އޮފީސްތައް ބަންދުކޮށްފައި ހުންނަ މުއްދަތު ޖޫން އަށަކަށް އިތުރު ކޮށްފި

ވެލާނާގެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 ފެތުރުން އިތުރުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގައި ސަރަހައްދުގައި ސަރުކާރު އޮފީސްތައް ހުޅުވައިގެން މަސައްކަތް ކުރުމަށް ކަނޑައެޅި މުއްދަތު އިތުުރު ކޮށްފި އެވެ.

ރައީސް އޮފީހުން ބުނީ މި މަހުގެ 25 ގެ ނިޔަލަށް ނިންމާފައިވާ ނިންމުމުގެ މުއްދަތު ޖޫން އަށަކަށް އިތުރުކޮށްފައިވާ ކަމަށެވެ.

ރައީސް އޮފީހުން ނެެރުނު ދެންނެވުމެއްގައި ބުނީ ސަރުކާރު މުވައްޒަފުން ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށާއި ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެވެން ހުރި ހުރިހާ ހިދުުމަތްތަކެއް އޮންލައިންކޮށް ދެމުން ދިއުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންގަވާފައިވާ ކަމަށެވެެ.

އަދި ސަރުކާރުގެ އިދާރާތަކުން ދޭ އަސާސީ ހިދުމަތްތައް ދިނުމަށާއި އިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މުވައްޒަފުން ހާޒިރުވާން ޖެހިއްޖެނަމަ، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްވެރިޔަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ އިދާރާއަކަށް މުވައްޒަފުން ހާޒިރުވެގެން، ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް މަސައްކަތް ކުރެވިދާނެ ކަމަށް ބުނެފައި ވެއެވެ.

ސަރުކާރުގެ އިދާރާތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖެއްސެވުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުން ކަމަށްވާތީ، އެ މުއްދަތުގެ ތެރޭގައި އެޗްޕީއޭ އިން އަންގާ އެންގުންތަކަށް ހުހިހާ މުވައްޒަފުން ބޯލަނބައި ކިޔަމަންގަތުމަށާއި، އެ އެޖެންސީން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށް ރައީސް ވަނީ އަންގަވާފަ އެވެ.

އެ ދެންނެވުމުގައި ބުނީ މާލެ ސަރަޙައްދުގެ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާގޮތަށް ހަމަޖެއްސެވި މި ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ނޫން ކަމަށެވެ.

ސަރުކާރު އޮފީސްތައް ނުހުޅުވައި ގޭގައި މަސައްކަތް ކުރާގޮތަށް ނިންމި ނިންމުން ދަންމާލާފައި މިވަނީ ކޮވިޑު ފެތުރުން ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށްފައި ވަނިކޮށެވެ.

އެގޮތުން މާލެ ސަރަހައްދުގައި މާދަމާ އިން ފެށިގެން ހަވީރު ހަތަރަކުން ހެނދުނު އަށަކަށް ކާފިއު ހިންގަން ނިންމާ އެނޫން ވަގުތު ތަކުގައި ހުއްދަ ނެތި ބޭރަށް ނިކުމެ އުޅުން ވަނީ މަނާކޮށްފަ އެވެ. މިގޮތަށް ބޭރަށް ނިކުތުމަށްވެސް ކޮންމެ ގެއަކަށް ދެ ހުއްދަ ފުލުހުން ދޫކުރާނެ އެވެ.

މިއާއެކު އަމިއްލަ އޮފީސްތަކުންވެސް ވީވަރަކުން މުވައްޒަފުން އޮފީހަށް ނުނެރެ ގޭގައި ބައިތިއްބައިގެން މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެޗްޕީއޭ އިން ބާރު އަޅައެވެ.

comment ކޮމެންޓް