އައްޑޫގައި އިންޑިއާ ކޮންސިއުލޭޓެއް އަޅާކަށް އަދި ނުނިންމަން: ރައީސް

ރައީސް ސޯލިހާއި އިންޑިއާގެ ބޮޑު ވަޒީރު: އައްޑޫގައި އިންޑިއާ ކޮންސިއުލޭޓެއް އަޅާކަށް އަދި ނުނިންމާކަމަށް ރައީސް -- ފޮޓޯ/ ރައީސް އޮފީސް

އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް އެޅުމަށް މި ސަރުކާރުން އަދި ނިންމާފައިވާ ނުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގައިމް ކުރުމަށް މިދިޔަ އަންގާރަ ދުވަހު އެ ގައުމުގެ ކެބިނެޓުން އޮތީ ނިންމާފައެވެ.

ރޭ ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެއީ އެގައުމުގެ ނިންމުމެއް ކަމަށާއި އެ ނިންމުން އިންޑިއާގެ ފަރާތުން ރަސްމީކޮށް ރާއްޖެއާ ހިއްސާ ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ދެ ގައުމުގެ ޑިޕްލޮމެޓިކް ގުޅުމުގެ ތެރެއިން އެއް ފަރާތުން އަނެއް ފަރާތަކަށް އެދޭ އެދުންތައް ފުރިހަމަކުރަން ދެކެވެން ޖެހޭ ވާހަކަތައް އެކަމުގައި ދެކެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އަޅުގަނޑުމެން އަދި ޑިސިޝަނެއް އެއަކު ނުނަގަން. އެނގިވަޑައިގަންނަވާނެ އިންޑިއާ އާއި ރާއްޖެއާ ދޭތެރޭގައި އެބަ އޮތް ވަރަށް ގާތް ގުޅުމެއް. އަދި އަވަށްޓެރި އެހެން ގައުމުތަކާ އެކީގައި ވެސް އެބަހުރި،" ރައީސް ވިދާޅުވި އެވެ

ރައީސް ވިދާޅުވީ، އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ރާއްޖޭގެ ހައިކޮމިޝަން ހުންނަ އިރު، އެ ގައުމުގެ ތުރިވަަނަންތަޕޫރަމްގައި ރާއްޖޭގެ ކޮންސިއުލޭޭޓެއް ހުންނަ ކަމަށެވެ. އެހެންވީމާ އިންޑިއާގެ ނިންމުމާ ދޭތެރޭ ވިސްނަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އިންޑިއާ ކެބިނެޓް ނިންމުމުގައި ބުނެފައި ވަނީ ރާއްޖެއަކީ، އިންޑިއާ އިން ގެންގުޅޭ "ނައިބަހުޑް ފަސްޓް ޕޮލިސީ" އާއި ސެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް އިން ދަ ރީޖަން (ސާގަރް)ގެ ދަށުން ވަރަށް މުހިންމު ގައުމެއް ކަމަށެވެ. އަދި ރާއްޖެ އާއި އިންޑިއާ އަކީ ސަގާފީ ގޮތުންނާއި ދީނީ ގޮތުންނާއި ބަހަވީ ގޮތުން އެއްގޮތްކަމެއް ހުރި ދެ ގައުމު ކަަމަށާއި އަދި ވިޔަފާރީގެ ގުޅުން ވެސް ބަދަހި ދެ ގައުމުކަން ފާހަގަކޮށްފައިވެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި، ދެ ގައުމުގެ ގުޅުން އާ ހަރުފަތަކަށް ގޮސްފައިވާކަން ފާހަގަކުރަމުން އިންޑިއާ އިން ބުނީ އައްޑޫގައި ކޮންސިއުލޭޓެއް ގާއިމުވެގެން ދިއުމުން، ރާއްޖޭގައި އިންޑިއާގެ ޑިޕްލޮމެޓިކް ޕްރެސެންސް އިތުރަށް ވަރުގަދަ ވާނެ ކަމަށެވެ.

https://sun.mv/152672

comment ކޮމެންޓް