ކޮނޑޭ ރައީސްގެ ވޯޓު އަލުން ގުނަން ހުކުމް ކޮށްފި

ފެބްރުއަރީ 15، 2021: ހައި ކޯޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގއ. ކޮނޑޭ ކައުންސިލުގެ ރައީސް އިންތިހާބު ކުރުމަށް ބެހެއްޓި ވޯޓު ފޮށިތައް އަލުން ގުނުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ހުކުމް ކޮށްފި އެވެ.

ގއ. ކޮނޑޭ ކައުންސިލުގެ ރައީސް ކަމަށް ޝުއައިބު މުހައްމަދު ދީދީ ވާދަކޮށްފައި ވަނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ. އިލެކްޝަންސް ކޮމިޝަނުގެ އިންތިހާބުގެ ނަތީޖާ ދައްކާގޮތުން އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު އަބްދުލްހަކީމަށް ލިބިވަޑައިގެންނެވީ 130 ވޯޓެވެ. ޝުއައިބުއަށް ލިބިވަޑައިގެންނެވީ 128 ވޯޓެވެ.

ޝުއައިބު މުހައްމަދު ދީދީގެ ފަރާތުން ހައިކޯޓަށް މައްސަލަ ހުހުށަހަޅާފައި ވަނީ ކޮނޑޭގައި ބަހައްޓާފައި ހުރި ވޯޓު ފޮށީގެ ވެރިޔާ އަމަލުކޮށްފައި ވަނީ ލޯކަލް ކައުންސިލް އިންތިހާބާ ބެހޭ ގަވައިދާ ހިލާފަށް ކަމަށް ބުނެ ކައުންސިލް ރައީސް އިންތިހާބުގެ ނަތީޖާ ބާތިލުކޮށްދެއްވުނަށް އެދި އެވެ. ނުވަތަ ރައީސް އިންތިހާބު ކުރަން ބެހެއްޓުނު ތިން ވޯޓު ފޮއްޓެއް އަލުން ގުނައިދިނުމަށް ހުކުމް ކޮށްދިނުމަށް އެދި އެވެ.

ހައިކޯޓުން ކުރި ހުކުމުގައި ބުނެފަައި ވަނީ އިންތިހާބު ބާތިލުކޮށް އިންތިހާބު އަލުން ބާއްވަން އަމުރުކުރަން ޖެހޭ ސަބަބެއް މެދުވެރިވެފައިވާ ކަމަށް ނުފެންނަ ކަމަށެވެ.

އެހެންނަމަވެސް ކޮނޑޭ ކައުންސިލުގެ ރައީސް އިންތިހާބު ކުރުމަށް ބެހެއްޓި ވޯޓު ފޮށިތައް އަލުން ގުނާ ނަތީޖާ ކަނޑައަޅަން ޖެހޭ ފަދަ ހާލަތެއް މެދުވެރިވެފައިވާ ކަމަށް ފެންނަ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ އިންތިހާބުވި ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނަތީޖާއިން ދައްކާ ކެންޑިޑޭޓާއި ޝުއައިބު އާ ދެމެދު އެންމެ ވޯޓެއްގެ ފަރަގެއް އޮތުމުން ނަތީޖާއަށް ބަދަލު އަތުވެދާނެ ކަމަށް ބަލައި ހަމައެކަނި ބާތިލު ވޯޓު ގުނަން އިލެކްޝަންސް ކޮމިޝަނުން ނިންމީ ކޮން އަސާސެއްގެ މައްޗަށް ބިނާކޮށްކަމެއް ސާފެއް ނޫން ކަމަށެވެ.

"ހަމައެކަނި ބާތިލު ވޯޓު ގުނުމުން ކަށަވަރުވެގެންދާނީ ބާތިލު ވޯޓުގެ ތެރޭގައި ސައްހަ ވޯޓެއް އޮތްކަން ނުވަތަ ނެތް ކަމެވެ. ސައްހަ ވޯޓުތެރޭގައި ބާތިލުވޯޓެއް އޮތްކަން ނުވަތަ ނެތްކަން ކަށަވަރު ކުރެވޭނީ ސައްހަ ވޯޓު ގުނައިގެންނެވެ." ހައިކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ.

ނަތީޖާއަށް ބަދަލު އަތުވެދާނެ ކަމަށް ބެލެވޭ ހާލަތުގައި ނަތީޖާ ޔަގީން ކުރުމަށް ސައްހަ ވޯޓު ގުނަން ޖެހޭ ކަމުގައި ދެކޭ ކަމަށް ހައިކޯޓުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް