އައްޑޫ ސިޓީ ކައުންސުލްގެ ހިދުމަތްތައް މެދުކަނޑާލައިފި

އައްޑޫ ސިޓީ ކައުންސިލް އިދާރާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ސިޓީގައި ކޮވިޑް19 ގެ ކޮމިއުނިޓީ ސްޕްރެޑެއް އޮތުމުން، ސިޓީ ކައުންސިލްގެ ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

ކޮވިޑް ފެތުރޭތީ އައްޑޫ ސިޓީ އޮތީ މޮނިޓަރިންގ ހާލަތުގަ އެވެ. އަދި ހަވރު ހަތަރަކުން ފެށިގެން ކާފިއު އިއުލާނުކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަ ކޮށްފަ އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ އައްޑޫ ސިޓީ މޮނިޓަރިންގ އަށް ލާފައިވާތީ އާއި މިވަގުތު އައްޑޫގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތުމުން، އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސިޓީ ކައުންސިލުން ވަކިގޮތެއް އަންގަންދެން، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއާއި އެ އިދާރާގެ ދަށުން ހިނގަމުންދާ އަވަށު އޮފީސްތަކުން ދެމުންގެންދާ އެންމެހާ ހިދުމަތްތައް ދިނުން ވަގުތީ ގޮތުން މެދުކަނޑާލުމަށް ނިންމާފައިވާ ކަމަށެވެ.

ކައުންސިލްގެ އިދާރާއިން ދެމުންގެންދާ ހިދުމަތްތައް ދިނުން މެދުކަނޑާލި ނަމަވެސް އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރާއި ސޯޝަލް ސަޕޯޓް ޑެސްކްތަކުން ދެމުންގެންދާ ހިދުމަތްތައް މެދުކެނޑުމެއް ނެތި ލިބޭނެ ކަމަށް ކައުންސިލުން ބުންޏެވެ.

އިއްޔެ ޕޮޒިޓިވްވި ނުވަ މީހުންނާއެކު، އައްޑޫ ސިޓީގައި މިވަގުތު ކޮވިޑް19 އަށް ޕޮޒިޓިވް 163 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން ހަ މީހަކަށް އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުންނެވެ.

އައްޑޫގެ ޕޮޒިޓިވް ކޭސްތަކުގެ ތެރޭގައި ހިމެނެނީ:

  • ހިތަދޫ: 92
  • މަރަދޫ: 6
  • މަރަދޫފޭދޫ:1
  • ފޭދޫ: 12
  • ގަން: 1
  • ހުޅުދޫ: 41
  • މީދޫ: 9
  • ރިސޯޓު: 1
comment ކޮމެންޓް