ކޮންސްޓްރަކްޝަނަށް ހުއްދަ ދިނުން މެދުކަނޑާލައިިފި

މެއި 28، 2020: ކޮވިޑް19ގެ ސަބަބުން މާލެ ފުރަބަންޑުކޮއްފައިވާއިރު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ ގައިޑްލައިންގެ ދަށުން މާލޭގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރިއަށް ދަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭ ސިޓީގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް ހުއްދަ ދޫކުރުން މެދުކަނޑާލައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ ކޮވިޑް19 އިން ރައްކާތެރިވުމަށް މިއަދުން ފެށިގެން އަޅާފައިވާ ހާއްސަ ފިޔަވަޅުތަކާ ގުޅިގެން، ކޮންސްޓްރަކްޝަން އަދި އެހެން މަސައްކަތްތައް ކުރުމުގެ ހުއްދަ ދޫކުރުން މިއަދުން ފެށިގެން ޖޫން މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް ފައުންޑޭޝަން އެޅުމަށް ތައްޔާރުކޮށްފައިވާ ސައިޓްތަކާއި ކޮނުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ސައިޓްތައް އަދި ސްލެބް އެޅުމަށް ތައްޔާރުކޮށްފައިވާ ސައިޓްތަކުގެ އިންސްޕެކްޝަނެއް ހެދުމަށް ފަހު ގެއްލުމެއް ލިބިދާނެ ފަދަ ހާލަތެއްގައި ހުންނަ ސައިޓެއް ނަމަ، ހާއްސަ ހުއްދައެއް ދޫކުރަން ނިންމާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

މިއަދުން ފެށިގެން ދެ ހަފްތާގެ މުއްދަތަށް މާލޭ ސަރަހައްދުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ އިރު، ހަވީރު ހަތަރަކުން ހެނދުނު އަށަކަށް ކާފިއު ހިންގައި، ހެނދުނު އަށަކުން ހަވީރު ހަތަރަކަށް ހުއްދަ ނެތި ބޭރަށް ނިކުތުން ވަނީ މަނާކޮށްފަ އެވެ. ބޭރަށް ނިކުތުމަށް ފުލުހުންް ހުއްދަ ދޫކުރަނީ ކޮންމެ ގޭބީސީއަކަށް ދެ ހުއްދަ އެވެ.

ވަޒީފާ އަށް ދާ ފަރާތްތަކަށް ވެސް ހާއްސަ ހުއްދަތައް ދޫކުރާއިރު، ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެސް ހާއްސަ ހުއްދަ ބޭނުންވެ އެވެ.

comment ކޮމެންޓް