ހައްޔަރުކުރި ހަތަރު މީހުން ޕޮޒިޓިވްވެ، ތަހުގީގަށް ލަސްކަމެއް

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުން (ކ-ވ) އަހުމަދު ފާތިހު، އަދުހަމް އަހްމަދު ރަޝީދު، ތަހުމީން އަހްމަދު އަދި މުޖާޒް އަހްމަދު ---

މި މަހުގެ ހަވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުންނާއި، ތަހުގީގައި ހަރަކާތްތެރިވާ ގިނަ އޮފިސަރުންތަކެއް ކޮވިޑް19 އަށް ޕޮޒިޓިވްވެ ތަހުގީގު ސްޕީޑު އުންމީދުކުރި ބާރުމިނުގައި ނުދާކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މިމަހުގެ ހަވަނަ ދުވަހު ރައީސް ނަޝީދު ދިރިއުޅުއްވާ ގެއިން އެމަނިކުފާނު ނުކުމެ ވަޑައިގެން ކާރުކޮޅަށް އަރާ ވަޑައިގަންނަވަނިކޮށް އައިއީޑީއެއް ގޮއްވާލާ ދިން ހަމަލާއާ ގުޅިގެން ލިބުނު ޒަހަމްތަކަށް މިހާރުވެސް އަންނަނީ ޖަރުމަނު ވިލާތުގައި ފާރުވާ ހޯއްދަވަމުންނެވެ.

އެ ހަމަލާއާ ގުޅިގެން މިހާތަނަށް ހައްޔަރު ކޮށްފައި ވަނީ ހަތަރު މީހެކެވެ. އެއީ މއ. ފޭރުގެ، މުޖާޒު އަހުމަދު، 21، ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދު، 32، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު، 26 އަދި ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހު، 23 އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރު ހާޒިރުވެވަޑައިގަތުމުން، އެ ހަމަލާގެ ތަހުގީގާމެދު ހިތްހަމަޖެހިވަޑައިގަންނަވާތޯ ސުވާލު ކުރެއްވީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް އެވެ.

މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ހަމަލާގެ ތަހުގީގު ފެށުނު ހިސާބުން 450 އެއްހާ ފުލުހުން މައްސަލައިގެ ތަހުގީގުގައި ބައިވެރިވަމުން އަންނަ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މައްސަލައަށް ހާއްސަ ސަމާލުކަމެއް ދެއްވައި ކޮމިޓީއެއް އެކުލަވާލައި، ބޭރުގެ ތަޖުރިބާކާރެއްގެ ފާރަވެރިކަމުގެ ދަށުން މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި އެހެން ނަމަވެސް ތަހުގީގުގެ ސްޕީޑު އެންމެ އެދެވޭ ބާރުމިނުގައި ދާކަމަށް ވިދާޅުނުވެވޭނެ ކަމަށެވެ.

"ޕެންޑަމިކް ސަބަބުން މިހާރު ހައްޔަރުކޮށްފައިވާ ހަތަރު މީހުން ވެސް ވަނީ ޕޮޒިޓިވްވެފް. އަދި ޓީމުގެ ވަރަށް ގިނަ އޮފިސަރުން ތިބީ ޕޮޒިޓިވް ވެފަ. މީގެ ސަބަބުން އަޅުގަނޑުމެން އެންމެ ބޭނުންވާ ވަރަކަށް ކުރިއަކަށް ނުގެންދެވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

އެހެން ނަމަވެސް އެއްވެސް ވަރުބަލިކަމެއް ނެތި ހަމަލާގެ ތަހުގީގަށް ވަރަށް ގިނަ ވަގުތު ހޭދަކޮށް، ވަރަށް ބުރަ މަސައްކަތެއް ކުރަމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މަސައްކަތް ކުރަވެމުންދާ ގޮތާ މެދު އަޅުގަނޑު ހިތްހަމަޖެހުން އެބަ އޮތް. ސްޕީޑު އަޅުގަނޑުމެން އެންމެ ބޭނުންވާ ވަރަށް ނުގެންދެވުމުގެ ސަބަބުތައް އެބަހުރި،"

ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ސަލާމަތީ ބާރުތަކުން ކުރިއަށް ގެންދާއިރު، އެ ތަހުގީގު ގާތުން ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން މަންދޫބެއް ވަނީ އައްޔަންކޮށްފަ އެވެ. އަދި ތަހުގީގަށް ބޭރުގެ މާހިރުންގެ އެހީތެރިކަން ވެސް އަންނަނީ ހޯދަމުންނެވެ.

comment ކޮމެންޓް