މުހައްމަދު ނޫރައްދީނު އަވަހާރަވުމުން ރައީސްގެ ތައުޒިޔާ

މަރުހޫމް އަލްއަމީރު މުހައްމަދު ނޫރައްދީނު--

އަވަހާރަވުމާ ގުޅިގެން އެމަނިކުފާނުގެ އާއިލާ އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާ ފޮނުއްވައިފި އެވެ.

ރާއްޖޭގައި އެންމެ ފަހުން ރަސްކަން ކުރެއްވި ހަސަން ނޫރައްދީނުގެ ދަރިކަލުން މުހައްމަދު ނޫރައްދީނު، މ. ތާނގީދޮށުގެ މިއަދު އަވަހާރަވި އިރު އުމުރުފުޅަކީ 89 އަހަރެވެ. އެމަނިކުފާނު އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު، ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

ރައީސް ސޯލިހު ވިދާޅުވީ މުހައްމަދު ނޫރައްދީނަކީ ސަރުކާރަށް 53 އަހަރަށްވުރެ ދިގު މުއްދަތެއްގައި ވަފާތެރި ހިދު މަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި އަލްއަމީރު މުހައްމަދު ނޫރައްދީން އަވަހާރަވުމަކީ، ރާއްޖެއަށް ލިބުނު ވަރަށް ފުން ހިތާމައެއް ކަމަށެވެ.

"މާތް ﷲ އެމަނިކުފާނުގެ ފުރާނަފުޅަށް ހެޔޮ ރަހުމަތް ލައްވަައި އާއިލާއަށް ކެތްތެރިކަން ދެއްވާށި،" ރައީސް ވިދާޅުވި އެވެ.

މުހައްމަދު ނޫރައްދީން ސަރުކާރަށް ހިދުމަތް ކުރައްވަން ފެއްޓެވީ 25 ޖުލައި 1954 ގަ އެވެ. ވުޒާރަތުއް ތިޖާރާ ވައްތަމްވީނުގެ ކާތިބުކަމުން ހިދުމަތް ފެއްޓެވި އިރު ސަރުކާރުގެ އެކި މަގަމުތައް ފުރުއްވި އެވެ. ފަންސަވީސް މަގާމެއް އަދާކުރެއްވި ކަމަށް ފެންނަން އެބައޮތެވެ.

އޭގެތެރޭގައި، ވުޒާރަތުލް އަޥްގާފުގެ ސެކްރެޓަރީ ކަމާއި، މަހްކަމަތުލް ހާރިޖިއްޔާގެ ސެކްރެޓަރީ ކަމާއި، މީޓިއޮޮރޮލޮޖިކަލް އޮފީހުގެ ވެރިޔާކަމާއި މުނިސިޕަލްޓީގެ ރައީސްގެ ނައިބު ކަމާއި މުނިސިޕަލް ކައުންސިލަށް ދާހިލިއްޔާއިން އައްޔަންކުރި މެންބަރުކަން ހިމެނެ އެވެ.

މީގެ އިތުރުން ވަޒީރުލް އައުޒަމް އޮފީހުގެ ހާއްސަ ވަކީލު ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ޓްރޭޑް އެންޑް ޑިވެލޮޕްމަންޓުގެ ހާއްސަ ވަކީލު ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވަކީލު ކަމުގެ މަގާމާއި، ޑިޕާޓްމަންޓް އޮފް ފިނޭންސްގެ ވަކީލު ކަމުގެ މަގާމާއި، ނައިބު ކަމުގެ މަގާމު ހިމެނެ އެވެ.

އޭގެފަހުން މިނިސްޓަރު އޮފް ހޯމްއެފެއާޒްގެ ނައިބު ކަމުގެ މަގާމާއި މިނިސްޓަރު އޮފް އެޑިޔުކޭޝަންގެ ނައިބު ކަމުގެ މަގާމާއި ޑެޕިއުޓީ މިނިސްޓަރު އޮފް ސްޓޭޓް ފޯ ރިލިޖަސް އެފެއާޒް ކަމުގެ މަގާމު ވެސް އެމަނިކުފާނު ފުރުއްވި އެވެ. މީގެއިތުރުން، ދައުލަތަށް ގިނަދުވަހު ހިދުމަތް ކުރެއްވި ޢިއްޒަތްތެރިއެއްގެ މަގާމުގައި ވެސް ހުންނެވި އެވެ.

މުހައްމަދު ނޫރައްދީނު ވަނީ ރައްޔިތުންގެ މަޖިލީހުގެ ނ. އަތޮޅުގެ މެންބަރުކަމާއި، ދ. އަތޮޅުގެ މެންބަރުކަމާއި، ގއ. އަތޮޅުގެ މެންބަރުކަން ވެސް ކުރައްވާފައިފަ އެވެ.

ދިވެހި ސިވިލް ސާވިސްގެ ގާނޫނުގެ ދަށުން ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް ދެއްވި ޝަރަފުގެ ހަނދާނީ ފިލާވެސް އެމަނިކުފާނަށް ލިބިވަޑައިގެންނެވި އެވެ.

މީގެ އިތުރުން ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތް، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން 2011 ވަނަ އަަހަރު ލިބިވަޑައިގަތެވެ.

comment ކޮމެންޓް