ތްރޮޓްލް ސްޕީޑު އިތުރުކޮށް އިންޓަނެޓުގެ އަގަށް ގެނައި ބަދަލު އާންމުކޮށްފި

އެންވާރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ މިއަދު އިންޓަނެޓުގެ އަގަށް ގެނައި ބަދަލު އިއުލާނުކުރައްވަނީ --

ތްރޮޓްލް ސްޕީޑު އިތުރުކޮށް އިންޓަނެޓުގެ އަގަށް ގެންނަ ބަދަލު އާންމު ކޮށްފި އެވެ.

އެގޮތުން ރެޒިޑެންޝަން އިންޓަނެޓުގެ ހިދުމަތުގެ އަގުތަކަށާއި ސްޕީޑަށް ސަރުކާރުން ބަދަލު ގެންނަން ނިންމާފައިވާ ގޮތަކީ:

  • ފަސް އެމްބީޕީއެސް ސްޕީޑުގައި 30 ޖީބީގެ އެލަވެންސް 250 ރުފިޔާ އަށް، ތްރޮޓްލް ސްޕޯޑު ދެ އެމްބީޕީއެސް
  • 15 އެމްބީޕީއެސް ސްޕީޑުގައި 100 ޖީބީގެ އެލަވެންސް 500 ރުފިޔާ އަށް، ތްރޮޓްލް ސްޕީޑު ފަސް އެމްބީޕީއެސް
  • 25 އެމްބީޕީއެސް ސްޕީޑުގައި 200 ޖީބީ އެލަވެންސް 700 ރުފިޔާ އަށް، ޓްރޮޓްލް ސްޕީޑު ފަސް އެމްބީޕީއެސް

މި ބަދަލާއެކު ރެޒިޑެންޝަލް އިންޓަނެޓު ހިދުމަތުގެ އަގުން 60 ޕަސެންޓާއި 75 ޕަސެންޓާ ދެމެދަށް އަގު ހެޔޮވާނެ ކަމަށް ސަރުކާރުން ބުންޏެވެ. އަދި މިއާ އެކު ތްރޮޑްލް ސްޕީޑު ދެ ގުނަ މަތިވާނެ ކަމަށް ވެސް ބުންޏެވެ.

މިއާރު އެވްރެޖުކޮށް ތްރޮޓްލް ސްޕީޑު ހުންނަނީ އެއް އެމްބީޕީއެސް އާއި ދެ އެމްބީޕީއެސް އާ ދެމެދު އެވެ.

އިންޓަނެޓުގެ އަގަށް ބަދަލު ގެންނަން ނިންމާފައި ވަނީ ފޭސްތަކަކަށް ބަހާލައިގެންނެވެ.

އެގޮތުން ފުރަތަމަ ފޭސްގައި، ދިރާގާއި އުރީދޫގެ ރެޒިޑެންޝަން އިންޓަނެޓު ހިދުމަތުގެ އަގު ޖުލައި މަސް ތެރޭ 28 ޕަސެންޓާއި 30 ޕަސެންޓާ ދެމެދަށް ދަށްކޮށް ތްރޮޓްލް ސްޕީޑަށް ބަދަލު ގެންނަން ވަނީ ނިންމައިފަ އެވެ. އަދި ދެވަނަ ފޭސްގައި، އޮކްޓޫބަރު 2021 އިން ފެށިގެން މޯބައިލް ބްރޯޑްބޭންޑްގެ ހިދުމަތަށް ބަދަލު ގެންނަން ވަނީ ނިންމައިފަ އެވެ.

އިންޓަނެޓުގެ އަގަށާއި ސްޕީޑަށް ގެނައި ބަދަލާ އެކު އާދައިގެ މިންވަރަކަށް އިންޓަނެޓު ބޭނުން ކުރާ ފަރާތްތަކަށާއި ސްކޫލު ކުދިންގެ އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިން ބޭނުންތަކަށް، އަދި އައިސީޓީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށްވެސް ފައިދާ ލިބޭނެ ކަމަށް ސަރުކާރުން ބުންޏެވެ.

ތްރޮޓްލް ސްޕީޑަށް ގެނައި ބަދަލާއެކު. ޕެކޭޖު ހުސްވެ، ތްރޮޓްލް ވުމުންވެސް އާންމު ބޭނުންތަކަށް އެކަށޭނަ ވަރަކަށް ސްޕީޑު އަވަސްވާނެ އެވެ.

ސަރުކާރުން ކަނޑައަޅާފައިވަނީ 300 ރުފިޔާ އިން މަތީގެ ޕެކޭޖުތަކުގެ ތްރޮޓްލް ސްޕީޑު ފަސް އެމްބީޕީއެސް އަށް ވުރެ ދަށް ނުކުރުމަށެވެ.

އިންޓަނެޓުގެ އަގުތަކަށް ބަދަލު ގެނެސް އާންމު ކުރި އިރު، ކުރިއަށް އޮތް އޮން އަހަރުގެ ތެރޭގައި އިންޓަނެޓުގެ އަގު ހެޔޮ ކުރުމުގެ ސިޔާސަތު ތަންފީޒު ކުރުމަށް ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކުރަން ނިންމައިފަ އެވެ. އެގޮތުން އިންޓަނެޓުގެ ހިދުމަތުގެ ފެންވަރާއި އަގުތައް ރެގިއުލޭޓުކޮށް ރެގިއުލޭޓަރީ ފްރޭމްވޯކު ހަރުދަނާކޮށް އިންޓަނެޓުގެ ސްޕީޑާއި ކޮލެޓީ މޮނީޓާ ކުރަން ވަނީ ނިންމައިފަ އެވެ.

އަދި މިއަދު އަގުތަކަށް ގެނައި ބަދަލުގެ އިތުރުން، ހިދުމަތް ލިބިގަންނަ ފަރާތްތަކަށް މިއަށްވުރެވެސް އެކަށޭނަ އަގުތަކެއްގައި ހިދުމަތް ފޯރުކޮށްދިނުމަށް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ކުރެވިދާނެ ކަންތައް ހޯދުމަށް ސާވިސް ޕްރޮވައިޑަރުންނާއެކު އެއްބަސްވެފައިވާ ކަމަށް ސަރުކާރުން ބުންޏެވެ.

އިންޓަނެޓުގެ އަގަށް ގެނައި ބަދަލު އިއުލާނު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓާ އޮފް އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލަކީ އައިމިނަތު ޝައުނާ ވިދާޅުވީ އިންޓަނެޓުގެ ހިދުމަތަކީ މިހާރު އަސާސީ ހިދުމަތާ، މިހާރު ދިރިއުޅުމަށް ގެންނަން ޖެހިފައިވާ ބަދަލާއެކު އިންޓަނެޓުގެ ބޭނުން ކުރިއަށްވުރެ އެތައް ގުނައެއް ބޮޑުވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް މިއަދު މި ކަންކަމާ ގުޅޭ ހާލަތު އެބަ އެނގޭ. މަހުގެ މެދާ ހަމައަށް ދާއިރު ނެޓު ހުސްވުން. ހިދުމަތުގެ ފެންވަރު ދަށްވެ، ޖީމެއިލް ވެސް ހުޅުވާ ނުލެވުން. އަދި ފެމެލީ ވައިބާ ގްރޫޕަށް ލާ ފޮޓޯތައް އަޅުގަނޑުމެންނަށް ޑައުންލޯޑު ނުކުރެވުން. މި ހުންނަނީ ހައްތަހާވެސް ބޮޑެތި މައްސަލަތައް. ހަގީގަތަކީ ދިރިއުޅުމުގެ ހުރިހާ ކަމެއް ކުރުމަށްވެސް މިއަދު ނެޓަށް ބަރޯސާވާ މިންވަރު މިއަދު ވަނީ ބޮޑުވެފައި،" ޝައުނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކަށްވީ އިންޓަނެޓުގެ އަގަށް ޖުމްލަ ހެޔޮ ބަދަލެއް ގެނައުން ކަމަށެވެ.

މިނިސްޓަރު ޝައުނާ ވިދާޅުވީ ރާއްޖެ އަކީ އުފެދުމުގައިވެސް، ތަރައްގީގެ ކަންކަމުގައިވެސް ޓެކްނޮލަޖީ އަށް ބަރޯސާވަން ޖެހިފައިވާ ގައުމެއް ކަމަށެވެ. ޖަޒީރާ ގައުމުތަކަށް ދިމާވާ މައްސަލަތައް ހައްލު ކުރުމުގައި ޓެކްނޮލަޖީ މިހާރު ތަރައްގީ ކުރެވިފައިވާ ކަމަށާއި އަމާޒަކީ ޓެކްނޮލަޖީގެ ކުރިއެރުންތަކާ ރާއްޖެ އަރާ ހަމަކުރުން ކަމަށެވެ.

"އެއް އޮފީހުން އެއް ތައްގަނޑު ޖަހައިގެން، އަނެއް އޮފީހުން އިނގލީގެ ނިޝާން ޖަހައިގެން އަނެއް އޮފީހުން އައިޑީކާޑުގެ ކޮޕީ ހައްދައިގެން ނޫނީ އާންމު ހިދުމަތެއް ލިބޭ ވަރެއް ނުވޭ. ރައްޔިތުންގެ ވަރަށް ގިނަ ވަގުތުތައް ހޭދަ ކުރެވެނީ މިފަދަ ތަކުލީފުތައް ތަހައްމަލު ކުރުމުގައި،" މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުގެ އަމާޒަކީ އެ ކަންކަން ހުއްޓުމަކަށް ގެނެސް ސަރުކާރުން ދޭ ހިދުމަތްތައް އޮންލައިންކޮށް މުޅި ސަރުކާރު ގުޅާލުން ކަމަށް ޓެކްނޮލަޖީ މިނިސްޓަރު ވިދާޅުވި އެވެ.

ޑިޖިޓަލް އައިޑީގެ ހިދުމަތް ދޭން ފަށައި، ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލުތައް މާލޭގައި ހުންނަ ޓާޝަރީ ހޮސްޕިޓަލުތަކާ ގުޅާލުމަކީ އަމާޒު ކަމަށް ވިދާޅުވި އެވެ.

comment ކޮމެންޓް