ބޭ އޮފް ބެންގާލުގައި ތޫފާނެއް، ރާއްޖެއަށް ސީދާ އަސަރު ނުކުރާނެ

މޫސުން ގޯސްވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބޭ އޮފް ބެންގާލްގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެއްޖެ އެވެ.

"ޔާސް" ގެ ނަމުން ނަން ދީފައިވާ އެ ތޫފާނު ދަތުރު ކުރަމުންދާނީ އުތުރު ހުޅަނގު އުތުރަށް ރާއްޖެ އާއި ދުރަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުންޏެވެ.

މެޓް އޮފީހުން ބުނީ ތޫފާނުގެ ސީދާ އަސަރު ރާއްޖެ އަށް ނުކުރާނެ ކަމަށާއި ނަމަވެސް ހުޅަނގު މޫސުމުގެ ބާރުގަދަވުމާ ގުޅިގެން ކުރިއަށް އޮތް ދެ ދުވަހު ވައި ގަދަވެ، ކަނޑު ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ބައެއް ސަރަހައްެދުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށްވެސް ވަނީ ލަފާކޮށްފަ އެވެ.

މޫސުން ގޯސްވެ ކަނޑުގަދަވާނެ ކަމަށް ލަފާކޮށްފައިވާތީ، އެމްއެންޑީއެފް ކޯސްޓު ގާޑުންވެސް ވަނީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފަ އެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ. މެންދުރުފަހު އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށާއި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރުފޯރާނެ ކަމަށްވެސް ވަނީ ލަފާކޮށްފަ އެވެ.

އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށައި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް އަދި ވިލާގަނޑުގައި ގާތްގަނޑަކަށް ގަޑިއަކު 45 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓުން ބުންޏެވެ.

comment ކޮމެންޓް