ބެލަރޫސްގެ ސަރުކާރުން ފްލައިޓެއް ޑައިވާޓުކޮށް، އިދިކޮޅު އެކްޓިވިސްޓަކު ހައްޔަރުކޮށްފި

ބެލަރޫސްއިން ޑައިވާޓު ކުރި ފްލައިޓުން އިދިކޮޅު އެކްޓިވިސްޓެއް ކަމަށްވާ ރޮމަން ޕްރޮޓަސެވިޗް ވަނީ ހައްޔަރުކޮށްފަ -- ފޮޓޯ: އޭޕީ

މިންސްކް (މެއި 24): ލިތުއޭނިއާއަށް ދަތުރު ކުރަމުން ދިޔަ އަޔަލޭންޑުގެ ފްލައިޓެއް ބެލަރޫސްގެ ސަރުކާރުން ޑައިވާޓުކޮށް، އެ ފްލައިޓުގައި އިން އެގައުމުގެ އިދިކޮޅު އެކްޓިވިސްޓަކު ހައްޔަރު ކުުރުމާ ގުޅިގެން ހުޅަނގުގެ ގައުމުތަކުން ނުރުހުން ފާޅުކޮށްފި އެވެ.

ބެލަރޫސްގެ ދައުލަތުގެ މީޑިއާއިން ރިޕޯޓު ކުރި ގޮތުގައި ގްރީސްއިން ލިތުއޭނިއާއަށް ދަތުރު ކުރަމުން ދިޔަ ރަޔަންއެޔާގެ ފްލައިޓު އެގައުމުގެ މިންސްކްގައި ޖައްސަން ސަރުކާރުން އެންގީ އެ ބޯޓަށް ބޮމުގެ ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރު ލިބުމުންނެވެ. އަދި އެ ބޯޓާއެކު ދަތުރުކުރަން ރައީސް އެލެގްޒެންޑާ ލުކަޝެންކޯ އަސްކަރީ ޖެޓެއްވެސް ފޮނުއްވި އެވެ.

އެއަށް ފަހު އެ ބޯޓު މިންސްކްގެ އެއާޕޯޓުގައި ޖެއްސުމުން ބެލަރޫސްގެ އިދިކޮޅު އެކްޓިވިސްޓެއް ކަމަށްވާ ރޮމަން ޕްރޮޓަސެވިޗް ހައްޔަރު ކޮށްފައިވާ ކަމަށް އެގައުމުގެ އިންޓީރިއާ މިނިސްޓްރީން ބުންޏެވެ. އަދި ބޮމުގެ ހަމަލާއެއްގެ ނުރައްކަލެއް ނެތްކަން އެނގުމުން އެ ބޯޓު ވަނީ ލިތުއޭނިއާއަށް ފުރާފަ އެވެ.

ރަޔަންއެޔާއިން ބުނި ގޮތުގައި ބޯޓަށް ސަލާމަތީ ނުރައްކަލެއް އޮތް ކަމުގެ މައުލޫމާތު ދިނީ ބެލަރޫސްގެ އެޔާ ޓްރެފިކް ކޮންޓްރޯލްއިންނެވެ. އަދި އޭރު އެންމެ ކައިރީ އޮތް މިންސްކްގެ އެއާޕޯޓަށް ޖައްސަން އެންގުމުން ބޯޓު ޖެއްސީ އެވެ. އަދި ބޯޓުގެ ދަތުރު އަލުން ފެށުނީ ގޮވާތަކެތި ހުރިތޯ ބެލުމަށް ފަހު ހަތް ގަޑި އިރު ފަހުން ކަމަށް ރަޔަންއެޔާއިން ބުންޏެވެ. ނަމަވެސް ޕްރޮޓަސެވިޗްއަށް ވީ ގޮތުގެ ވާހަކައެއް އެ އެޔާލައިނުން ހާމައެއް ނުކުރެ އެވެ.

ޕްރޮޓަސެވިޗް ވަނީ މިދިޔަ އަހަރު ބެލަރޫސްގައި ލުކަޝެންކޯއާ ދެކޮޅަށް ބޭއްވި ބޮޑެތި މުޒާހަރާތައް އިންތިޒާމު ކުރުމުގައި އެހީވި ޓެލަގްރާމް ޗެނަލްއެއް އުފެއްދުމުގައި ބައިވެރިވެފަ އެވެ. އަދި އެގައުމުގެ ސަރުކާރުން ވަނީ އެއީ "ހައްދުފަހަނަ އަޅާފައިވާ" ފިކުރު ފަތުރާ ޗެނަލްއެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ. އޭގެ ސަބަބުން ޕޮލެންޑަށް ފިލައިގެން ދިޔަ ޕްރޮޓަސެވިޗްގެ މައްޗަށް ކުރާ ދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާ ގިނަ ވެގެން 15 އަހަރަށް ޖަލަށް ލެވިދާނެ އެވެ.

ޕްރޮޓަސެވިކް ދަތުރު ކުރަމުން ދިޔަ ފްލައިޓު ޑައިވާޓު ކުރުމަކީ އެ ބޯޓު "ހައިޖެކް" ކުރުމުގެ ގޮތުގައި އެމެރިކާއިން ވަނީ ސިފަކޮށްފަ އެވެ. އަދި އެގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވަނީ ޕްރޮޓަސެވިޗް ވަގުތުން ދޫކޮށްލާ، އެ ހާދިސާ ތަހުގީގު ކުރުމަށް ގޮވާލައްވާފަ އެވެ.

"ލުކަޝެންކޯގެ ސަރުކާރުން އެޅި ފިޔަވަޅުގެ ސަބަބުން އެމެރިކާގެ ރައްޔިތުން ހިމެނޭ ގޮތަށް 120އަށް ވުރެ ގިނަ ފަސިންޖަރުންގެ ފުރާނައަށް ނުރައްކާވި. އެ އަމަލުގައި ބެލަރޫސްގެ ސަލާމަތީ ފައުޖުތަކުން ބައިވެރިވި ކަމަށާއި އެ ބޯޓު [ބެލަރޫސްއަށް] ގެންދަން އަސްކަރީ ބޯޓެއް ބޭނުން ކުރި ކަމުގެ ރިޕޯޓުތަކާ މެދު ކަންބޮޑުވުން އުފެދޭ އަދި އެކަން ފުރިހަމައަށް ތަހުގީގު ކުރަން ޖެހޭ،" ބްލިންކެން ވިދާޅުވި އެވެ.

މީގެ އިތުރުން ލިތުއޭނިއާއިން ވަނީ ޕްރޮޓަސެވިޗް ދޫކޮށްލުމަށާއި ޔޫރަޕިއަން ޔޫނިއަން އާއި ނޭޓޯއިން ބެލަރޫސްއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލާފަ އެވެ. އަދި ޔޫރަޕިއަން ކޮމިޝަންގެ ރައީސް އާސަލާ ވޮން ޑާ ލަޔަން ވަނީ އެގައުމުގެ ސަރުކާރާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.

ބެލަރޫސްގައި މިދިޔަ އަހަރު ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތައް ބޭއްވީ އެގައުމުގައި އޮގަސްޓު މަހު ބޭއްވި ރިޔާސީ އިންތިހާބު ލުކަޝެންކޯ ކާމިޔާބު ކުރެއްވުމުންނެވެ. އެގައުމުގެ އިލެކްޝަން ކޮމިޝަނުން ބުނި ގޮތުގައި އެ އިންތިހާބުން ލުކަޝެންކޯއަށް 80 ޕަސެންޓު ވޯޓު ލިބުނު އިރު އޭނާއާ އެންމެ ގާތުން ވާދަ ކުރެއްވި ސްވެތުލާނާ ތިކަނޯސްކަޔާއަށް ލިބުނީ 9.9 ޕަސެންޓު ވޯޓެވެ.

ނަމަވެސް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަނީ އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށެވެ. އަދި އެ ނަތީޖާ އިއުލާން ކުރި ފަހުން ތިކަނޯސްކަޔާ ވަނީ އޭނާގެ އާއިލާއަށް ނުރައްކަލާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވާ، ލިތުއޭނިއާއަށް ވަޑައިގެންފަ އެވެ.

އެ ތުހުމަތުތައް ދޮގު ކުރައްވަމުން ލުކަޝެންކޯ ވަނީ އެގައުމުގެ އިދިކޮޅު ފަރާތްތައް ކޮންޓްރޯލް ކުރަމުން ދަނީ ބޭރުގެ ބަޔެއް ކަމަށް ވިދާޅުވެފަ އެވެ.

ބެލަރޫސްގެ މުޒާހަރާތައް ހުއްޓުވުމަށް ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، ގަވާއިދާ ހިލާފަށް މީހުން ހައްޔަރުކޮށް އަނިޔާ ކުރި ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.

އޭގެ ސަބަބުން އީޔޫއިން ވަނީ ލުކަޝެންކޯ އާއި އެ ސަރުކާރުގެ އެހެން އިސް ވެރިންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފަ އެވެ. އޭގެ ތެރޭގައި އީޔޫގެ ގައުމުތަކުގައި ހުރި އެމީހުންގެ މުދާ ހިފެހެއްޓުމާއި އެގައުމުތަކަށް ދަތުރު ކުރުން މަނާ ކުރުން ހިމެނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް