މަޖިލިސް ކޮޓަރިތަކެއް ބަގް ކުރަން އުޅުނު ކަމަށްބުނާ މައްސަލަ މަޑުޖެހިފައި

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ފުލުހަކު ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ ކޮޓަރި ބަގު ކުރަން އުޅުނުކަމުގެ ތުހުމަތު ކުރެވޭ މައްސަލަ ކުރިއަށް ނުގޮސް މަޑުޖެހިފައި އޮތްކަން ހާމަވެއްޖެ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު ބޭއްވި ޖަލްސާއެއްގައި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މަޖިލީހުގައި ދައްކާ ވާހަކަތައް ރެކޯޑުކުރަން ވެގެން ކޮޓަރިތައް ބަގް ކުރަން އުޅުނު މަސަލައެއް އެމަނިކުފާނުގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެކަން ރައީސް ނަޝީދުގެ ސަމާލުކަމަށް ގެންނެވީ މަޖިލީހުގެ ސާޖެންޓް އެޓް އާމްސް އެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެ ކޮޓަރިތައް ބަގް ކުރަން ވެގެން ވާހަކަ ދެއްކީ ފުލުހެއް ކަމަށެވެ. އަދި އޭނާ އެވާހަކަ ދެއްކީ މަޖިލީހުގެ ސެކިއުރިޓީ މުވައްޒަފުންނާ ކަމަށާއި، މަޖިލީހުގެ މުވައްޒަފަކު އެކަން ސާޖެންޓް އެޓް އާމްސްގެ ސަމާލުކަމަށް ގެނައި ކަމަށެވެ.

އެ މައްސަލަ ކުރިއަށް ނުދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވަނީ ވިދާޅުވެފަ އެވެ. މިނިސްޓަރު ވިދާޅުވީ އެ މައްސަލަ ބަލަން ފުލުހުންގެ ތަހުގީގީ ބައިން މަސައްކަތް ކުރި ކަމަށެވެ.

"އެހެން ނަމަވެސް އޭގެ އިތުރަށް ކުރިއަށް ދިއުމަށް މާބޮޑު މަގުތަކެއް ނުލިބުން. ދެން ސީދާ މަޑުޖެހިފައި އޮތް ހިސާބެއް އަޅުގަނޑު އިތުރަށް ބަލައިލަން ޖެހޭނީ،" މިނިސްޓަރު ވިދާޅުވި އެވެ.

އެ މައްސަލަ ފުލުހަށް ހުށަހަޅަން ބޭނުންފުޅު ނުވާކަމަށް ރައީސް ނަޝީދު އެ ދުވަހު ވެސް ވިދާޅުވި އެވެ. ރައީސް ނަޝީދު އެ މައްސަލަ ބެއްލެވުމަށް ފޮނުއްވީ، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށެވެ.

އެ މައްސަލަ ފެންމަތިވި ފަހުން، ރައްޔިތުންގެ މަޖިލީހުގެ ސާޖެންޓް އެޓް އާމްސް މުހައްމަދު ހަލީމް ވަނީ ސަސްޕެންޑު ކޮށްފަ އެވެ. އޭނާ ސަސްޕެންޑު ކުރި ސަބަބެއް ހާމަކޮށްފަ އެއް ނުވެ އެވެ. މަޖިލީހުން ބުނީ ސާޖެންޓް އެޓް އާމްސް ސަސްޕެންޑު ކުރީ މަޖިލީހުން ބަލަމުންދާ މައްސަލަ އަކާއި ގުޅިގެން ކަމަށެވެ. ހަލީމް އަދިވެސް ހުރީ ސަސްޕެންޝަނުގަ އެވެ.

comment ކޮމެންޓް