ހުރިހާވެސް މައްސަލައަކީ އިސްރާއީލުން ފަލަސްތީނުގެ ބިމަށް ވެރިވެގަނެގެންއުޅޭ އުޅުމަށް ހައްލެއް ނުހޯދުން: އުންރުވާ

ފިލިޕް ލައްޒަރީނީ

ޣައްޒާ (26 މޭ) : އިސްރާއީލާއި ފަލަސްޠީނާ ދެމެދު އޮތް މައްސަލައަކީ އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެންއުޅޭ މައްސަލަކަމަށާއި އެކަން ހައްލު ނުކުރާ ނަމަ ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އިންސާނީ ދަތިތަކާއި ނިކަމެތިކަމަށް ދުވަހަކު ވެސް ނިމުން ނާންނާނެ ކަމަށާއި އެކަން ދުވަހުން ދުވަހަށް ދާނީ އިތުރުވަމުންދާކަމަށް ފަލަސްތީނުގެ ރެފިއުޖީންނާބެހޭ އދ.ގެ އެޖެންސީން ބުނެފި އެވެ.

ފަލަސްތީނުގެ ރެފިއުޖީންނާބެހޭ އދ.ގެ އެޖެންސީ " ޔޫއެން ރިލީފް އެންޑް ވޯކް އެޖެންސީ ފޮރ ޕަލަސްޓީނިއަން ރެފިއުޖީސް" (އުންރުވާ)ގެ ކޮމިޝަނަރު ޖެނެރަލް ފިލިޕް ލަޒަރީނީ ވިދާޅުވި ގޮތުގައި ހުރިހާ ވެސް މައްސަލައަކީ އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެންއުޅޭ އުޅުމަށް ހައްލެއް ނުހޯދުމެވެ.

ފިލިޕް ވިދާޅުވިގޮތުގައި އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ އެބިންތައް އިސްތިޢުމާރުކޮށް އެބިންތަކުން ފޭބުމަށް ދެކޮޅުހަދާ މައްސަލަ މެދުއިރުމަތީގެ އަސްލު މައްސަލައެވެ.

ފަލަސްތީނުގައި ހުންނަ އުންރުވާގެ މައި އޮފީސް

މި މައްސަލަ ހައްލުނުވެ ދިގުލައިގެން ދިޔުމުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން ގެދޮރު ފޭރިގަތުމާއި ޣައްޒާ ހިސާރުކޮށް ބޮޑުޖަލެއްގޮތަށް ޣައްޒާގެ ރައްޔިތުން ޣައްޒާގެ ބައުންޑަރީ ތެރޭގައި ހައްޔަރުކޮށްގެން ގެންގުޅުމާއި ހިތުހުރި ގޮތަކަށް ފަލަސްތީނު ރައްޔިތުން ހައްޔަރުކުރުންފަދަކަންކަން ހުއްޓުމެއްނެތި އިސްރާއީލުން ކުރަމުން ގެންދާކަން ފިލިޕް ފާހަގަ ކުރެއްވި އެވެ.

ފިލިޕް މިހެން ވިދާޅުވެފައިވާއިރު އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކަން މެދުއިރުމައްޗަށް ފައްޓަވާފައިވާ ދަތުރުފުޅުގައި ވެސް އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެންއުޅޭ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ބްލިންކަން އިސްކަން ދެއްވަނީ އިސްރާއީލަށް އަމަންއަމާންކަން ހޯދައިދިނުމާއި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ މުޖާހިދުންގެ ޖަމާއަތްތަކަށް ފިޔަވަޅުއެޅޭނެ ގޮތްތަކާއި އެޖަމާއަތްތައް އެކަހެރި ކުރެވޭނެ ގޮތްތަކާ ބެހޭގޮތުންނެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މެދުއިރުމައްޗަށް ކުރައްވާ ދަތުރުފުޅުގައި އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ނަތަންޔަހޫ އާ ބައްދަލުކުރައްވަނީ

ފަލަސްތީނު ރައްޔިތުންނަށް ޓަކައި އެމެރިކާ ކޮށްދޭން ބޭނުންވާ ކަމެއްގެ ގޮތުގައި ބްލިންކަން ފާހަގަކުރައްވާ މައްސަލައަކީ ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މައްސަލައެކަންޏެވެ. ބްލިންކަންވަނީ ހިފާފައިވާ ގުދްސަށް ވަޑައިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާ ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވުމަށް ފަހު ފަލަސްތީނުގެ ރާމަﷲ އަށް ވަޑައިގެން ރައީސް މަހްމޫދު އައްބާސްއާ ބައްދަލުކުރައްވައިފަ އެވެ.

ބްލިންކަން ވިދާޅުވިގޮތުގައި އޭނާގެ ދަތުރުފުޅު ބިނާކޮށްފައި ވަނީ އިސްރާއީލާ ދެކޮޅަށް ފަލަސްތީނުގެ ޖަމާއަތްތަކުން ދޭ ހަމަލާތަކާއި އިސްރާއީލުން ދޭ ޙަމަލާތައް އަލުން ނުފެށޭނެގޮތަށް ހަމަލާތައް ހުއްޓާލަން އެއްބަސްވި އެއްބަސްވުން ހަރުދަނާކޮށް ގެން އިސްރާއީލަށް އަމަންއަމާންކަން ހޯދައިދިނުމާއި ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މައްޗަށެވެ.

ފަލަސްތީނުގެ ޖަމާއަތްތަކުން އިސްރާއީލަށް ހަމަލާދޭންޖެހޭ މައްސަލަކަމަށްވާ އިސްރާއީލުން ފަލަސްތީނުގެ ބިމަށް ވެރިވެގަނެގެން އުޅޭ މައްސަލައަށް ބްލިކެން އިޝާރާތް ކުރައްވާފައެއް ނުވެއެވެ. އިސްރާއީލުން ފަލަސްތީނުގެ ބިމަށް ވެރިވެގަނެ އިސްތިއުމާރުކޮށްގެން އުޅޭ އުޅުމަށް އެންމެބޮޑަށް ވާގިވެރިވާ ގައުމަކީ އެމެރިކާއެވެ.

(ނޫސްއެޖެންސީތައް)

comment ކޮމެންޓް