ބޮން ގޮއްވާލި ރޭ ނަޝީދުގެ ހާލުކޮޅާ ގުޅޭ ގޮތުން އިމްރާން ދެއްކެވި ވާހަކަ ކަމަކު ނުދިޔަ

ރައީސް ނަޝީދާއި އީވާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށް ފަހު، އެމަނިކުފާނުގެ ފުރާނަފުޅަށް ނުރައްކާވާ ފަދަ އަނިޔާއެއް ނެތް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވުމުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ފާޑުވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއަށް ފަހު އެމަނިކުފާނު އޭޑީކޭއަށް ގެންދެވުނީ އެރޭ 20:30 ހާއިރު އެވެ. އަދި އެ ރޭ 23:00 ހާއިރު، ރައީސް ނަޝީދުގެ ހަށިކޮޅުގައި އެކިވަރުގެ ޒަހަމްތައް ހުރި ނަމަވެސް، ފުރާނައަށް ނުރައްކާވާ ފަދަ އަނިޔާއެއް ލިބިފައި ނުވާ ކަމަށް މިނިސްޓަރު އިމްރާން ވަނީ ވިދާޅުވެފަ އެވެ.

ހަމަ އެހާއިރު އޭޑީކޭ ހޮސްޕިޓަލުން ވެސް ވަނީ އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށް ބުނެފަ އެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އެކަމާ ގުޅިގެން އެންމެ ފުރަތަމަ ސުވާލު ކުރެއްވީ، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޗެއާޕާސަން ހަސަން ލަތީފް އެވެ. ހަސަން ލަތީފު ވިދާޅުވީ ރައީސް ނަޝީދަށް އޭޑީކޭގައި ފަރުވާ ކުރެވެމުން ދަނިކޮށް ރައީސް ނަޝީދުގެ ހާލު ބައްލަވާނުލައްވައި، ރައީސް ނަޝީދުގެ ހާލުކޮޅު ރަނގަޅު ކަމަށް އިމްރާން މީޑިއާގައި ވިދާޅުވީ ކީއްވެތޯ އެވެ.

ހަސަން ލަތީފްގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެމަނިކުފާނު މީޑިއާގައި އެއްޗެއް ވިދާޅުވީ، އޭޑީކޭއަށް ގޮސް އެތަނުގައި އެވަގުތު ތިއްބެވި ރައީސް ނަޝީދުގެ އާއިލާ މެމްބަރުންނާއި އެހެން ވެސް ފަރާތްތަކާ ބައްދަލުކުރެއްވުމަށް ފަހު، ޑޮކްޓަރުންގެ ފަރާތުން އާއިލާއަށް ދެއްވި މައުލޫމާތާ ހަވާލާދެއްވައި ކަމަށެވެ.

"އަޅުގަނޑު ހިތުން އަޅުގަނޑު ދެންނެވި އެއްޗެއް މުޅިން ދޮގެކޭ ބުނެވެން ނެތް ގޮތަށް ހަގީގަތް ފެންނަން އެބަ އޮތް. އަޅުގަނޑު ހަމަ ދެންނެވީ އެބޭފުޅުން ދެއްވި މައުލޫމާތުގެ ތެރެއިން ވަރަށް ސާފު އެއްޗެއް އަޅުގަނޑު ދެންނެވީ. އެއީ ދޮގެއް ނޫންކަން ފެންނަން އެބަ އޮތް. އަޅުގަނޑު ދެންނެވީ ޑޮކްޓަރުންނާ ހަވާލާދީ އާއިލާއަށް ލިބިފައިވާ މައުލޫމާތު،" އިމްރާން ވިދާޅުވި އެވެ.

ނަމަވެސް އިމްރާންގެ ޖަވާބާ ގުޅިގެން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އީވާ ވިދާޅުވީ، އެ ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކުއްލި ޖަލްސާއަށް ވަޑައިގަތުމަށް ފިޔަވައި، ހޮސްޕިޓަލުން ނުކުމެ ވަޑައިގެންފައި ނުވާނެ ކަމަށާއި، ޑޮކްޓަރުން ދެއްވި ހުރިހާ އަޕްޑޭޓެއް ވެސް އަޑުއެއްސެވި ކަމަށެވެ.

"އަޅުގަނޑަކަށް ހިޔެއް ނުވޭ ޑޮކްޓަރަކު ވެސް އަދި އާއިލާއިން ވެސް ރައީސް ނަޝީދުގެ ހާލުކޮޅު ރަނގަޅު ކަމަކަށް އެންމެ ފަހަރަކު ވެސް އެވީ 20 ގަޑިއިރު ތެރޭގައި ވިދާޅުވެފައި އޮންނާނެ ހެނެއް. އެހެންވީމަ އާއިލާއާ ހަވާލާދެއްވައި ވިދާޅުވާ އެއްޗެއް ކަމަށް ވިދާޅުވީމަ، ޑޮކްޓަރުން ވިދާޅުވެ އަދި އާއިލާއާ ހަވާލާދެއްވައި ވިދާޅުވި އެއްޗެއް ކަމަށް ވިދާޅުވީމަ އަޅުގަނޑު ހިތާމަކުރަން. އެއީ އަޅުގަނޑަކީ ރައީސް ނަޝީދު ސާޖަރީގައި އޮންނެވިހާ ވަގުތަކު، މަޖިލިސް ޖަލްސާއަށް ވަނުމަށް ފިޔަވައި އެ ހޮސްޕިޓަލުން ނުކުތް މީހެއް ނޫން. އަދި ޑޮކްޓަރުން ދެއްވި ހުރިހާ އަޕްޑޭޓެއް އަޅުގަނޑު ހުރިހާ ވަގުތެއްގައި ވެސް އަޑު އެހިން. އަޅުގަނޑަށް ކަށަވަރު އާއިލާއަކުން ރައީސް ނަޝީދުގެ ހާލަތު އެވަގުތު ރަނގަޅު ކަމަށް ވިދާޅުވެފައި ނޯންނާނެކަން،" އީވާ ވިދާޅުވި އެވެ.

އީވާގެ ވާހަކައާ ގުޅިގެން އިމްރާން ވިދާޅުވީ، އެ ރޭ މީޑިއާތަކަށް ވިދާޅުވީ ރައީސް ނަޝީދުގެ ފުރާނައަށް ނުރައްކާވާ ފަދަ އަނިއްޔާއެއް ނެތް ވާހަކަ ކަމަށާއި، ލިބިފައި ހުރި އަނިޔާގެ ތަފްސީލާއި ހާލުކޮޅުގެ ތަފްސީލަށް ވަޑައިގެންފައި ނުވާނެ ކަމަށެވެ.

އެކަމާ ގުޅިގެން އިތުރު މެމްބަރުން ވެސް މިއަދު ވަނީ ސުވާލު އުފައްދަވައިފަ އެވެ. ނަމަވެސް މިނިސްޓަރު ވަނީ އެއް ވާހަކަތަކެއް ތަކުރާރު ކުރައްވައިފަ އެވެ.

ރައީސް ނަޝީދަށް ހަމަލާ ދިން ރޭ، އޭޑީކޭއަށް ވަޑައިގެން އެ ސަރަހައްދުގައި ހުންނަވައި ޓީވީ މެދުވެރިކޮށް އިމްރާން ވިދާޅުވީ ރައީސް ނަޝީދުގެ ފުރާނަފުޅަށް ގެއްލުންވާ ވަރުގެ ސީރިއަސް ގެއްލުމެއް ލިބިފައި ނުވާ ކަަމަށާއި ހާލުކޮޅު ސީރިއަސް ނޫން ކަމަށެވެ.

އިމްރާން އެހެން ވިދާޅުވުމުން އޭރު ވެސް އެމްޑީޕީގެ ބައެއް މެމްބަރުން ނުރުހުން ފާޅުކުރެއްވި އެވެ.

މިމަހުގެ ހަ ވަނަ ދުވަހު ރައީސް ނަޝީދު ދިރިއުޅުއްވާ ގެއިން އެމަނިކުފާނު ނުކުމެ ވަޑައިގެން ކާރުކޮޅަށް އަރާ ވަޑައިގަންނަވަނިކޮށް އައިއީޑީއެއް ގޮއްވާލާ ދިން ހަމަލާއާ ގުޅިގެން ލިބުނު ޒަހަމްތަކަށް މިހާރު ވެސް އަންނަނީ ޖަރުމަނު ވިލާތުގައި ފާރުވާ ހޯއްދަވަމުންނެވެ.

އެ ހަމަލާއާ ގުޅިގެން މިހާތަނަށް ހައްޔަރު ކޮށްފައި ވަނީ ހަތަރު މީހެކެވެ. އެއީ މއ. ފޭރުގެ، މުޖާޒު އަހުމަދު، 21، ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދު، 32، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު، 26 އަދި ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހު، 23 އެވެ.

comment ކޮމެންޓް