މާލީގެ އަސްކަރިއްޔާއިން ރައީސާއި ބޮޑުވަޒީރު ހައްޔަރުކޮށްފި

މާލީގެ އަސްކަރިއްޔާއިން ވަނީ ރައީސް ބާ އެންޑޯ ހައްޔަރުކޮށްފަ -- ފޮޓޯ: ރޮއިޓާސް

ބަމަކޯ (މެއި 25): މާލީގެ އަސްކަރިއްޔާއިން އެގައުމުގެ އިންތިގާލީ ސަރުކާރުގެ ރައީސާއި ބޮޑުވަޒީރު ހައްޔަރުކޮށްފި ކަމަށް އދ. އާއި އެފްރިކަން ޔޫނިއަންއިން ބުނެފި އެވެ.

އދ. އާއި އެފްރިކަން ޔޫނިއަން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ މާލީގެ ރައީސް ބާ އެންޑޯ އާއި ބޮޑުވަޒީރު މޮކްޓާ އާން އެއްވެސް ޝަރުތަކާ ނުލައި، ވަގުތުން ދޫކޮށްލުމަށް ގޮވާލާފަ އެވެ. އަދި އެ ބޭފުޅުންގެ އިސްތިއުފާ މަޖުބޫރުން ހޯދުން ފަދަ އަމަލެއް ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިނުގަންނާނެ ކަމަށް ބުނެފަ އެވެ.

މާލީގެ ޑިޕްލޮމެޓިކް އަދި ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް އާއި އޭއެފްޕީން ރިޕޯޓު ކުރި ގޮތުގައި އެންޑޯ އާއި އާންގެ އިތުރުން ޑިފެންސް މިނިސްޓަރު ސުލެއިމާން ޑުކޯރު ހައްޔަރުކޮށްފައި ތިބީ ވެރިރަށް ބަމަކޯ ކައިރީ ހުންނަ އަސްކަރީ މަރުކަޒެއްގަ އެވެ. އަދި އޭއެފްޕީއަށް ކުޑަ ވަގުތުކޮޅަކަށް ބޮޑުވަޒީރު އާންއަށް ގުޅުނު ކަމަށާއި އޭނާ ހޯދަން ސިފައިން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި ކަމަށް އެ ނޫހުގައިވެ އެވެ.

މާލީގެ ލީޑަރުން ހައްޔަރު ކުރީ މިދިޔަ އޮގަސްޓު މަހު އެގައުމަށް ގެނައި އަސްކަރީ ބަޣާވާތަށް ފަހު އެކުލަވާލި ސަރުކާރަށް ބަދަލުތަކެއް ގެނެސް، އެ ބަޣާވާތުގައި އިސްކޮށް ތިބި ދެ ސިފައިންގެ މީހަކު ސަރުކާރުން ބޭރު ކުރި ފަހުންނެވެ.

މިދިޔަ ސެޕްޓެމްބަރު މަހު މާލީގެ ރައީސް ކަމަށް އެންޑޯ އައްޔަން ކުރީ އަސްކަރީ ބަޣާވާތަށް ފަހު ސިފައިންގެ ޖެނެރަލުން ވެރިކަން ކުރާ ނަމަ ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ސަރަހައްދީ ގައުމުތަކުން ދިނުމުންނެވެ. އަދި 18 މަސް ތެރޭ ރައްޔިތުންގެ ސަރުކާރެއް އެކުލަވާލުމަށްޓަކައި އިންތިގާލީ ސަރުކާރެއް އެކުލަވާލި އިރު، ބަޣާވާތުގައި އިސްކޮށް ހުންނެވި އަސީމީ ގޮއިޓާ ނައިބު ރައީސްކަން ހޯއްދެވި އެވެ.

އަސްކަރިއްޔާގެ ނުފޫޒު ވަރަށް ބޮޑަށް އޮތް އެ ސަރުކާރަށް ބަދަލުތައް ގެނައީ އެ ސަރުކާރަށް އިސްލާހުތައް ގެނެވޭތޯ އާއި އަންނަ އަހަރު އިންތިހާބެއް ބާއްވަނެ ކަމާ މެދު ސިވިލް ސޮސައިޓީ ގުރޫޕުތަކުން ޝައްކު އުފައްދާފައި ވަނިކޮށެވެ.

މާލީގެ އަސްކަރިއްޔާއިން މިދިޔަ އަހަރު ސަރުކާރާ ދެކޮޅަށް ތެދުވީ އޭރުގެ ރައީސް އިބްރާހިމް ބޫބަކާރު ކެއިޓާއާ ދެކޮޅަށް ބޮޑެތި މުޒާހަރާތައް ބާއްވާތާ މަސްތަކެއްވީ ފަހުންނެވެ. އެ މުޒާހަރާތައް ފެށުނީ މާޗް މަހު އެގައުމުގައި ބޭއްވި ޕާލިމެންޓް އިންތިހާބުގެ 30 ގޮނޑިއެއްގެ ނަތީޖާ ދުސްތޫރީ ކޯޓުން ބާތިލު ކުރި ފަހުންނެވެ. އެ އިންތިހާބުން ފުރަތަމަވެސް ގިނަ ގޮނޑިތައް ކާމިޔާބު ކުރީ ވެރިކަން ކުރާ ޕާޓީންނެވެ. އަދި ކޯޓުގެ ނިންމުމުގެ ސަބަބުން ވެރިކަން ކުރާ ޕާޓީއަށް އިތުރު ގޮނޑިތައް ލިބުމަށް މަގުފަހިވި އެވެ.

ދެހާސް ތޭރަ ވަނަ އަހަރު ކެއިޓާ މާލީގެ ވެރިކަމަށް ފުރަތަމަ ވަޑައިގެންނެވީ އޭރު ބޭއްވި ރިޔާސީ އިންތިހާބުން 77 ޕަސެންޓު ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ. ނަމަވެސް ކެއިޓާގެ ވެރިކަމުގައި ގައުމުގެ އިގުތިސާދީ އަދި ސަލާމަތީ ހާލަތު އިތުރަށް ގޯސްވެފައިވާ ކަމަށް ގިނަ އަދަދެއްގެ މީހުން ދެކެން ފެށުމުން އޭނާގެ މަގުބޫލުކަން ދަށަށް ދިޔަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް