ކޯޓުތަކުގެ ހިދުމަތްތައް މެދުކަނޑާ ނުލަން އުއްތަމަ ފަނޑިޔާރު އަންގަވައިފި

އުއްތަމަ ފަނޑިޔާރު، މުއުތަސިމް އަދުނާން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް ވައިރަސް ފެތުރުން ހުއްޓުވުމަށް އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކާ އެކު ވެސް ކޯޓުތަކުގެ ހިދުމަތްތައް މެދުނުކެނޑާނުލައި ކުރިއަށް ގެންދިޔުމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އަންގަވައިފި އެވެ.

ރާއްޖޭގެ ޝަރުއީ ކޯޓުތަކަށް މުއުތަސިމް މިއަދު ފޮނުވި އެންގުމުގައި ބުނީ، ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވާ މިދަނޑިވަޅުގައި، ރައްކާތެރިވުމަށް އިދާރާތަކުން އަޅާފައިވާ ފިޔަވަޅުތަކާ އެކުގައި ވެސް ޝަރުއީ ދާއިރާއިން ދެމުން ގެންދާ ހިދުމަތްތައް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދަންވާނެ ކަމަށެވެ. އަދި އެކަން ކުރަން ވާނީ، ސުޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ މަހު ނެރުނު "އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ އިރުޝާދު" އާ އެއްގޮތުގެ މަތިން ކަމަށްވެސް އެ ލިޔުމުގައި ބުންޏެވެ.

ރަށެއްގެ ނުވަތަ އެ ސަރަހައްދެއްގެ ހާލަތު ގޯސްވުމުގެ ސަބަބުން ގެއިން ބޭރަށް ނުކުތުން މަނާކުރެވިފައިވާ ހާލަތުގައިވެސް އެ ހާލަތަކާ ގުޅޭ ގޮތަަށް އެޗްޕީއޭއިން ނުވަތަ އިދާރާތަކުން އަޅާފައިވާ ފިޔަވަޅުތަކުގެ މައްޗަށް ބަލައި، ކޯޓޫން ފޯރުކޮށްދޭ އެންމެހައި ހިދުމަތްތަށް ދިނުމަށް އޭނާ ވަނީ އަންގަވާފައެވެ.

އެގޮތުން، ޝަރީއަތުގެ މަޖިލީސްތަކާއި ކައިވެނީގެ މަޖިލީސް ކުރިޔަށް ގެންދިއުން ފަދަ ކަންކަން ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުން ކޮށްގެން ހުއްޓުމެއް ނެތި ކުރިޔަށް ގެންދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް އެ ލިޔުމުގައި އެދިފައިވެއެވެ. އަދި ކޯޓަށް ހާޒިރުވެގެން ހިދުމަތް ފޯރުކޮށްދެވޭ ފަދަ ހާލަތުގައި ސަރަހައްދުތަކުގައި އެ ރަށެއް ނުވަތަ އެ ސަރަހައްދެއްގެ ހާލަތާ ގުޅޭ ގޮތުން އެ ވަގުތަކު އަމަލުކުރުމަށް ކަނޑައަޅާފައިވާ ފިޔަވަޅުތަކަށް ރިއާޔަތްކޮށް، ކޯޓަށް ހާޒިރުވެގެން ހިދުމަތް ލިބިދެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށްވެސް އެ ލިޔުމުގައި ވަނީ އަންގައިފަ އެވެ.

ރާއްޖެގައި ކޮވީޑްގެ ހާލަތު ގޯސް، މަރުވާ މީހުންގެ އަދަދުވެސް މައްޗަށް އެރުމަކާއެކު ބަލި ފެތުރުން ހުއްޓުވުމަށް ފިޔަވަޅުތައް މިހާރު ވަނީ ވަރުގަދަކޮށްފައެވެ. އެގޮތުން މާލެ ސިޓީގައި ހަވީރު 4:00އިން ހެނދުނު 8:00އަށް ކާފިއުގެ ވަގުތު ވަނީ ދިގުކޮށްފައެވެ. އަދި އެނޫން ގަޑިތަކުގައި ބޭރުގައި އުޅެވޭނީ ބޭރުގައި އުޅުމަށް ހާއްސަ ހުއްދައެއްގެ ދަށުންނެވެ.

comment ކޮމެންޓް