އިންކަމް ސަޕޯޓު އެލަވެންސް ލިބޭ މީހުންގެ ޒާތީ މައުލޫމާތު އާންމުކޮށްފައި ހުރުމުން މިނިސްޓަރު ހޫނުފެނަށް

ސެޕްޓެމްބަރ 14، 2020: އިކޮނޮމިކް މިނިސްޓާރ ފައްޔާޒު ސަން އޮންލައިނަށް ދެއްވި އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 އާއި ގުޅިގެން އިންކަމް ސަޕޯޓު އެލަވަންސް ލިބޭ މީހުންގެ ޒާތީ މައުލޫމާތު އާންމުކޮށް ފެންނަން ހުންނަ ގޮތަށް ޝާއިއުކޮށްފައިވާތީ، ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

އިންކަމް ސަޕޯޓް އެލަވެންސް ދޭ ފަރާތްތަކާއި އެކި ސަބަބުތަކާ ހުރެ އެޕްލިކޭޝަން ރިޖެކްޓު ކުރާ މީހުންގެ މައުލޫމާތު ޖޮބް ސެންޓަރުގެ ވެބްސައިޓުން ފެންނަން ހުރެ އެވެ.

އެލަވެންސް ލިބޭ މީހާ އަށް އެލަވެންސްގެ ގޮތުގައި ލިބޭ މިންވަރާއި، އޭނާގެ ވަޒީފާގެ މައުލޫމާތުގެ އިތުރުން އެލަވެންސް ނުލިބޭނަމަ އެއީ ކީއްވެގެންކަން، ކުރުކޮށް ބަޔާންކޮށްފައި އޮވެ އެވެ. އަދި މީހާގެ ފުރިހަމަ ނަމާއި އެޑްރެސްގެ އިތުރުން ވަޒީފާ އަދާކުރާ ނުވަތަ އަދާކުރި ތަނުގެ މައުލޫމާތައި، ލިބޭ ނުވަތަ ލިބުނު މުސާރައިގެ ތަފްސީލު އަދި އައިޑީކާޑު ނަންބަރުވެސް ޕޯޓަލް އިން ފެންނަން ހުރެ އެވެ.

މީގެ ކުރިންވެސް އެ މައުލޫމާތު ޖޮބް ސެންޓަރުގެ ޕޯޓަލް އިން ފެންނަން ހުރި ނަމަވެސް ގިނަ ބަޔެއްގެ ސަމާލުކަމަށް އެކަންތައް އައިސްފައިވަނީ އެލަވެންސް ލިބޭ މީހުންނާ ގުޅޭގޮތުން ޓްވިޓާގައި މީހަކު ސުވާލު ކުރުމުން އެއަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ޖަވާބު ދެއްވައި، ޕޯޓަލްގެ ލިންކު ޝެއާ ކުރެއްވުމުންނެވެ.

"ކޮވިޑާ ގުޅިގެން ސަޕޯޓާއި އެލަވެންސް ލިބުނު މީހުންގެ ލިސްޓް އާންމުކުރުން ނުވަތަ ބެލޭނެ ގޮތެއް ހެދުން މުހިންމު. އެއީ ލިބެންޖެހޭ އެތައް ބަޔަކަށް ލިބިފައި ނުވަނީ ޕްރޮސެސް ނުވެގެންތޯ ނުވަތަ ނުބައި އެކައުންޓުތަކަށް ދިޔައީތޯ ބަލަން،" މީހަކު ޓްވިޓާގައި ބުނެފައި ވެއެވެ.

އެ ޓްވީޓަށް ޖަވާބުދިން މީހަކު، އެ ފައިސާ ބަހަނީ މިނިސްޓަރު ފައްޔާޒުގެ ރައްޓެހިންނަށް ކަމަށް ބުނެ، ޓްވީޓު ކުރުމުން މިނިސްޓަރު ވަނީ ޖޮބް ޕޯޓަލްގެ ލިންކު ޝެއާކުރައްވައިފަ އެވެ. އެ ލިންކުން އެލަވެންސް އެޕްރޫވްވި މީހުން ފެންނާނެ ކަމަށް ވިދާޅުވި އެވެ.

މިދޔަ އަހަރުގެ ޖުލައި މަހުން ފެށިގެން، އެލަވެންސް ލިބޭ މީހުންނާއި އެކި ސަބަބު ތަކާހުރެ އެލަވެންސް ނުލިބި ތިބި މީހުންގެ ތަފްސީލު ޖޮބް ސެންޓަރުގެ ޕޯޓަލްގައި ދަނީ އާންމު ކުރަމުންނެވެ.

ނަމަވެސް މީހުންގެ ޒާތީ ގިނަ މައުލޫމާތުތަކެއް އެގޮތަށް ރަސްމީ ޕޯޓަލްއެއްގައި އާންމުކޮށްފައި ހުރުމަކީ ޕްރައިވެސީ އަށް އަރައިގަތުން ކަމަށް ބުނެ ފާޑު ކިޔުންތައް އަމާޒުވާން ފެށުމުން، މިނިސްޓަރު ވަނީ އެކަމަށް މައާފަށް އެދިވަަޑައިގެންފަ އެވެ. އަދި ޒާތީ ގިނަ މައުލޫމާތުތައް އާންމު ކުރެވިފައި ހުރި ހުރުން އިސްލާހުކޮށް، އެބައިތައް އުނިކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް އަދިވެސް އެ މައުލޫމާތުތައް ޕޯޓަލް އިން ފެންނަން އެބަހުއްޓެވެ.

ފިނޭންސް މިނިސްޓްރީގެ ހިސާބުތަކަށް ބަލާއިރު މި މެއި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް، އިންކަމް ސަޕޯޓު އެލަވެންސް ދިނުމަށް 419.4 މިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފަ އެވެ. އަދި އެހާތަނަށް 22،858 މީހަކަށް އިންކަމް ސަޕޯޓު އެލަވެންސް ދީފައިވެ އެވެ.

އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ދެނީ ވަޒީފާ ގެއްލުނު ކޮންމެ މީހަކަށް 5،000 ރުފިޔާ އަދި މުސާރައަށް މަދުވެގެން 5،000 ރުފިޔާ ނުލިބޭ ފަރާތްތަކަށް އެ އަދަދަށް ހަމަވާ ވަރުގެ އަދަދެކެވެ. އެ ފައިސާ ދޫކުރަނީ އެންސްޕާ މެދުވެރިކޮށެވެ.

އިންކަމް ސަޕޯޓް އެލަވެންސްގެ ފުރަތަމަ ބުރުގައި މިދިޔަ އަހަރުގެ މާޗު މަހުގެ އެކަކުން ފެށިގެން، ކޮވިޑް-19ގެ ސަބަބުން ވަޒީފާ އިން ވަކިކުރެވިފައިވާ ނުވަތަ ވަޒީފާ އިން ސަސްޕެންޑްކުރެވިފައިވާ ފަރާތްތަކަށާއި އަދި މުސާރަ ނުލިބޭ ގޮތަށް ނޯ ޕޭ ލީވްއަށް ފޮނުވާ ލެވިފައިވާ މީހުންނަށް އަދި މުސާރައިގެ ގޮތުގައި ލިބޭ އެއްޗަކުން ބައެއް އުނިކުރެވިފައިވާ ފަރާތްތަކަށް އެލަވެންސް ދީފައިވެ އެވެ.

އިންކަމް ސަޕޯޓު އެލަވެންސްގެ ދެ ވަނަ ބުރު ތައާރަފުކޮށް ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހާ ހަމައަށް އިންކަމް ސަޕޯޓު އެލަވެންސްގެ ދެވަނަ ބުރު ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ވީހާ ވެސް ގިނަ ބަޔަކަށް އެލަވެންސް ދިނުމަށްޓަކާ ފަހުން ނިންމާފައި ވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން ކޮވިޑް19 އާ ގުޅިގެން އެބަޔެއްގެ ވަޒީފާއަށް 2019 ޑިސެމްބަރު މަހުގެ ފަހުން އަސަރުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެލަވެންސަށް ޝަރުތު ހަމަވާ މީހުންނަށް އެލަވެންސް ދިނުމަށެވެ.

މި އެލަވެންސްގެ ތިންވަނަ ބުރެއް ތައާރަފު ކޮށް މިދިޔަ އަހަރުގެ އޮކްޓޯބަރުން ޑިސެމްބަރާއި ހަމައަށް އެލަވެންސަށް އެދުމަށް ހުޅުވާލި އެވެ.

މި އެލަވެންސް ދެނީ އެންސްޕާ މެދުވެރިކޮށެވެ.

ޖޮބް ސެންޓަރުން މީގެ ކުރިން ބުނީ އެލަވެންސް އަށް އެދުމަށް ހުޅުވާލި މުއްދަތުގައި ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ހުށަނޭޅި ހުރި ބައެއް މީހުންނަށާއި ޑިސްޕިއުޓަށް ފަހު އަލުން ފުރުސަތު ދޭން ނިންމި ފަރާތްތަކުގެ ޕޭމެންޓު ޕްރޮސެސް ކުރުމުގެ މަަސައްކަތް ކުރަމުންދާ ކަމަށެވެ.

comment ކޮމެންޓް