ޖޫރިމަނާގެ ގޮތުގައި 104 މިލިއަން ރުފިޔާ ލިބިއްޖެ

ބާޒާރު ފިހާރަބަރި ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެކި ކަހަލަ ޖޫރިމަނާގެ ގޮތުގައި މި އަހަރުގެ ޖެނުއަރީ އިން ފެށިގެން މި މަހު 20ގެ ނިޔަލަށް ދައުލަތަށް 104.4 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ފިނޭންސް މިނިސްޓްރީ އިން މިއަދު އާންމު ކުރި ދައުލަތުގެ އާމްދަނީ އާއި ހަރަދުގެ ހިސާބުތައް ދައްކާ ގޮތުން މި މަހުގެ 20ގެ ނިޔަލަށް ދައުލަތަށް ޖުމްލަ އާމްދަނީގެ ގޮތުގައި 7.1 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

އޭގެ ތެރޭ ހިމެނެނީ ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު 5.5 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު 1.5 ބިލިއަން ރުފިޔާ އެވެ.

އެ މުއްދަތުގައި ރިސޯޓު ކުލީގެ ގޮތުގައި 538.1 މިލިއަން ރުފިޔާ ލިބުނު އިރު، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޑިވިޑެންޑުގެ ގޮތުގައި 104.1 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

ވިޔަފާރީގެ ފައިދާ އިން ޓެކުހުގެ ގޮތުގައި 524.3 މިލިއަން ރުފިޔާ ލިބުނު ކަމަށް ވެސް ހިސާބުތައް ދައްކަ އެވެ. މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކުހުގެ ގޮތުގައި ލިބިފައި ވަނީ 2.9 ބިލިއަން ރުފިޔާ އެވެ.

އަހަރުގެ 19 ވަނަ ހަފްތާގެ ނިޔަލަށް ހިލޭ އެހީގެ ގޮތުގައި 69.9 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ވެސް ހިސާބުތައް ދައްކަ އެވެ.

އެ މުއްދަތުގައި މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް އަދި ދައުލަތުންދޭ އެހެން އިނާޔަތްތައް ދިނުމަށް 3.4 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. ހިންގުމުގެ ހަރަދަށް ހޭދަކޮށްފައިވަނީ 3.6 މިލިއަން ރުފިޔާ އެވެ.

މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭ ޖޫރިމަނާގެ ގޮތުގައި 104.4 މިލިއަން ރުފިޔާ ލިބިފައި ވިއަސް، އޭގެ ތަފްސީލެއް ފިނޭންސް މިނިސްޓްރީއަކުން އާންމެއް ނުކުރެ އެވެ.

މި އަހަރަށް ލަފާކޮށް ފާސްކޮށްފައި ވަނީ 34 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަހަރުގެ ތެރޭގައި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 21 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

comment ކޮމެންޓް