އަމާޒަކީ ޓެކްނޮލަޖީ އާ އަރާ ހަމަކުރުން: ޝައުނާ

ޓެކްނޮލަޖީ މިނިސްޓަރު އާމިނަތު ޝައުނާ -- ސަން ޕޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރާއްޖެ އުފެދިފައިވާ ގޮތުން ޓެކްނޮލަޖީ އަށް ބަރޯސާ ނުވެ ތަރައްގީ ނުގެނެވޭނެ ކަމަށާއި، އަމާޒަކީ ޓެކްނޮލަޖީ އަށް އައިސްފައިވާ ކުރިއެރުންތަކާ އަރާ ހަމަކުރުން ކަމަށް ޓެކްނޮލަޖީ މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެެއްޖެ އެވެ.

އިންޓަނެޓުގެ އަގަށް ގެނައި ހެޔޮ ބަދަލު އާންމު ކުރުމަށް މިއަދު ބޭއްވި އިވެންޓުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ ރާއްޖެ އަކީ އުފެދުމުގައިވެސް، ތަރައްގީގެ ކަންކަމުގައިވެސް ޓެކްނޮލަޖީ އަށް ބަރޯސާވަން ޖެހިފައިވާ ގައުމެއް ކަމަށެވެ.

"އެއް އޮފީހުން އެއް ތައްގަނޑު ޖަހައިގެން، އަނެއް އޮފީހުން އިނގލީގެ ނިޝާން ޖަހައިގެން އަނެއް އޮފީހުން އައިޑީކާޑުގެ ކޮޕީ ހައްދައިގެން ނޫނީ އާންމު ހިދުމަތެއް ލިބޭ ވަރެއް ނުވޭ. ރައްޔިތުންގެ ވަރަށް ގިނަ ވަގުތުތައް ހޭދަ ކުރެވެނީ މިފަދަ ތަކުލީފުތައް ތަހައްމަލު ކުރުމުގައި،" މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުގެ އަމާޒަކީ އެ ކަންކަން ހުއްޓުމަކަށް ގެނެސް ސަރުކާރުން ދޭ ހިދުމަތްތައް އޮންލައިންކޮށް މުޅި ސަރުކާރު ގުޅާލުން ކަމަށް ޓެކްނޮލަޖީ މިނިސްޓަރު ވިދާޅުވި އެވެ.

ޑިޖިޓަލް އައިޑީގެ ހިދުމަތް ދޭން ފަށައި، ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލުތައް މާލޭގައި ހުންނަ ޓާޝަރީ ހޮސްޕިޓަލުތަކާ ގުޅާލުމަކީ އަމާޒު ކަމަށް ވިދާޅުވި އެވެ.

"ޑިޖިޓަލް އައިޑީގެ ހިދުމަތްތައް ދޭން ފެށި، ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކާއި މާލޭގައި ހުންނަ މައި ޓާޝަރީ ހޮސްޕިޓަލްތަކާއިވެސް ގުޅާލުން. ކޮވިޑް ރޯގާގެ ދަތިތަކުން އަޅުގަނޑުމެންނަށް ދަސްވި އެންމެ މުހިއްމު އެއް ކަމަކީ ގޭގައި ހުރެގެންވެސް މަސައްކަތް ކުރެވިދާނެކަން. ގޭގައި ތިބެގެންވެސް ބައްދަލުވުންތަކުގައިވެސް އަޅުގަނޑުމެންނަށް ބައިވެރިވެވިދާނެކަން. ކައުންސިލަރުންނަށްވެސް ރަށުގައި ތިއްބަވައިގެންވެސް ވަޒީރުންނާއިއެކު ވެސް އަދި ސަރުކާރުގެ އެކިއެކި މުއައްސަސާތަކާއިއެކު ބައްދަލުވުންތައް ބޭއްވިދާނެކަން،" މިނިސްޓަރު ވިދާޅުވިއެވެ.

ޓެކް މިނިސްޓަރު ޝައުނާ ވިދާޅުވީ އިންޓަނެޓަކީ މިހާރު އަސާސީ ހިދުމަތެއް ކަމަށާއި އަތްފޯރާ ފަށުގައި އިންޓަނެޓު ފޯރުކޮށްދިނުމަަކީ ސަރުކާރުގެ ވައުދެއް އަދި އަމާޒެއް ކަމަށެވެ.

"ކޮވިޑްގެ ބަލި މުޅި ރާއްޖެއަށް ފެތުރި ރަށު ބަންދާއި ގޭ ބަންދުގައި އަޅުގަނޑުމެން ތިބެން ޖެހުމާއިއެކު މިހިދުމަތުގެ ފެންވަރު ރަނގަޅުކޮށް އަދި އަގަށް ހެޔޮ ބަދަލުތައް ގެންނަން މިއަދަށްވުރެ ވަކި މުނާސަބު ވަގުތެއް ނެތް،" އިންޓަނެޓުގެ އަގަށް މިއަދު ގެނައި ބަދަލާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވި އެވެ.

އިންޓަނެޓުގެ އަގަށް ގެނައި ބަދަލާއެކު ރެޒިޑެންޝަލް އިންޓަނެޓު ހިދުމަތުގެ އަގުން 60 ޕަސެންޓާއި 75 ޕަސެންޓާ ދެމެދަށް އަގު ހެޔޮވާނެ އެވެ. އަދި މިއާ އެކު ތްރޮޑްލް ސްޕީޑުވެސް ދެ ގުނަ މަތިވާނެ އެވެ.

މިއާރު އެވްރެޖުކޮށް ތްރޮޓްލް ސްޕީޑު ހުންނަނީ އެއް އެމްބީޕީއެސް އާއި ދެ އެމްބީޕީއެސް އާ ދެމެދު އެވެ.

ރެޒިޑެންޝަން އިންޓަނެޓުގެ ހިދުމަތުގެ އަގުތަކަށާއި ސްޕީޑަށް ސަރުކާރުން ބަދަލު ގެންނަން ނިންމާފައިވާ ގޮތަކީ:

  • ފަސް އެމްބީޕީއެސް ސްޕީޑުގައި 30 ޖީބީގެ އެލަވެންސް 250 ރުފިޔާ އަށް، ތްރޮޓްލް ސްޕޯޑު ދެ އެމްބީޕީއެސް
  • 15 އެމްބީޕީއެސް ސްޕީޑުގައި 100 ޖީބީގެ އެލަވެންސް 500 ރުފިޔާ އަށް، ތްރޮޓްލް ސްޕީޑު ފަސް އެމްބީޕީއެސް
  • 25 އެމްބީޕީއެސް ސްޕީޑުގައި 200 ޖީބީ އެލަވެންސް 700 ރުފިޔާ އަށް، ޓްރޮޓްލް ސްޕީޑު ފަސް އެމްބީޕީއެސް

އިންޓަނެޓުގެ އަގަށް ބަދަލު ގެންނަން ނިންމާފައި ވަނީ ފޭސްތަކަކަށް ބަހާލައިގެންނެވެ.

އެގޮތުން ފުރަތަމަ ފޭސްގައި، ދިރާގާއި އުރީދޫގެ ރެޒިޑެންޝަން އިންޓަނެޓު ހިދުމަތުގެ އަގު ޖުލައި މަސް ތެރޭ 28 ޕަސެންޓާއި 30 ޕަސެންޓާ ދެމެދަށް ދަށްކޮށް ތްރޮޓްލް ސްޕީޑަށް ބަދަލު ގެންނަން ވަނީ ނިންމައިފަ އެވެ. އަދި ދެވަނަ ފޭސްގައި، އޮކްޓޫބަރު 2021 އިން ފެށިގެން މޯބައިލް ބްރޯޑްބޭންޑްގެ ހިދުމަތަށް ބަދަލު ގެންނަން ވަނީ ނިންމައިފަ އެވެ.

މިއަދު އިއުލާނު ކުރި ބަދަލާއެކު މޮބައިލް އިންޓަނެޓުގެ އަގު ވެސް ހެޔޮވެ، ޕްރިޕެއިޑް އާއި ޕޯސްޓްޕެއިޑްގެ ޑޭޓާ އެލަވަންސް އަދި މޮބައިލް ބްރޯޑްބޭންޑުގެ އެލަވަންސް 20 ޕަސެންޓާ ހަމައަށް އިތުރު ވެގެންދާނެ އެވެ.

ސަރުކާރުން ކަނޑައަޅާފައިވަނީ 300 ރުފިޔާ އިން މަތީގެ ޕެކޭޖުތަކުގެ ތްރޮޓްލް ސްޕީޑު ފަސް އެމްބީޕީއެސް އަށް ވުރެ ދަށް ނުކުރުމަށެވެ.

comment ކޮމެންޓް