވެދޭ އދ.ގެ އިދާރާއަށް 4.5 މިލިއަން ޑޮލަރުގެ ކުއްލި އެހީ ދޭނެ ކަމަށް ބުނެފަ އެވެ. އަދި ޔޫރަޕިއަން ކޮމިޝަނުން ވަނީ އީޔޫއިން ފަލަސްތީނަށް ފޯރުކޮށްދޭ އިންސާނީ އެހީއަށް 9.8 މިލިއަން ޑޮލަރު އިތުރު ކުރާނެ ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް