އެމްޑީޕީ ދާއިރާތަކުގެ އިންތިހާބު ސެޕްޓެމްބަރު 25އަށް ތާވަލުކޮށްފި

އެމްޑީޕީ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމެއް---

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު 2021ގެ ވޯޓުލުން ސެޕްޓެމްބަރު 25ވަނަ ދުވަހު ކުރިއަށްގެންދަން އެ ޕާޓީން ނިންމައިފި އެވެ.

އެމްޑީޕީއިން މިއަދު ބުނީ އެ އިންތިހާބުގައި ވާދަކުރެވޭނީ، އިންތިހާބުގައި ވާދަކުރަން ހުށަހަޅަން ޖެހޭ ހުރިހާ ލިޔެކިޔުންތައް މި މަހުގެ އަށް ވަނަ ދުވަހުގެ ރޭ 12:00ގެ ކުރިން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެ ޕާޓީގެ ގައުމީ ހިންގާ ކޮމެޓީން ކަނޑައަޅާފައިވާ ޝަރުތުތައް ހަމަވާ ފަރާތްތަކަށް ކަމަށެވެ.

ޝަރުތުތައް ހަމަވާ ކެންޑިޑޭޓުން ދެނެގަތުމަށް ފަހު ކެންޑިޑޭޓުންގެ ލިސްޓު އިއުލާނު ކުރާނެ ކަމަށް ވެސް އެ ޕާޓިން ބުނެ އެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު ކުރިން ބާއްވަން ތާވަލުކޮށްފައި އޮތީ މި މަހުގެ 29 ވަނަ ދުވަހުގަ އެވެ.

އިންތިހާބު ފަސްކުރަން އެމްޑީޕީއިން ނިންމީ އެ ޕާޓީގެ ރައީސް، މުހަންމަދު ނަޝީދަށް އަމާޒުކޮށް މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާގެ ސަބަބުން ލިބުނު އަނިޔާތަކަށް އެމަނިކުފާނަށް ފަރުވާދެމުން ގެންދާ މިވަގުތުގައި އިންތިހާބު ބޭއްވުމުގެ މަސައްކަތައިގެން ކުރިއަށް ގޮސް އެ އިންތިހާބު ބޭއްވުމަކީ ރަނގަޅު ކަމެއް ކަމުގައި ނުފެންނާތީ އެވެ.

އިންތިހާބު ފަސްކުރީ، އެކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުށަހެޅުއްވުމުންނެވެ. އެމްޑީޕީގެ 174 ވަނަ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ޕާޓީގެ އެތެރޭގެ އިންތިހާބުތަކަކީ ޕާޓީގެ އެތެރޭގައި ވަރަށް ބޮޑު ވާދަވެރިކަމެއް އުފެދޭ އިންތިހާބުތަކެއް ކަމަށް ވާއިރު، ރައީސް ނަޝީދަށް ދިން ހަމަލާއަށް ފަހު މިއީ އެމްޑީޕީ އެއްބައިވަންތަ އެކަތިގަނޑެއްގެ ގޮތުގައި އޮންނަންވީ ވަގުތު ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް