ރައީސްގެ ހިސާބު: 21 ޕަސެންޓަށް އިގްތިސާދު ކުރިއަރާފާނެ

ރައީސް ސޯލިހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ފޮޓޯ: ރައީސް އޮފީސް

މި އަހަރުތެރޭ ރާއްޖެއަށް އެއް މިލިއަމް ޓޫރިސްޓުން އައިސްފިނަމަ ރާއްޖޭގެ އިގްތިސޯދު 28-21 ޕަސެންޓަށް ކުރިއަރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ މި އަހަރު ރާއްޖޭގެ އިގްތިސޯދަށް ރިކަވަރީ އެއް އަންނާނެ ކަމަށް އަންދާޒާ ކުރާ ކަމަށެވެ.

"އައިއެމްއެފް އާއި ވޯލްޑް ބޭންކުން ބުނެފައި އޮތީ 17 އާ 18 ޕަސެންޓާ ދެމެދު ކަމަށް މިއަހަރު އިގްތިސޯދު ކުރިއަރާނީ. މިހާރު އަންދާޒާ ކުރާގޮތުންް ރާއްޖެ އަށް އެއް މިލިއަން ޓޫރިސްޓުން އައިސްފި ނަމަ 28-21 ޕަސެންޓާ ދެމެދުގެ ކުރިއެރުމެއް ލިބޭނެ،" ރައީސް ވިދާޅުވި އެވެ.

މާޗް 1، 2021: ފަތުރުވެރިން ރާއްޖެއައިސް ވެލާނާ އެއާރ ޕޯޓްގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރުން އަމާޒު ހިފާފައި އޮތީ މި އަހަރު ރާއްޖެ އަށް 1.5 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. ޓޫރިޒަމް މިނިސްޓްރީގެެ ހިސާބުތައް ދައްކާގޮތުން މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް 444,085 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައި ވެއެވެ.

ފެބްރުއަރީ އިން އޭޕްރީލް އާއި ހަމައަށް އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 3500 ފަތުރުވެރިން ރާއްޖެ އައި ނަމަވެސް، މިހާރު އެ އަދަދު ހުރީ 2،000 ގައެވެ. މާޗު މަހު އެކަނިވެސް އެއް ލައްކަ ޓޫރިސްޓުން އައެވެ. ނަމަވެސް މި މަހުގެ ތެރޭ ބައެއް ދުވަސް ދުވަހު 1،300 ފަތުރުވެރިން ވެސް އައިސްފައިވާ ކަމަށް ރެކޯޑުތައް ދައްކަ އެވެ.

މާޗް 29، 2021: ފަތުރުވެރިން ރާއްޖެ އައުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފަތުރުވެރިންގެ އަދަދު ދަށްވެފައި ވަނީ މި ދުވަސްވަރަކީ އޮފް ސީޒަނަށް ވުމާއި، ރާއްޖޭގައި ކޮވިޑް ފެތުރޭ މިންވަރު އިތުރުވެފައިވާތީ ބައެއް ގައުމުތަކުން ރާއްޖެ އަށް ދަތުރުކުރުން ހުއްޓާލުމާއި، ރާއްޖެ އަށް ދަތުުރުކުރުމުގައި ސަމާލުވުމަށް އެޑްވައިޒަރީ ނެރެފައި ވާތީ އެވެ. މީގެ އިތުރުން ރާއްޖެ އަށް އެންމެެ ގިނައިން ފަތުރުވެރިން އަންނަ އިންޑިއާ މާކެޓުގެ ފަތުރުވެރިންނަށް ވިސާ ދިނުންވެސް އޮތީ މެދުކަނޑާލައިފަ އެވެ.

ރައީސް ރޭ ވިދާޅުވީ މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު ޖުލައި މަހާއި ހަމައަށް ހާލަތު ރަނގަޅުވެއްޖެ ނަމަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަަމަށެވެ. އެހެންވެއްޖެ ނަމަ މިއަހަރަށް ލަފާކޮށްފައިވާ ބަޖެޓާއެކު ކުރިއަށް ދިޔުމަށް ދައްޗެއް ނޯންނާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

comment ކޮމެންޓް