ކުނިތަކެއް ތެރޭ އޮތް ފުޅި ތޮށިތަކެއް އަތަށް ވަދެ، ވެމްކޯ މުވައްޒަފެއްގެ ނާރު ބުރިއްވެއްޖެ

ވެމްކޯގެ މުވައްޒަފުގެ އަތުގެ ނާރު ބުރިވެފައި --- ސަން ފޮޓޯ

މާލޭ ގެއަކުން ނެރުނު ކުނިތަކެއްގެ ތެރޭ ހުރި ފުޅި ތޮށިތަކެއް އަތަށް ވަދެ، ވެމްކޯގެ މުވައްޒަފެއްގެ ނާރު ބުރިވެއްޖެ އެވެ.

އުމުރުން 24 އަހަރުގެ ދިވެހި އެ ފިރިހެން މީހާ އަތަށް ފުޅި ތޮށި ވަނީ ރޭ 11:00 އެހާކަންހާއިރު އެވެ.

އޭނާގެ އަންހެނުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ، ކުނި ކޮތަޅުތަކުގެ ތެރޭގައި ހުރި ފުޅި ތޮށިގަނޑަކުން އޭނާގެ ފިރިމީހާގެ އަތް ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށެވެ. އަދި އަތް ކަފައިގެން ދިޔުމުގެ ސަބަބުން މިހާރު އޮޕަރޭޝަން ކުރަން ޖެހިފައިވާ ކަމަށް އޭނާ ބުންޏެވެ.

"ފުޅިތޮށިގަނޑަކުން އަތް ކަފައިގެން ގޮސް، އަތުގެ ނާރެއް ވަނީ ބުރިވެފައި. އޮޕަރޭޝަންކޮށްގެން ނާރު ނަގަން ޖެހޭނީ. އެތަން އެނޫން ގޮތަކަށް ފެހޭކަށް ނެތް،" ޒަހަމްވި މިހާގެ އަންހެނުންގެ ޕޯސްޓުގައި ލިޔެފައިވެ އެވެ.

އެހާ ފަރުވާކުޑަކޮށް، ކުނިކޮތަޅު ތެރެއަށް ފުޅި ތޮށި އަޅާފައި ހުރުމުން އެކަމުގެ ކަންބޮޑުވުންވެސް އޭނާ ފާޅުކުރި އެވެ. އަދި އެއަށްވުރެ ފަރުވާތެރިވެ އެފަދަ ނުރައްކަލެއް ކުރިމަތިވެދާނެ އެއްޗެހި ކުނި ކޮތަޅުގެ ތެރެއަށް ނޭޅުމަށް އޭނާ ވަނީ އެދިފަ އެވެ.

"ފަރުވާކުޑަކޮށް، ފުޅި ތޮށި ކަހަލަ އެއްޗެއްހިި ބެހެއްޓުމަކީ ވަރަށް ބޮޑު ނުރައްކާތަކާ ކުރިމަތިލާން ޖެހިދާނެ ކަމެއްކަމަށް ހުރިހާ ބޭފުޅުންވެސް ގަބޫލު ކުރަން ޖެހޭ. ވެމްކޯ މުވައްޒަފުންނަކީވެސް އެއީ އިންސާނުންކަން ދަންނަ ޖެހޭ،" އޭނާ ބުންޏެވެ.

އާއިލާގެ ފަރާތުން "ސަން"އާ ވާހަކަ ދެއްކި މީހަކު ބުނީ، އޭނާ އޮޕަރޭޝަން ކުރުމަށް މިހާރު އައިޖީއެމްއެޗްގެ ތިއޭޓާއަށް ވާއްދާފައިވާ ކަމަށެވެ.

"އަތުގެ އެއް ނާރު އޮތީ ބުރިވެ، މައްޗަށް އަރާފައި. އަދި ވީ އޮޕަރޭޝަން ތިއޭޓާގައި،" އޭނާ ބުންޏެވެ.

އާއިލާއިން "ސަން"އާ ހިއްސާ ކުރި ފޯޓޯތަކުން ފެންނަނީ ބިއްލޫރި ވަނުމުގެ ސަބަބުން އޭނާގެ ވާތު އަތްތިލަ ކައިރީ ފުނަށް ކަފައިގެން ގޮސްފައިވާ ތަނެވެ. އަދި އާއިލާއިން ވާހަކަ ދެއްކި މީހާ ބުނި ގޮތަށް ބުރިވި ނާރުވެސް ފެންނަ ހުއްޓެވެ.

އުމުރުން 24 އަހަރުގެ ފިރިހެން މީހާގެ އަތުގެ ނާރު ބުރިވެފައި، އޭނާ މިހާރުވީ އޮޕަރޭޝަން ކުރުމަށް ތިއޭޓަރަށް ވައްދާފައި، --- ސަން ފޮޓޯ

މަސައްކަތުގައި އުޅުމުގެ ތެރޭގައި ވެމްކޯ މުވައްޒަފުގެ ނާރު ބުރިވިކަން އެ ކުންފުނިންވެސް "ސަން"އަށް ކަށަވަރުކޮށްދެ އެވެ.

އެ ކުންފުނީގެ ބިޒްނެސް ޑިވެލޮޕްމަންޓުގެ ޖެނެރެލް މެނޭޖާ އިސްމާއިލް އުބައިދު ވިދާޅުވީ، ކުންފުނީގެ މުވައްޒަފުން މަސައްކަތް ކުރާނީ ސަލާމަތީ ފިޔަވަޅު އަޅައިގެން ކަމަށާއި އަދި އަތަށް ލެވުމަށް އަންގި މުވައްޒަފުންނަށް ދޭ ކަމަށެވެ.

އެއީ ވަރަށް ހިތާމަވެރި ހާދިސާއެއްކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ އާންމުން ކުނި ނެރޭ އިރު އެފަދަ ކަންކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.

"ބިއްލޫރިފަދަ ތަކެތި ކުނިކޮތަޅަށް އަޅާއިރު، ރަނގަޅަށް ޕެކް ކުރުމަށްފަހު ކުނި ނެރުމަށް އަޅުގަނޑުމެން މީގެ ކުރިންވެސް ވާނީ އެދިފައި. އާންމުން މިކަމަށް ވަރަށް ބޮޑަށް ސާމާލުކަން ދޭން ޖޭހޭ، ކުނި ނެރޭއިރު އޭގައި ދެވަނަ ބަޔަކު އަތްލާނެ ކަން އާންމުންވެސް ހަނދުމަފުޅު ކުރަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ކުނި ކޮތަޅަށް އަޅާ މިފަދަ ތަކެތީގެ ސަބަބުން ދޭތެރެ ދޭތެރެއިން ވެމްކޯ މުވައްޒަފުންނަށް ގެއްލުންވެ އެވެ. އެގޮތުން މިމަހު 10 ވަނަ ދުވަހުވެސް ހުޅުމާލޭގައި ކުނި ނެގުމަށް ހަރަކާތެރިވި ވެމްކޯ މުވައްޒަފެއްގެ އަތް ޒަހަމްވި އެވެ. ނަމަވެސް އެފަހަރު އޭނާއަށް މާބޮޑު އަނިޔާއެއް ނުވާ ކަމަށް ވެމްކޯއިން ބުނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް