އަޖޭގެ "މައިދާން" ރިލީޒްކުރާނީ ސިނަމާތަކުގައި، ޑިޖިޓަލްކޮށެއް ނޫން

މައިދާންގެ މަންޒަރެއް---

އަޖޭ ދޭވްގަން ލީޑު ރޯލުން ފެނިގެންދާ ފިލްމު "މައިދާން" ޑިޖިޓަލްކޮށް ރިލީޒްކުރާނެ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފި އެެވެ.

މި ފިލްމު އޮންލައިންކޮށް ރިލީޒްކުރަން އުޅޭ ވާހަކަ ދޮގުކުރަމުން ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނީ މި ފިލްމު ޑިޖިޓަލްކޮށް ރިލީޒްކުރުމާ ގުޅޭ ގޮތުން އެއްވެސް މަޝްވަރާއެއް ކުރެވިފައި ނުވާނެ ކަމަށާއި ފިލްމު ރިލީޒްކުރާނީ ސިނަމާތަކުގައި ކަމަށެވެ.

މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ފިލްމުގެ ޝޫޓިން ނިންމާލުމަށް ކަމަށް ވެސް ޕްރޮޑަކްޝަން ޓީމުން ވަނީ ބުނެފަ އެވެ. މައިދާން އަކީ އަންނަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ތާވަލްކޮށްފައިވާ ފިލްމެކެވެ.

ފިލްމުގައި އަޖޭ އާއެކު ފެނިގެންދާނެ އަންހެން ތަރިއަކީ ދެކުނު އިންޑިއާގެ ފިލްމީތަރި ޕްރިޔަމަނީ އެވެ. ބޯނީ ކަޕޫރާއި ޒީ ސްޓޫޑިއޯސް ގުޅިގެން ގެނެސްދޭ އެ ފިލްމު ޑައިރެކްޓްކުރަނީ އަމިތު ޝަރުމާ އެވެ. މި ފިލްމަކީ އިންޑިއާގެ ފުޓްބޯޅައިގެ ބައްޕަ ސައިދު އަބްދުއްރަހީމްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އެ ފިލްމުގައި ހަރަކާތްތެރިވާނެ ބައެއް ތަރިންނަކީ ބޯނީ ކަޕޫރު، އަކާޝް ޗައުލާ އަދި އަރުނާވާ ޖޯއީ އެވެ.

ސިނަމާތަކުގައި ރިލީޒްކުރާ މި ފިލްމަކީ ހިންދީ، ތަމިލް، ތެލެގޫ އަދި މަލަޔާލަމް ބަހުން ގެނެސްދިނުމަށް ހަމަޖެހިފައިވާ ފިލްމެކެވެ.

comment ކޮމެންޓް