ބައި ލައްކައެއްހާ މެމްބަރުން ތިބި "މޯލްޑިވްސް ވިތް ފަލަސްތީން'" ގުރޫޕު ފޭސްބުކުން ބަންދުކޮށްފި

ދިވެހި ކުޑަ ކުއްޖަކު، ގައުމީ ދިދަ އަދި ފަލަސްތީނުގެ ދިދަ ހިފައިގެން --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ޒުވާނުންތަކެއް އިސްވެ ހެދި، ފޭސްބުކް ގްރޫޕް، "މޯލްޑިވްސް ވިތު ފަލަސްތީން" އެ ޕްލެޓްފޯމުން ބަންދުކޮށް ގެއްލުވާލައިފި އެވެ.

ހަފްތާއެއް ތެރޭ ބައިލައްކައާ ގާތް ކުރާ އަދަދަކަށް މެމްބަރުން ތިބި އެ ގުރޫޕް ފޭސްބުކުން ގެއްލުވާލީ އިއްޔެގެ ވަގުތެއްގަ އެވެ.

އެ ގުރޫޕުގެ އެއް އެޑްމިން އަދި ދިވެހި ޗެނަލްގެ ނޫސްވެރިޔާ މަރިޔަމް ޝިއުނާ މިރޭ "ސަން"އަށް ބުނީ، އެ ޕޭޖް ފޭސްބުކުން ބޭންކޮށްލީ ޕަލަސްތީންއާ އެއްކޮޅަށް ބަސްބުނެ، އެގައުމުގެ ހާލަތު ދުނިޔެއަށް ފެންނަން ބޭނުން ނުވާތީ ކަމަށެވެ.

"ފަލަސްތީންގެ ހާލަތު ކިރިޔާ ސިފަވާ ފޮޓޮއެއް، މެސެޖެއް ޕޯސްޓުކުރިޔަސް އެލާޓް އާދޭ ހޭޓް ސްޕީޗްއޭ ކިޔާފައި. މިއީ ފަލަސްތީންގެ މަސްރަހު ބައިނަލްއަގުވާމީ މުޖްތަމައުއަށް ފެންނަ ބޭނުން ނުވާތީ ކުރި ކަމެއް ކަމަށް ބެލެވެނީ،" ޝިއުނާ ބުންޏެވެ.

މިމަހު 15 ވަނަ ދުވަހު އުފެއްދި އެ ގުރޫޕުން، އިޒުރޭލުން ފަލަސްތީނަށް ދެމުން އަންނަ ހަމާލަތަކާ ދެކޮޅަށް އަޑުއުލުމަށްޓަކައި ރާއްޖޭގައި ބާއްވަމުން އަންނަ ހުރިހާ ހަރަކާތްތަކެއް ފޮޓޯ، ވީޑިއޯ އަދި އެންމެފަހުގެ މައުލޫމާތު ލިބެން ހުއްޓެވެ.

ޝިއުނާ ބުނީ، އެ ގުރޫޕުގެ މަގްސަދަކީ ފަލަސްތީނުގެ ރައްޔިތުންނަށް ވެވެން އޮތް އެހީތެރިކަމެއްވެ، ރާއްޖެއަކީ ކިތަންމެ ކުޑަ ގައުމެއް ނަމަވެސް މި ގައުމުގެ ރައްޔިތުން ތިބީ ފަލަސްތީނުގެ މުސްލިމުންނާއެކުކަން މުޅި ދުނިޔެއަށް ދައްކާލުން ކަމަށެވެ. އަދި އަލުން ގުރޫޕު ހޯދުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް ޝިއުނާ ބުންޏެވެ.

"މިހާރު ޓާގެޓަކީ، އަނބުރާ ގުރޫޕު ހޯދުމަށް ފަހު، ދިވެހިންނަށް އަމާޒުކޮށް ދިވެހި ބަހުން މައުލޫމާތު ފޯރުކޮށްދިނުން.. އަޅުގަނޑުމެން މި މަސައްކަތް ހުއްޓައެއް ނުލާނަން. ކުރިއަށް އިތުރު ހަރަކާތްތައްވެސް އެބަހުރި" ޝިއުނާ ބުންޏެވެ.

މޯލްޑިވްސް ވިތު ފަލަސްތީން ގުރޫޕު ގެއްލުވާލި އިރު، ސޯޝަލް މީޑިއާ ބައެއް ޕްލެޓްފޯމުތަކުން އިޒުރޭލްއާ ދެކޮޅު ހިޔާލުފާޅު ކުރާ މީހުންނާއި ޕޭޖުތަކާއި އަދި ގްރޫޕްތައް ވެސް މި ދުވަސްކޮޅު އަންނަނީ ހުއްޓުވަމުންނެވެ. އެގޮތުން އިއްޔެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ފަހުން ދީނީ ކަންކަމަށް މީހުން ހޭލުންތެރިކުރުވަން އުޅޭ ސަލަފް ޖަމިއްޔާގެ އިސް މެމްބަރު އަލީ ރަމީޒްގެ ޓުވިޓާ އެކައުންޓް ވެސް ވަނީ ސަސްޕެންޑުކޮށްފަ އެވެ. އެނާވެސް ވަނީ މީގެ ކުރިން ފަލަސްޓީން މިނިވަން ކުރުމަށް ގޮވާލާ ގިނަ ޓްވީޓްތަކެއް ކޮށްފަ އެވެ.

comment ކޮމެންޓް