އިންޑިއާއަށް އަނެއްކާވެސް ބާރުގަދަ ތޫފާނެއް އަރަނީ

އިންޑިއާގެ އިރުމަތީ ފަރާތަަށް ތޫފާން ޔަސް ދަނީ އަރަމުން -- ފޮޓޯ: ރޮއިޓާސް

ދިއްލީ (މެއި 26): އިންޑިއާއަށް އަނެއްކާ ވެސް ބާރުގަދަ ތޫފާނެއް އަރައި، މިލިއަނަަކަށް ވުރެ ގިނަ މީހުން ވަގުތީ ގޮތުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފި އެވެ.

އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމެންޓް (އައިއެމްޑީ)އިން ބުނި ގޮތުގައި އެގައުމުގެ އިރުމަތީ ފަރާތަށް މިއަދު ހެނދުނު ސައިކްލޯން ޔަސް އެރި އިރު، ކަނޑު ގަދަވެ، ބޮޑެތި ރާޅުތައް އުފެދުނެވެ. އަދި އެ ތޫފާން އޮޑީޝާ އާއި ވެސްޓް ބެންގާލްއަށް އަރާ، އޭގެ އަސަރު އަންދުރަ ޕްރަދޭޝް އާއި ޖަރުކަންދާއި ޓަމިލް ނާޑޫއަށް ކުރާނެ ކަމަށް ބެލެވެ އެވެ.

"ތޫފާން އެއްގަމަށް އެރީ މިއަދު ހެނދުނު 9 ޖެހި އިރު. އަދި ތިނެއް ނުވަތަ ހަތަރު ގަޑި އިރަށް އަރަމުން ދާނެ. އޮޑީޝާގެ އައްސޭރިފަށުގައި އޮތް ޑިސްޓްރިކްޓުތަކަށް ބޯކޮށް ވާރޭ ވެހެމުންދޭ. ކަނޑު އަދިވެސް ގަދަ. އެންމެން ވެސް ކެތްތެރިވެ، ގޭގައި މަޑު ކުރައްވާ،" އައިއެމްޑީގެ ޑިރެކްޓަރު ޖެނެރަލް ވިދާޅުވި އެވެ.

އެ ތޫފާނުގެ ސަބަބުން ވެސްޓް ބެންގާލްގެ ކަލްކަޓާގެ ބައިނަލްއަގުވާމީ އެއާޕޯޓާއި އޮޑީޝާގެ ވެރިރަށް ކަމަށްވާ ބުބަނޭޝްވަރުގެ އެއާޕޯޓު މިއަދު ގިނަ ވަގުތު އޮންނާނީ ބަންދުކޮށްފައި ކަމަށް އެ ދެ ސްޓޭޓުން ބުންޏެވެ.

މީގެ އިތުރުން އެ ދެ ސްޓޭޓުން 1.2 މިލިއަން މީހުން ވަގުތީ ހިޔާތަކަށް ގެންގޮސް، ނެޝަނަލް ޑިޒާސްޓާ ރެސްޕޮންސް ފޯސް (އެންއާރުޑީއެފް)ގެ 4،800 މުވައްޒަފުން ކުއްލި ހާލަތަށް ތައްޔާރުކޮށްފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.

އިންޑިއާއަށް މިދިޔަ ހަފްތާގައި ވެސް ބާރުގަދަ ތޫފާނެއް އަރާފައިވެ އެވެ. އަދި އެގައުމުގެ ހުޅަނގު ފަރާތަށް އެެރި އެ ތޫފާނުގެ ސަބަބުން 90އަށް ވުރެ ގިނަ މީހުން މަރުވި އެވެ.

އިންޑިއާއަށް އެ ތޫފާންތައް އަރަމުން ދަނީ އެގައުމުގައި ކޮވިޑް-19 އިންތިހާއަށް ފެތުރި، ސިއްހީ ނިޒާމަށް ބާރު ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ. އަދި ހޮސްޕިޓަލްތަކާއި ކްރެމަޓޯރިއަމްތަކާއި ގަބުރުސްތާނުތައް ފުރި، އެ ތަންތަނުގައި ކިޔޫ ޖެހިފައި ވަނިކޮށެވެ.

އިންޑިއާގައި މިހާތަނަށް 26.9 މީހުންނަށް ކޮވިޑް ޖެހި، ބަލީގައި 307،000އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.

comment ކޮމެންޓް