ފިނޭންސް މިނިސްޓަރަށް ލަފާދޭން ބޭރުގެ އެޑްވައިޒަރެއް

މިނިސްޓަރަށް ލަފާ އެރުވުމަށް ބައިނަލްއަގްވާމީ އެޑްވައިޒަރެއްގެ ގޮތުގައި ހަމަޖެއްސެވި ޑރ. ޝާންތާ ޑެވަރަޖަން

ފިނޭންސް މިނިސްޓަރަށް ލަފާ އެރުވުމަށް ބޭރުގެ އެޑްވައިޒަރަކު ހަމަޖައްސައިފި އެވެ.

ފިނޭންސް މިނިސްޓްރީ އިން ބުނި މިނިސްޓަރަށް ލަފާ އެރުވުމަށް ބައިނަލްއަގްވާމީ އެޑްވައިޒަރެއްގެ ގޮތުގައި، ޑރ. ޝާންތާ ދޭވަރާޖަން ހަމަޖައްސާފައިވާ ކަމަށެވެ.

ޑރ. ދޭވަރާކަންއަކީ ވޯލްޑް ބޭންކް ގްރޫޕްގެ އެކްޓިން ޗީފް އިކޮނޮމިސްޓް އަދި ޑިވެލޮޕްމަންޓް އިކޮނޮމިކްސްގެ ސީނިއާ ޑިރެކްޓަރުގެ މަގާމު އަދާކޮށްފައިވާ ބޭފުޅެކެވެ.

އޭނާއަކީ ޖޯޖްޓައުން ޔުނިވާސިޓީގެ ޕްރެކްޓިސް އޮފް އިންޓަނޭޝަނަލް ޑިވެލޮޕްމަންޓްގެ ޕްރޮފެސަރެކެވެ. މީގެ ކުރިން، ވޯލްޑް ބޭންކްގެ މިޑްލް އީސްޓް، ނޯތު އެފްރިކާ އަދި ސައުތު އޭޝިއާ ސަރަހައްދުތަކުގެ ޗީފް އިކޮނޮމިސްޓްގެ މަގާމުގެ އިތުރުން، 2004 ގެ ވޯލްޑް ޑިވެލޮޕްމަންޓް ރިޕޯޓުގައި ވެސް މަސައްކަތް ކުރައްވާފައި ވެއެވެ. އަދި 1991 ވަނަ އަހަރާއި ހަމައަށް، ޑރ. ދޭވަރާޖަން ވަނީ ހާވާޑް ޔުނިވާސިޓީގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.

ޑރ. ދޭވަރާޖަން ވަނީ އިކޮނިމިކްސްގެ ދާއިރާއިން ޔުނިވާސިޓީ އޮފް ކެލިފޯނިއާ އިން ޕީއެޗްޑީ އަދި ޕްރިންސްޓަން ޔުނިވަރސިޓީ އިން ހިސާބުގެ ރޮނގުން ޑިގްރީ ހާސިލު ކުރައްވައިފަ އެވެ.

މިނިސްޓަރަށް ލަފާ އަރުވާ ބައިނަލްއަގުވާމީ އެޑްވައިޒަރަކަށް ޑރ. ދޭވަރާޖަން ހަަމަޖެއްސެވުމާ ގުޅިގެން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ޑރ. ދޭވަރާޖަންގެ އިރުޝާދާއި ލަފާގެ މަތިން ބައިނަލްއަގްވާމީ ފަރާތްތަކާއެކު އޮންނަ ގުޅުން ވަރުގަދަކުރުމަށާއި، ކޮވިޑް-19 ގެ ޕެންޑަމިކް ހާލަތުން އަރައިގަނެ، އިގުތިސާދު އަލުން އާރާސްތުކޮށް އަދި މއެފަދަ ކަންކަމުން ރައްކާތެރިކުރެވިފައިވާ އިގުތިސާދެއް ބިނާކުރުމަށް މަގުފަހިވާނެ ކަމަށެވެ.

comment ކޮމެންޓް