މައްސަލަ ހޫނުވެފައި ވަނިކޮށް ނިމާލް އެލްޖީއޭއަށް އިންތިހާބުވިކަން އީސީން އިއުލާންކޮށްފި

ކ. ރައިސް ނިމާލް -- ސަން ފޮޓޯ/ފަޔާޒު މޫސާ

އަތޮޅު ކައުންސިލް ރައީސުންގެ ތެރެއިން ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް އިންތިހާބުވެފައި ވަނީ ކ.އަތޮޅު ރައީސް އަހުމަދު ނިމާލްކަން އިލެކްޝަން ކޮމިޝަން )އީސީ( އިން ރަސްމީކޮށް މިއަދު އިއުލާންކޮށްފި އެވެ.

ޕީޕީއެމްއަށް ނިސްބަތްވާ ނިމާލް އެ ގޮނޑިއަށް އިންތިހާބުވިކަން ރަސްމީކޮށް މިއަދު އިއުލާންކުރި އިރު އެމްޑީޕީގެ ފަރާތުން އޭނާއާ ވާދަކުރަން ފޯމު ހުށަހެޅުއްވި ނ. ރައީސް މުހައްމަދު ބަޝީރު (ބައްޓޭ)އަށް ވަގުތަށް ވުރެ ފަހުން ފޯމު ލެވުމުން އޭނާގެ ފޯމު ވަނީ ބާތިލްވެފަ އެވެ. އެހެން ނަމަވެސް ބައްޓޭ ގެންދަވަނީ އެ ނިންމުމާ ދެކޮޅު ހައްދަވައި އެ ނިންމުން ގަބޫލު ނުކުރައްވައިފަ އެވެ.

އީސީއިން އިއުލާން ކޮށްފައި އޮތީ އެލްޖީއޭގެ މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުން އިއްޔެގެ މެންދުރު 2:00ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށެވެ. އެހެން ނަމަވެސް އީސީން މިއަދު އާންމުކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި ބައްޓޭގެ ފޯމު އީސީގެ އީމެއިލްއަށް ލިބިފައި ވަނީ އިއްޔެގެ މެންދުރު 2:04ގަ އެވެ.

އެ މައްސަލައިގައި ބައްޓޭ ވިދާޅުވަމުން އަންނަނީ މެންދުރު 1:59ގައި ފޯމް އީސީއަށް އީމެއިލް ކުރެއްވި ކަމަށެވެ. އެހެން ނަމަވެސް، އީސީގެ އީމެއިލްގެ މައްސަލައަކުން މެއިލް ލިބުން ލަސްވީ ކަމަށް ވެސް ބައްޓޭ ވަނީ ވިދާޅުވެ އެވެ. އަދި އެ ފޯމު ބަލައިގަންނަން ޖެހޭނެ ކަމަށް ވެސް ބައްޓޭ އަންނަނީ ވަކާލާތު ކުރައްވަމުންނެވެ.

ބައްޓޭ އެ މައްސަލަ ޖައްސަމުން ދަނިކޮށް، އީސީއިން މިއަދު ގެޒެޓުކުރި އިއުލާނުގައި ބުނީ އެލްޖީއޭގެ ބޯޑަށް އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން އިންތިހާބުކުރާ މެންބަރުގެ ގޮނޑިއަށް ކުރިމަތިލާފައިވަނީ އިންތިހާބު ކުރަންޖެހޭ އަދަދަށް ކަމަށެވެ. އެހެންވެ، އެ ގޮނޑީގެ އިންތިހާބު ބާއްވަން ނުޖެހޭ ކަމަށް އީސީގެ އިއުލާނުގައިވެ އެވެ.

"ލޯކަލް ގަވަރުމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އެ މީހުން އިންތިހާބުކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގެ އުސޫލުގެ 21 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ލޯކަލް ގަވަރުމަންޓް އޮތޯރިޓީގެ ބޯޑަށް އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން އެމީހުން އިންތިހާބުކުރާ އެކެއް މެންބަރުކަމުގެ މަޤާމަށް، ކ.އަތޮޅު ކައުންސިލްގެ ރައީސް، މ. ކޮކާހަނދުވަރު / މާލެ, މުހައްމަދު ނިމާލް އިންތިހާބުވެއްޖެކަން ޢާންމުކޮށް އަންގައި އިއުލާންކުރަމެވެ،" އީސީގެ އިއުލާނުގައިވެ އެވެ.

އަތޮޅު ރައީސުންގެ އިތުރުން ރަށު ކައުންސިލުގެ މެމްބަރަކާއި، ސިޓީ ކައުންސިލުގެ މެމްބަރެއްވެސް އެލްޖީއޭއަށް އިންތިހާބު ކުރާނެ އެވެ.

ސިޓީ ކައުންސިލުގެ މެމްބަރުންގެ ގޮތުގައި ފޯމު ލާފައިވަނީ ފުވައްމުލައްސިޓީގެ މޭޔަރު އިސްމާއިލް ރަފީގު އާއި މާލޭ މޭޔަރު ޑރ މުހައްމަދު މުއިއްޒުގެ އިތުރުން އައްޑޫ ސިޓީގެ މެމްބަރު ހުސައިން ފައިޒުއްރަހުމާނު އެވެ. ފައިޒުއްރަހުމާނު ފޯމު ހުށަހެޅީ ވަގުތު ޖެހުނު ފަހުން ކަމަށް ވާތީ އޭނާގެ ފޯމު ބާތިލު ވާނެ އެވެ. އެހެންވެ އެލްޖީއޭއަށް ވާދަ ކުރާނީ މުއިއްޒު އަދި ރަފީގު އެވެ.

ރަށު ކައުންސިލަރުންގެ ތެރެއިން އެލްޖީއޭގެ ބޯޑަށް އަށް ކައުންސިލަރަކު ވާދަ ކުރަން ފޯމު ހުށަހެޅުއްވި އެވެ. އެއީ ވައިކަރަދޫ ކައުންސިލުގެ ރައީސް އަބްދުﷲ ޒާމިރު އާއި މަގޫދޫ ކައުންސިލުގެ ރައީސް އަބްދުﷲ ވަހީދު އާއި ތޮއްޑޫ ކައުންސިލުގެ ރައީސް އަހުމަދު ކަރަމް އާއި ފިއްލަދޫ ކައުންސިލުގެ ރައީށް މުހައްމަދު ރަޒީފް އާއި ދާންދޫ ކައުންސިލުގެ މެމްބަރު އަހުމަދު އިބްރާހިމްގެ އިތުރުން ނެއްލައިދޫ ކައުންސިލް މެމްބަރު ހުސައިން ޔާމީން މުހައްމަދާއި ތަކަންދޫ ކައުންސިލުގެ ރައީސް ހުސައިން ނައީމް އެވެ.

އެ ބޭފުޅުންގެ ތެރެއިން ތަކަންދޫ ކައުންސިލުގެ ރައީސް ފޯމު ހުށަހަޅުއްވާފައި ވަނީ ގަޑި ޖެހުނު ފަހުން ކަމަށް ވާތީ އޭނާގެ ފޯމު ވަނީ ބާތިލް ވެފަ އެވެ. އެހެންވެ އަތޮޅު ރައީސުންގެ ތެރެއިން އެލްޖީއޭއަށް ވާދަ ކުރާނީ ހަތް ބޭފުޅެކެވެ.

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުން އިންތިހާބު ކުރުމަށް ވޯޓުލުން އޮންނާނީ ޖޫން 12 ވަނަ ދުވަހު ކަމަށް އީސީއިން ވަނީ ބުނެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް