ކޮވިޑަށް ކުރާ ހަރަދުގެ މަންފާ ނުފެންނަ ކަމަށް ބުނެ ކުއްލި މައްސަލައެއް

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ — ފޮޓޯ/މަޖިލިސް

ކޮވިޑް19 އާ ދެކޮޅަށް ސަރުކާރުން ބޮޑެތި ހަރަދުތަކެއް ކޮށްފައިވާ ކަމަށް ބުނި ނަމަވެސް އެކަމުގެ މަންފާ ރައްޔިތުންނަށް ނުލިބޭ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

އެ މައްސަލަ ހުށަހެޅުއްވީ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އެވެ. ސައީދު ވިދާޅުވީ އެ މައްސަލަ ހުށަހެޅުއްވުމުގެ ބޭނުމަކީ ކޮވިޑް19 ގެ ހާލަތު އިތުރަށް ގޯސްވަމުން ދިއުމާއި، ލ. މާވަށުގެ ހާލަތު ގޯސްވެ ހިތަދޫއާއި އަތޮޅުތެރޭގެ އިންތިޒާމުތަކުގައި ހުރި މައްސަލަތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުން ކަމަށެވެ.

ސައީދު ވިދާޅުވެފައި ވަނީ ރާއްޖޭގައި ކޮވިޑް19 ފެތުރެން ފެށުނީއްސުރެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައިވަނީ ވީ އެންމެ އަވަހަކަށް ބަލިން އަރައިގަނެ ވީ އެންމެ އަވަހަކަށް އާންމު ހާލަތަކަށް ދިއުން ކަމަށެވެ.

އެ މަގްސަދު ހާސިލް ކުރުމަށް ކަމަށް ބުނެ، މިދިޔަ އަހަރުން ފެށިގެން ދައުލަތުގެ އާމްދަނީގެ ބޮޑުބަޔަކާއި ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ ފައިސާ ކޮވިޑް ވަސީލަތްތައް ގާއިމުކޮށް އިންތިޒާމުތައް ރަނގަޅު ކުރުމަށް ހަރަދުކޮށްފައިވާ ކަމަށް ސަރުކާރުން ބުނި ނަމަވެސް، ރައްޔިތުންނަށް އެކަމުގެ މަންފާއެއް ނުލިބި ޝަކުވާ ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ސައީދ ވިދާޅުވި އެވެ.

ބަލި ފެތުރުން އެތައް ގުނައެއް އިތުރުވެ، މީހުން ދިރިއުޅޭ 70 ރަށެއް ބަންދުކޮށް، ބަލީގައި މަރުވަމުންދާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުން ދިއުމާއި ގުޅިގެން މިކަމުގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ސައީދު ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.

އެ ކުއްލި މައްސަލ މަޖިލީހުން މިއަދު ވަނީ ބަލައިގެންފަ އެވެ. އަދި މިހާރު މައްސަލައަށް ތަޅުމުގައި އަންނަނީ ބަހުސް ކުރަމުންނެވެ.

ކޮވިޑް19ގެ ހާލަތު އިތުރަށް ގޯސްވެ ވަރަށް ބޮޑަށް ބަލި ފެތުރޭތީ، ވަސީލަތްތައް ގާއިމުކުރުމަށާއި، އިޖާބީ މަސައްކަތްތައް ހަލުވި ކުރުމަށް ސަރުކާރަށް ގޮވާލުމަށް، މިދިޔަ ހަފްތާގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހެޅުއްވި އެވެ. ނަމަވެސް އެ މައްސަލައަށް ބަހުސް ކުރުމަށް ވެސް ފުރުސަތު ނުދީ މައްސަލަ ވަނީ ބޭރުކޮށްލައިފަ އެވެ.

comment ކޮމެންޓް