ހަތަރު މިނެޓް ފަހުން ބަޝީރު ފޯމު ލުމުން، އަތޮޅު ރައީސް ނިމާލް އިންތިހާބަކާ ނުލައި އެލްޖީއޭއަށް

ނ އަތޮޅު ރައީސް ބަޝީރު އަދި ކ އަތޮޅު ރައީސް ނިމާލް —

ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ބޯޑަށް އަތޮޅު ކައުންސިލުގެ ރައީސުން ތަމްސީލު ކުރުމަށް ކުރީގެ ފެނަކަ ކޯޕަރޭޝަނުގެ އެމްޑީ، ކ އަތޮޅު ކައުންސިލުގެ ރައީސް އަހުމަދު ނިމާލު އިންތިހާބަކާ ނުލައި ހޮވިއްޖެ އެވެ.

އަތޮޅު ކައުންސިލުގެ ރައީސުންގެ ތެރެއިން އެ މަގާމަށް ކުރިމަތިލާފައިވަނީ ނިމާލުގެ އިތުރުން ނޫނު އަތޮޅު ރައީސް މުހައްމަދު ބަޝީރު އެވެ. ނިމާލަކީ ޕީޕީއެމްގެ އަތޮޅު ރައީސެކެވެ. ބަޝީރަކީ އެމްޑީޕީގެ އަތޮޅު ރައީސެކެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު މިއަދު ކުރެއްވި ޓްވީޓެއްގަިއ ވިދާޅުވީ އެލްޖީއޭގެ މެމްބަރު ކަމަށް ހުށަހަޅާފައިވާ ފޯމުތަކުގެ ތެރެއިން 24 މޭ 2021 ވަނަ ދުވަހުގެ 14:00 ގެ ފަހުން ހުށަހަޅާފައިވާ ފޯމުތައް ބަަލައި ނުގަންނަން ނިންމާފައިވާ ކަމަށެވެ. ޝަރީފު އާންމު ކުރެއްވި ގަޑިތަކަށް ބަލާއިރު ބަޝީރު ފޯމު ހުށަހަޅުއްވާފައި ވަނީ 24 ވަނަ ދުވަހުގެ 14:04 މިނެޓްގަ އެވެ.

ބަޝީރު 'ސަން އަށް ވިދާޅުވީ އޭނާ ފޯމު ހުށަހަޅާފައިވާނީ ގަޑިޖެހުމުގެ ކުރިން ކަމަށެވެ. މެއިލްއެއް ކުރަން އިންނައިރު 13:59 ގައި އޭނާ މެއިލް ފޮނުވި ކަމަށް އިލެކްޝަންސް ކޮމިޝަނަށް އީމެއިލް މެދުވެރިކޮށް ލިބުނު ގަޑިއެއް އޭނާއަށް ނޭންގޭ ކަމަށެވެ. އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ނުގުޅާ ކަމަށް ބަޝީރު ވިދާޅުވި އެވެ.

"އިންނަނީ އީމެއިލްއެއް ކުރަން. ގަޑި ޖެހުމުގެ ކުރިން އީމެއިލް ކުރިން. އެބޭފުޅުން އަޅުގަނޑަކަށް ނުގުޅާ މިކަމާ ގުޅިގެން. އެގޮތަށް ފޯމު ބާތިލުކުރެވޭނެ ކަމަކަށް ގަބޫލެއް ނުކުރަން." ބަޝީރު ވިދާޅުވި އެވެ.

ބަޝީރާއު ނިމާލުގެ އިތުރުން އެހެން މީހަކު އަތޮޅު ކައުންސިލު ތަމްސިޅު ކުރަން ވާދަކުރަން ފޯމު ނުލާތީ ނިމާލު މިހާރު ވަނީ އޮޓޯއިން އެލްޖީއޭގެ ބޯޑަށް ހޮވިފަ އެވެ.

އަތޮޅު ރައީސުންގެ އިތުރުން ރަށު ކައުންސިލުގެ މެމްބަރަކާއި، ސިޓީ ކައުންސިލުގެ މެމްބަރެއްވެސް އެލްޖީއޭއަށް އިންތިހާބު ކުރާނެ އެވެ. ސިޓީ ކައުންސިލުގެ މެމްބަރުންގެ ގޮތުގައި ފޯމު ލާފައިވަނީ ފުވައްމުލައްސިޓީގެ މޭޔަރު އިސްމާއިލް ރަފީގު އާއި މާލޭ މޭޔަރު ޑރ މުހައްމަދު މުއިއްޒުގެ އިތުރުން އައްޑޫ ސިޓީގެ މެމްބަރު ހުސައިން ފައިޒުއްރަހުމާނު އެވެ. އެ ތިން ބޭފުޅުންގެ ތެރެއިން ފައިޒުއްރަހުމާނު ފޯމު ހުށަހަޅުއްވާފައ ވަނީ 24 މޭ ދުވަހުގެ 14:15 ގަ އެވެ. އެހެންވެ އޭނާގެ ފޯމު ބާތިލު ވާނެ އެވެ. އެހެންވެ އެލްޖީއޭއަށް ވާދަ ކުރާނީ މުއިއްޒު އަދި ރަފީގު އެވެ.

ރަށު ކައުންސިލުތަކުން އެލްޖީއޭގެ ބޯޑަށް އަށް ކައުންސިލަރަކު ވާދަ ކުރަން ފޯމު ހުށަހެޅުއްވި އެވެ. އެއީ ވައިކަރަދޫ ކައުންސިލުގެ ރައީސް އަބްދުﷲ ޒާމިރު އާއި މަގޫދޫ ކައުންސިލުގެ ރައީސް އަބްދުﷲ ވަހީދު އާއި ތޮއްޑޫ ކައުންސިލުގެ ރައީސް އަހުމަދު ކަރަމް އާއި ފިއްލަދޫ ކައުންސިލުގެ ރައީށް މުހައްމަދު ރަޒީފް އާއި ދާންދޫ ކައުންސިލުގެ މެމްބަރު އަހުމަދު އިބްރާހިމްގެ އިތުރުން ނެއްލައިދޫ ކައުންސިލް މެމްބަރު ހުސައިން ޔާމީން މުހައްމަދާއި ތަކަންދޫ ކައުންސިލުގެ ރައީސް ހުސައިން ނައީމް އެވެ.

އެ ބޭފުޅުންގެ ތެރެއިން ތަކަންދޫ ކައުންސިލުގެ ރައީސް ފޯމު ހުށަހަޅުއްވާފައި ވަނީ 24 މޭ ދުވަހުގެ 14:01 މިނެޓްގަ އެވެ. އެހެންވެ އޭނާއަށްވެސް ވާދައެއް ނުކުރެވޭނެ އެވެ. އެހެންވެ އަތޮޅު ރައީސުންގެ ތެރެއިން އެލްޖީއޭއަށް ވާދަ ކުރާނީ ހަތް ބޭފުޅެކެވެ.

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުން އިންތިހާބު ކުރުމަށް ވޯޓުލުން އޮންނާނީ ޖޫން 12 ވަނަ ދުވަހު ކަމަށް އީސީއިން ވަނީ ބުނެފަ އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އަށް ވަނަ އިސްލާހުގައި ވާގޮތުން އެލްޖީއޭގެ ބޯޑުގައި ސިޓީ ކައުންސިލް މެމްބަރަކާއި، އަތޮޅު ކައުންސިލެއްގެ ރައީސަކާއި ރަށު ކައުންސިލުގެ މެމްބަރެއް ހިމެނެން ޖެހޭނެ އެވެ. އެ ފަރާތްތައް ކަނޑައަޅާނީ ކައުންސިލަރުންގެ މެދުގައި ބާއްވާ އިންތިހާބަކުން ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.

comment ކޮމެންޓް