ޔޫރޮޕިއަން ސުޕަ ލީގުން ވަކިނުވި ތިން ކުލަބަށް އަދަބު ދެނީ

ޔޫރޮޕިއަން ސުޕަ ލީގު ކެންސަލް ކުރުމަށް ސިޓީގެ ސަޕޯޓަރުން ދަނޑު ބޭރުގައި ޖަހާފައިވާ ބެނާއެއް ---

ޔޫރޮޕުގެ ގަދަބާރުތަކުން އެކުވެގެން ފަށަން އުޅުނު ޔޫރޮޕިއަން ސުޕަ ލީގުގައި ވާދަކުރަން ނިންމާފައި އޮތް ކުލަބުތަކުގެ ތެރެއިން މިހާތަނަށް ވަކިނުވެ އޮތް ތިން ކުލަބު ކަމަށްވާ ބާސެލޯނާ، ރެއާލް މެޑްރިޑް އަދި ޔުވެންޓަސްއަށް އަދަބު ދޭން ޔޫއެފާއިން ނިންމައިފި އެވެ.

ފުޓުބޯޅައިގެ މައި އިދާރާތަކުގެ އިންޒާރުތަކަށް ބެލުމެއް ނެތި ޔޫރޮޕުގެ 12 ކުލަބަކުން ސުޕަ ލީގުގެ މަޝްރޫއު އިއުލާން ކުރީ މިދިޔަ އޭޕްރީލް މަހު އެވެ. އެ 12 ޓީމުގެ ތެރޭގައި އިނގިރޭސިވިލާތަށް ނިސްބަތްވާ ހަ ކުލަބު ކަމަށްވާ، މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ، ލިވަޕޫލް، ޗެލްސީ، ޓޮޓެންހަމް އަދި އާސެނަލް ހިމެނުނެވެ. ދެން އިތުރަށް އޮތީ ސްޕެއިނުގެ ރެއާލް މެޑްރިޑާއި، ބާސެލޯނާ، އެތުލެޓިކޯ މެޑްރިޑް އަދި އިޓަލީގެ ޔުވެންޓަސް، އޭސީ މިލާންގެ އިތުރުން އިންޓަ މިލާނެވެ.

މި ލީގު ވުޖޫދުވިތާ މާގިނައިރުތަކެއް ނުވަނީސް ކުލަބުތަކުގެ ސަޕޯޓަރުންގެ ފާޑުކިޔުންތަކާއި، އެހެނިހެން ޕްރެޝަރުތަކާ ހެދި ބައެއް ކުލަބުތަކުން ވަނީ ލީގުން ވަކިވެފަ އެވެ. އެގޮތުން ސުޕަ ލީގު ދޫކޮށްލިކަން އެންމެ ފުރަތަމަ ރަސްމީކޮށް އިއުލާނުކުރި ކްލަބަކީ ސިޓީ އެވެ. އޭގެ ފަހުން ދެން އޮތް އިނގިރޭސި ފަސް ކްލަބުން ވެސް ކުރީ އެވެ.

އެއަށްފަހު ބާކީ ކުލަބުތަކުން ވެސް ވަކިވާން ފެށި އިރު، މިހާތަނަށް ވަކިނުވެ އޮތީ ތިން ކުލަބެވެ. މި ތިންކުލަބުގެ މައްސަލަ ޔޫއެފާއިން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ އިރު، އެ ކުލަބުތަކަށް އަދަބު ދޭނެކަން މީގެ ކުރިން ވަނީ ހާމަކޮށްފަ އެވެ.

ޔޫއެފާގެ އެތިކްސް އެންޑް ޑިސިޕްލިނަރީ ކޮމިޓީން މައްސަލަ ބަލައި ނިމިފައިވާ ކަމަށް، ޔޫއެފާއިން ރޭ ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. ދެން އޮތީ އެ ތިން ކްލަބާ ދެކޮޅަށް އަޅާނެ ފިޔަވަޅަކާ މެދު ގޮތެއް ނިންމުމެވެ. ތިން ކްލަބުގެ މައްސަލަ ބެލުމަށް 20 މެންބަރުގެ ޓީމެއް ހަރަކާތްތެރި ވި އެވެ.

ބާސެލޯނާއާއި ރެއާލްމެޑްރިޑުގެ އިތުރުން ޔުވެންޓަސް އަކީ ވޭތުވެ ދިޔަ 10 ވަރަކަށް އަހަރު ޔޫއެފާ ޗެމްޕިއަންސް ލީގުގައި އެންމެ ބޮޑެތި ކާމިޔާބީތައް ހޯދި ޓީމުތަކަުގެ ތެރޭގައި ހިމެނޭ ޓީމުތަކަށްވާ އިރު، ދޭނެ ކަމަށް ބެލެވޭ އަދަބުގެ ތެރެއިން އެއް އަދަބަކީ، ޔޫރަޕްގެ އެއްވެސް މުބާރާތެއްގައި ބައިވެރި ނުވެވޭ ގޮތަށް ދެ އަހަރަށް ތިން ކްލަބު ސަސްޕެންޑް ކުރުމެވެ.

comment ކޮމެންޓް