ބަލަބަލާ ތިއްބާ ކަށްވަޅުތައް ފުރެނީ، ހިތްފަޅައިގެންދާހާ ހިތްދަތި!

ކޮވިޑް-19 ބަލީގައި ނިޔާވި މީހެއްގެ ޖަނާޒާގެ ކަންކަން ކުރިޔަށް ދަނީ. މޭ މަހަކީ މިހާތަނަށް ކޮވިޑުގައި ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މީހުން ނިޔާވި މަސް. (ސަން ފޮޓޯ/ފަޔާޒް މޫސާ)

ކޮވިޑުގެ ރޯގާ މުޅި ރާއްޖެއަށް ބާރުމިނެއްގައި ފެތުރި ދުވާލެއްގެ މައްޗަށް މަރުވާ މީހުންގެ އަދަދު އެވްރެޖްކޮށް މިހާރު އުޅެނީ ހަތަރެއް ހިސާބުގަ އެވެ. މީގެ ކުރިން ކޮވިޑުގައި މަރުވަނީ މަހަކު ދެތިން މީހެކެވެ. އެކަމަކު މިހާރު މުޅި ހާލަތު ބަދަލުވެ މި މަހު އެކަނިވެސް 50 މީހުން އެ ބަލީގައި މި ދުނިޔެ ދޫކޮށްފި އެވެ. ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ މިހާރު 123އަށް އަރައިފަ އެވެ.

މާލެ ސަރަހައްދުން ކޮވިޑުގައި މަރުވާ މީހުން ވަޅުލާ ހުޅުމާލެ ސަހަރާއަށް ވަދެގެން ދާއިރު ސަހަރާގެ ވާތްފަރާތް ކޮވިޑުގައި މަރުވާ މީހުން ވަޅުލުމަށް ހާއްސަކޮށްފައިވާ އިރު އެ ބަލީގެ ޝިކާރައަކަށްވެ ދުނިޔެ ދޫކުރި މީހުންގެ މަހާނަތަކުން މިހާރު އެ ސަރަހައްދު އެ އަންނަނީ ފުރެމުންނެވެ. އަހަރެން އެތަަނަށް ދިޔައިރުވެސް އެ ބަލީގައި މަރުވި މީހެއް ވަޅުލުމަށް ހުރީ ވަޅު ކޮނެ ތައްޔާރުކޮށްފަ އެވެ. އަދި އެ މަސައްކަތުގައި އުޅޭ މީހުން ތިބީ އަދިވެސް ވަޅުކޮންނަން ޖެހިދާނެ ކަމަށް ތައްޔާރަށެވެ.

"އުންމީދަކީ އިތުރަށް އެންމެ މީހަކުވެސް މި ބަލީގައި ނިޔާވެ ނުދިޔުން. އިންތިޒާރުކުރެވެނީ މިކަން ނިމޭނެ ދުވަހަކަށް،" ކޮވިޑުގައި މަރުވާ މީހުންގެ ޖަނާޒާގެ މަސައްކަތުގައި މިފާއިތުވެދިޔަ އެއް އަހަރު ދުވަސް ހޭދަކުރި ހުޅުމާލޭ ސަހަރާގެ އިސް ޖަމާއަތްތެރިޔާ އަހުމަދު މުނައްވަރު އޭނާގެ އިހުސާސްތައް ކިޔައިދޭން ފެށި އެވެ.

ކޮވިޑުގައި މަރުވާ މީހުންގެ ކަށުކަމާ ކެމީގެ ކަންކަން ކުރަން ޖެހެނީ އާންމުކޮށް މަރުވާ މީހުންގެ ކަށުކަމާ ކެމީގެ ކަންކަން ކުރާ ގޮތާ ވަރަށް ބޮޑަށް ތަފާތުކޮށެވެ. ޕީޕީއީ އަޅައިގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު އެ މަސައްކަތް ކުރަން ޖެހޭއިރު ކަށުނަމާދު ވެސް ކުރަން ޖެހެނީ މަދު ބަޔަކާ އެކު އެވެ. ހަގީގަތުގައި މިއީ ނުރައްކާ ވެސް މަސައްކަތެކެވެ. އެ މީހުން އެ މަސައްކަތް ކުރަނީ އަމިއްލަ ފުރާނަ އަތް މައްޗަށް ލައިގެންނެވެ. އެ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އެހެން އާންމު މީހުންނަށް ވުރެ ބޮޑެވެ. އެކަމަކު އެ މީހުންގެ އަޅާލުމެއް ފަރުވާލެއް ނެތެވެ.

ކޮވިޑް-19 ބަލީގައި ނިޔާވި މީހެއްގެ ޖަނާޒާގެ ކަންކަން ކުރިޔަށް ދަނީ. މޭ މަހަކީ މިހާތަނަށް ކޮވިޑުގައި ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މީހުން ނިޔާވި މަސް. (ސަން ފޮޓޯ/ފަޔާޒް މޫސާ)

ގާތްގަނޑަކަށް 16 އަހަރު މި މަސައްކަތުގައި ހޭދަކޮށްފައިވާ މުނައްވަރު ބުނި ގޮތުގައި ކޮވިޑުގައި މަރުވާ މީހެއްގެ ކަށުކަމާކެމީގެ މަސައްކަތުން އޭނާއަށް ލިބޭ ހިތާމައާއި މާޔޫސްކަން އިންތިހާއަށް ބޮޑެވެ. އެއީ އެ ބަލީގައި ބޮޑުވަރުވާ މީހުން މަރުވެ ދަނީ އާއިލާތަކާ ދުރުގައި ކަމަށް ވުމުން ގިނަ އާއިލާތަކަށް މޫނު ދެކިލުމުގެ ފުރުސަތު ވެސް ނުލިބުމެވެ. ނޫނީ ސަހަރާއަށް އަންނަނީ އެ ޔަގީންކަން ވެސް ނުލިބި އެވެ. އަދި ކަށުނަމާދު ކުރުމުގެ ފުރުސަތުވެސް އޮންނަނީ މަދު ބަޔަކަށެވެ. މުނައްވަރު ބުނި ގޮތުގައި ސަހަރާއަށް އަންނަ އާއިލާ މެންބަރުންގެ މޫނުމަތިން ފެންނަ ހިތާމަ އާއި ހިތްދަތިކަން ފެނިފައި އޭނާގެ ހިތްފަޅައިގެން ދާވަރުވެ އެވެ.

"ވަޅުލާއިރު ކޮވިޑުގެ މައްޔިތުންވީމަ ވާ ގޮތަކީ ކޮންމެ ގޮތަކަށްވިޔަސް އާސަހަރާގައި ވަޅުލާ މައްޔިތުންނާއި ވަރަށް ބޮޑަށް ތަފާތު. އާއިލާ ބޭފުޅުން ތިއްބަވާނީ ވަރަށް ބޮޑަށް މާޔޫސްވެފަ. މިހިސާބަށް އަންނައިރުވެސް ބައެއް އާއިލާތަށް ތިބެނީ ނޭނގުމެއްގެ ތެރޭގައި މޫނު ފެންނާނެކަމާއިމެދުގައިވެސް. އުންމީދެއްގައި. ކަށުނަމާދުގައި ބައިވެރިވެވޭނެކަމުގެވެސް. ވަރަށް މާޔޫސްވެފަ ތިބެނީ. އެހެންނަމަވެސް މޫނު ދައްކައި، ކަށުނަމާދުގައި ބައިވެރިވެވޭކަން އެނގުމުން ދެން ކޮންމެވެސް ވަރަކަށް ހަމަޖެހުން ލިބޭނެކަމަށް ގަބޫލުކުރަނީ،" މުނައްވަރު ބުންޏެވެ.

"ނިޔާވެގެން ހަށިގަނޑު އެބޭފުޅުންނަށް ފެންނަނީ. އައިސީޔޫއެއްފަދަ ތަނަކަށް ގެންގޮސްފަ ނުފެނި އޮވެފަ. އެހިސާބުން ދެން އާއިލާ ބޭފުޅުން އެވާ ދެރައާއި ހިތާމަ، ވަރަށް ހިތަށް އަސަރު ކުރޭ،"

މުނައްވަރު "ސަން" އަށް އިންޓަވިއު ދެމުން ދަނިކޮށްވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ކޮވިޑުވައި މީހަކު މަރުވިކަން އިއުލާންކުރި އެވެ.

މިފަހަކަށް އައިސް އެ ބަލީގައި މަރުވާ މީހުންގެ އަދަދާއިއެކު މުނައްވަރު އަދި އޭނާއާއިއެކު ދެން މަސައްކަތްކުރާ ޖަމާއަތްތެރިންގެ އަށް މީހުން ހިމެނޭ ޓީމަށްވެސް ކުރަން ޖެހޭ މަސައްކަތް ވަނީ ބޮޑުވެފަ އެވެ. އަދި މަސައްކަތް ބުރަވުމުގެ އިތުރަށް އެ މީހުންނަކީ ވެސް އިންސާނުންނަށް ވުމުން ހިތަށް ކުރާ އަސަރު ބޮޑެވެ. ފުލުފުލުގައި އެތައް އިންސާނުންނެއްގެ ހަށިތައް އެގޮތަށް ވަޅުލާން ޖެހުމުން ކުރާ އަސަރު މުނައްވަރަށް ވެސް އަސްލު ބުނެދޭން އުނދަގޫވެ ހުއްޓުން އެރި އެވެ.

މުނައްވަރު ބުނީ މި ހާލަތުގެ ބިރު އިހުސާސްވެ އަމިއްލަ އާއިލާގެ މެންބަރުންނާ މެދުވެސް އޭނާއަށް ފިކުރު ކުރެވޭ ވަރު ބޮޑެވެ. މީހަކު މަރުވެ ވަޅުލާން ޖެހޭ ކޮންމެ ފަހަރަކު އާއިލާގެ ރައްކާތެރި ކަމާ މެދު އޭނާއަށް ފިކުރުުރެވެ އެވެ. ދެން ރާއްޖޭގެ ހާލަތު ބަދަލުވާނެ ގޮތެއް ލަފާކޮށްލަން ނޭނގި މާޔޫސްކަމުގައި މުނައްވަރާއި އޭނާގެ ޓީމުން ތިބިއިރު މުނައްވަރު ބުނީ އެ މީހުންނަށް ކުރެވެން އޮތްހާވެސް ކަމަކީ ހާލަތު ރަނގަޅުވުމަށް އެދި ދުއާކުރުމެވެ. އެއީ އެ މީހުންގެ ހިތްދަތިކަމަށް ކުޑަ ނަމަވެސް އޮތް އުންމީދެވެ.

ކޮވިޑް-19 ބަލީގައި ނިޔާވި މީހެއްގެ ޖަނާޒާގެ ކަންކަން ކުރިޔަށް ދަނީ. މޭ މަހަކީ މިހާތަނަށް ކޮވިޑުގައި ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މީހުން ނިޔާވި މަސް. (ސަން ފޮޓޯ/ފަޔާޒް މޫސާ)

"އަހަރުދުވަސް ވަންދެން ގާތްގަނޑަކަށް މިދިޔައީ މިމަހާ ޖެހެންދެން ބުނާނަމަ ވަރަށް ދޭތެރެ ދުރުކޮށް، ދެން ބައެއް ފަހަރަށް ތަންކޮޅެއް ގާތްގާތުގައި ކޮވިޑުގައި މީހުން ނިޔާވިޔަސް. އެކަމަކު މިހާތަނަށް ކޮވިޑުގެ ނިޔާވި މީހުންގެ ތިން ބައިކޮށްފަ އެއްބައި މިމަހު ނިޔާވެގެން އެ ދިޔައީ. އެޔަށްވުރެވެސް މައްޗަށް ޖެހުނު. އަހަރެއްވެގެންދާއިރު ހިތަށް އަރަނީ މިކަމާއިމެދު، ކިހިނެތްބާއޭ މިކަން ދާނީ ދެން. ކަންބޮޑުވޭ، ވަރަށް ކަންބޮޑުވޭ،" މުނައްވަރު ބުންޏެވެ.

ކޮވިޑުގައި މަރުވާ މީހުން ވަޅުލުމުގެ ކަންކަން ކުރާއިރު އޭނާ އެކަން ކުރަނީ އަމިއްލަ ފުރާނަ ނުރައްކަލަށް ހުށަހެޅޭ ހާލުގައިކަން އޭނާ ދެނެހުރެ އެވެ. އަދި އެކަމާ ވިސްނައި، ހަމަ ހެދޭ ކުޑަ ޅަ އެއްޗެއްގެ ސަބަބުންވެސް އަމިއްލަ މީހާއަށާއި އާއިލާއަށް އަދި އެކުގައި މަސައްކަތްކުރާ އެހެން މީހުންނަށްވެސް ނުރައްކަލަކާއި ކުރިމަތިވެދާނެކަން ވިސްނައި އެކަމަށް ސަމާލުވެގެން މަސައްކަތްކުރަން ޖެހޭކަމަށް މުނައްވަރު ބުންޏެވެ. މިއީ އޭނާގެ 16 އަހަރުގެ މި މަސައްކަތުގެ ތަފާތު ތަޖުރިބާތަކެއް އޭނާ ކުރާ ދުވަސްތަކެކެވެ.

"ހަމަ އާދައިގެ މަތިން ކުރާ ޖަނާޒާއަކާއި ތަފާތު. އެންމެ ފުރަތަމަ ކޮވިޑުގެ މައްޔިތަކު ނިޔާވެގެން މައުލޫމާތު ދޭން ގުޅީމަ ފުރަތަމަ ވަޅު، ކޮނެފަ ނެތިއްޔާ ވަޅުކޮނުމުގެ ކަންތައް ކުރަން ޖެހެނީ. އާންމުކޮށް ހަތަރުވަރަކަށް ވަޅު ކޮނެފަ ބަހައްޓަނީ، އެއީ މިހާރަކަށްއައިސް ރޭޓް ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާތީވެ،" މުނައްވަރު ބުންޏެވެ.

އޭނާ ކިޔައިދިން ގޮތުގައި މަރުވާ ރޭޓު މަތިވެފައިވިޔަސް ސަހަރާގެ މަސައްކަތްތައް ދުރާލައި ރާވައި ތިބެނީ ތައްޔާރަށެވެ. އެކަމަށް ސިކުނޑި ހުންނަނީ ތައްޔާރުކޮށްގެންނެވެ. އަދި ކަމާބެހޭ ފަރާތްތަކުންވެސް މަސައްކަތަށް ފުރިހަމަ އެހީތެރިކަން ދޭ ކަމަށް މުނައްވަރު ބުންޏެވެ. މަރުވާ އަދަދު އިތުރުވުމާއެކު ސަހަރާގެ މަސައްކަތަށްވެސް މީހުން އިތުރުކުރިކަމަށް ވެސް މުނައްވަރު ބުންޏެވެ.

ކޮވިޑް-19 ބަލީގައި ނިޔާވާ މީހުން ވަޅުލާން ހުޅުމާލެ ސަހަރާގައި މަހާނަކޮނެފައި. (ސަން ފޮޓޯ/ފަޔާޒް މޫސާ)

"ވަޅުކޮނެފަ، ދެން މައްޔިތާ ގެންނަންދެން ތައްޔާރުވެގެން ތިބެނީ ހަމަ. ތައްޔާރުވުމުގެ ގޮތުން ކަފުން ފަތުރައި އެގޮތަށް ތައްޔާރުވަނީ. ބޮޑީބޭގް ބާއްވާނީ ކަފުން މަތީގައި. އެޔަށްފަހު އާއިލާގެ ބޭފުޅުން މޫނުބަލަން ތައްޔާރުކޮށް، އެކަމަށް ފުރުސަތުދީ އޭގެ ފަހުން އެތެރެއަށް ވައްދައި ތަޔައްމުމްކުރަނީ ދެން ސަންދޯކަށް ލައިފަ ވަޅުލަނީ،" މުނައްވަރު ކިޔައިދިނެވެ.

މިދިޔަ ދެ ތިން ދުވަހު އެވަރެޖްކޮށް ހަތަރު މީހުން ކޮވިޑުގައި ދުނިޔެ ދޫކުރިއިރު އިއްޔެ އެ އަދަދު ކޮންމެވެސް ވަރަކަށް ދަށްވުމުން މުނައްވަރު އަދި އޭނާގެ ޓީމުންވެސް ތިބީ އެ އަދަދުތައް އިތުރަށް މަތިނުވާނޭކަމަށް އުންމީދުކޮށްގެންނެވެ. އެއީ 24 ގަޑިއިރުތެރޭ ހަތް މީހުން ވަޅުލާން ޖެހުނު ހިތާމަވެރި ދުވަސް ހަދާނުގައި ހުރީތީ އެވެ. އެފަދަ ދުވަހެއް ދެވަނައަށް ކުރިމަތި ނުވުމަށް މުނައްވަރު ނޭދެ އެވެ. އެ ދުވަސް ނައުމަށް އޭނާ ހުރީ ދުއާކުރުމުގަ އެވެ.

"އެންމެ ގިނައިން މީހުން ވަޅުލާން ޖެހުނު ދުވަސް...24 ގަޑިއިރު ތެރޭކަމަށް ވަންޏާ އިންނާނެ ހަތް މީހުން ވަޅުލެވިފަ. އެއް ދުވަހަށް ބަލަންޏާ ފަސް މީހުން އިންނާނެ. ހަމަ އިރާދަކުރެއްވިއްޔާ ރަނގަޅުވާނޭކަމަށް އުންމީދަކީ އަބަދުވެސް. އެކަމަކުވެސް ހާލަތު ބަދަލުވާނެގޮތެއްވެސް ނޭނގޭނެ. ނިޔާވާ މީހުން ގިނަ ވެފައި މިއަދު ދެން ކުޑަކޮށް ދަށްވީ، އެއީ އުންމީދަކީ އެ ތިރިވާގޮތަށް ދެން އިތުރަށް މީހަކު ނިޔާ ނުވުން،" މުނައްވަރު ބުންޏެވެ.

comment ކޮމެންޓް