ހުޅުމާލެ އިމާރާތަކުން ޒުވާނާ ފުންމާލީ "ނުރައްކަލަކުން"ފިލަން!؟

ހުޅުމާލޭ އިމާރާތަކުން ޒުވާނަކު ވެއްޓި ޒަހަމްވެފައި: އޭނާ ފުއްމާލީ، ނުރައްކަލަކުން ފިލަން ކަމަށް ލަފާ ކުރެވޭ ---

ހަޅޭކުގެ އަޑުން އައިސް ބެލެއިރު އޮތީ ލެއިން ތަތްތެޅިފަ އެވެ. މުޅި މީހާ އޮތީ، ޒަހަމްވެފަ އެވެ. އެ ޒަހަމްތަކުން ފައިބަމުން ދިޔަ ލެއިން މުޅި އެ ސަރައްހަދުގައި ވެސް އޮތީ ލޭގެ ކޯރު ހެދިފަ އެވެ. މިއީ، މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު ހުޅުމާލޭ އިމާރާތެއްގެ މަތިން ޒުވާނަކު ވެއްޓިފައި އޮތް މަންޒަރު އެންމެ ކައިރިން ދުށް އެކަކު އެ ވާހަކަ ކިޔައިދިން ގޮތެވެ.

"ދަންވަރު 2:00ގެ ފަސް އެއީ. ފުރަތަމަ އިވުނީ، ވަރަށް ބާރުގަދަ އަޑުފައްގަނޑެއް. ބެލެވެނީ، ބިއްލޫރިތަކެއް ތަޅައިގެން ދިޔަ އަޑުހެން. ދެން އޭގެ ފަހުންވެސް ކޮންމެވެސް އެއްޗެއް ތަޅައިގެން ދިޔަ އަޑު އިވުނު. އޭގެ އިރުކޮޅެއް ފަހުން ދެން އިވުނި، ބާރުގަދަ އަޑެއް،" މުހައްމަދު ހަނީފު (އަސްލު ނަމެއް ނޫން) "ސަން"އަށް ކިޔައިދިނެވެ.

އެވަގުތު އޭނާ އޮތީ އުމުރުން 21 އަހަރުގެ އެ ޒުވާނާ ފުރަތަމަ ވެއްޓުނު ގެސްޓްހައުސްގައި ނިދަންށެވެ. ހަނީފަށް ހޭލެވުނީ، އެ ބާރުގަދަ އަޑާއެކު އެވެ. ހަނީފު ބުނި ގޮތުގައި، ކައިރީގައި ހުރި އިމާރާތަކުން އެ ޒުވާނާ ފުރަތަމަ ވެއްޓުނީ ގެސްހައުސްގެ ޓެރެސް މަތީގައި ހުރި ގެގަނޑުގެ މައްޗަށް ކަމަށް ބެލެވެ އެވެ.

"ސަން"ގެ ނޫސްވެރިން އެ ސަރަަހައްދަށް ގޮސް ބެލި އިރު، ހަނީފު ދެއްކި ވާހަކަތަކަށް ވަރަށް ބޮޑަށް ބާރު ލިބެ އެވެ. ބޮޑަށް ބެލެެވެނީ، އެ ގެސްޓް ހައުސްގެ ފުރަގަހުގައި ހުރި އިމާރާތުގެ ހަ ވަނަ ފަންގިފިލާއިން ގެސްޓް ހައުސް ޓެރަސްއަށް އެ ޒުވާނާ ފުންމާލީ ކަމަށެވެ. އަދި އޭނާ ގޮސް ޖެހިފައިވަނީ، ގެސްޓްހައުސްގެ ޓެރަހުގެ ސީޓްމަތީގައި ހުރި ސޯލާ ޕެނެލްތަކުގަ އެވެ. އޭނާ އޭގެ މައްޗަށް ވެއްޓުމުގެ ސަބަބުން އެއް ސޯލާ ޕެނަލް ވަނީ ފުނޑުފުނޑުވެފަ އެވެ. ބެލެވޭ ގޮތުގައި އެ ޒުވާނާ ބޮޑަށްޒަހަމްވީ އެ މުށިތައް އޭނާ ގަޔަށް ހެރުމުގެ ސަބަބުންނެވެ.

އޭނާ ފުއްމާލުމުން ޓެރެސް ގެގަނޑު މަތީގައި ހުރި ސޯލާ ޕެނެލްތަކުގެ ބިއްލޫރޫރިތައް ތެޅިފައި، އަދި ލޭ ހޭކިފައި --- ސަން ފޮޓޯ

ސީންއަށް ބަލާއިރު، ސޯލާ ޕެނެލްތަކުގެ މައްޗަށް ވެއްޓުމުން ލިބުނު ޒަހަމްތަކާއެކު ޒުވާނާގެ ގައިން ފޭބި ލޭގެ އަސަރު އަދިވެސް އެތަނުން ފެންނަން އެބަހުއްޓެވެ. ތަޅައިގެން ދިޔަ ސޯލާ ޕެނަލްއާ ޖެހިގެން ހުރި އެހެން ސޯލާ ޕެނެލްތަކުގައިވެސް އަދިވެސް ލޭގެ ނިޝާން ފެންނަން ހުއްޓެވެ. އަދި ލޭތަކާ އެކު ފާރުގައި އަތްލުމުން އޭނާގެ އަތްތިލައިގެ ނިޝާންވެސް ފާރުގައި ހުއްޓެވެ. އެ ހިސާބުގައި ދިރިއުޅޭ ބައެއް މީހުން ކިޔައިދިން ވާހަކަތައް ގުޅުވާލުމުން ބެލެވޭ ގޮތުގައި ޓެރެސް މަތީގައި ހުރި ގެގަނޑު މަތިން ދެން އެ ޒުވާނާ ފުންމާލީ، ޓެރަސް އަށެވެ. އެތަނުގައިވެސް އެރޭ ގިނަ އަދަދަކަށް ލޭ ހުރި ކަމަށް މަންޒަރު ދުށް މީހުން ބުނެ އެވެ. ނަމަވެސް މިހާރު އެތަން ވަނީ ސާފުކޮށްފަ އެވެ.

"ޓެރަސް މަތިން އޭނާ ލައިގެން ހުރި ޓީޝާޓް ނޫނީ ޝޯޓް ޒާތުގެ އެއްޗެއް ވެސް ފުލުހުން ނެގި،" މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.

އޭނާ ފުއްމާޅި ޓެރެސްގެ ގެގަނޑު މަތިން ނަގާފައިވާ ފޮޓޯ އެއް -- ސަން ފޮޓޯ

ޒުވާނާ ވެއްޓުނު ގެސްޓްހައުސް މަތީގައި އަދިވެސް ލޭ ހޭކިފައި

އޭނާ ވެއްޓުނު އިރު އޮތީ ހުސް ގަޔާ، ބޮކްސާ އެކަނި ލައިގެންނެވެ. އޭނާ ދެން ބެލީ، ޓެރެސްގެ ބިއްލޫރި ޖަހާފައި ހުރި ކުޑަ ގޮޅިން ފުންމާލެވޭތޯ އެވެ. އެ ބިއްލޫރިގަނޑު އޭނާ ހުރި ތަޅާލާފަ އެވެ. ނަމަވެސް އޭނާ މަގަށް ފުންމާލި ކަމަށް ބެލެވެނީ ޓެރެސްގެ ފާރުމަތިންނެވެ. މަގަށް ފުއްމާލުމުން އޭނާ ގޮސް ޖެހެނީ، ނިރޮޅު މަގު - ހަ ނަންބަރު ގޯޅި ފަރާތު ހުރި ގެއެއްގެ ދޮރު މަތީގަ އެވެ.

އެގެއިން ވާހަކަ ދެއްކި މީހަކު ބުނީ، ފުރަތަ އަޑު އިވުނީ ދަންވަރު ތިނެއް ނުޖަހަނީސް އެވެ.

"ފުރަތަމަ އިވުނު އަޑާއެކު ބޭރު ބެލިއިރު، ނެތް އެއްވެސް މީހެއް. ހީވީ ގެސްޓް ހައުސް މައްޗަށް ބަސްތާއެއް ވެއްޓުނުހެން. ދެން އޭގެ އިރުކޮޅެއް ފަހުން އަނެއްކާވެސް އަޑެއް އިވެނީ. ކޯލެއް އައިސްގެން ބެލިރު އެނާ އޮތީ މިގޭ ދޮރުމައްޗަށް ވެއްޓިފައި،" އެގެއިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ޒުވާނާ ވެއްޓުނު ގޭގެ ދޮރުމަތި: އޭނާ ފުއްމާލީ ގުޑްްވިލްގޭ ފުރަގަހުގައި ހުރި އިމާރާތުން ގެންސްޓް ހައުސް ޓެރެސް މައްޗަށް އަދި އެއަށްފަހު ގެސްޓް ހައުސް މަތިން ޖެހިގެން ހުރި ގޭ ދޮރުމައްޗަށް ---

"އޭރުވެސް ހޭވެރިކަން ހުރި. ވަރަށް ބާރަށް ހަޅޭލަވަމުން ދިޔައީ ވެއްޓިގެން ތަދުވެގެން. ސްޓްރެޗާއަށް އެރުވުމާއެކު ހަމަހިމޭންވީ،" އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި، އެ ޒުވާނާއަކީ މީގެ ކުރިން އެ ސަރަހައްދުން ފެނުނު ޒުވާނެއްވެސް ނޫނެވެ. އަދި އެ ސަރަހައްދުގެ ގެއެއްގައި ދިރިއުޅެމުން އަންނަ ޒުވާނެއްވެސް ނޫނެވެ.

އޭނާ ފުންމާލި ކަމަށް ބެލެވޭ އިމާރާތައް "ސަން"ގެ ނޫސްވެރިން ގޮސް ބެލިިރު، އެއީ އަދިވެސް ހަދަމުން އަންނަ އިމާރާތެކެވެ. އެ އިމާރާތުގެ ހަތަރު ފަންގިފިލާއެއްގައި މީހުން ދިރިރުޅެމުން އާދެވެ.

އެ އިމާރާތުގައި ދިރިއުޅެމުން އަންނަ މީހަކު ބުނީ، ފުރަތަމަ މަތީގައި ބަޔަކު އުޅޭ އަޑު އިވުނު ކަމަށެވެ. އަދި ފަހުން ބާރުގަދަ އަޑުފައްގަނޑެއް އިވުނެވެ. ބެލެވޭ ގޮތުގައި، އެއީ އެ އިމާރާތާ އިންވެގެން ހުރި ގެސްޓްހައުސްއަށް އޭނާ ފުންމާލި އަޑެވެ.

"މަތީގައި ބަޔަކު އުޅޭ އަޑު ފުރަތަމަ އިވުނީ. ދެން ބާރު ގަދަ އަޑެއް އިވުނީ،" ޒުވާނާ ފުއްމާލި ކަމަށް ބެލެވޭ އިމާރާތުގައި ދިރިއުޅޭ މިހާ ބުންޏެވެ.

ޒުވާނާ ފުއްމާލި ކަމަށް ބެލެވޭ އިމާރާތް: އޭނާ ފުއްމާލީ އެ އިމާރާތުގެ އެންމެ މަތީ ފަންގިފިލާއިން ޖެހިގެން ހުރި ގެސްޓް ހައުސް ޓެރެސް މައްޗަށް -- ސަން ފޮޓޯއެ އިމާރާތުގެ ހަ ވަނަ ފަންގިފިލާއަކީ، ކޮންމެ މީހަކަށްވެސް ވަދެ އެރޭ ގޮތަކަށް ހުންނަ އަދިވެސް ހަދަމުން އަންނަ ފަންގިފިލާއެކެވެ. އެގެއިން ވާހަކަ ދެއްކި މީހާ ބުނި ގޮތުގައި، އެ ފަންގިފިލާއަކީ ކޮންމެ މީހަކަށް އެރޭ ގޮތަށް ހުންނަ ތަނަކަށް ވުމުން ބައެއް ފަހަރު ޒުވާނުން އައިސް އެތަނުގައި މަސްތުވާތަކެތި ބޭނުން ކޮށް ހަދަ އެވެ. އަދި ދޭތެރެ ދޭތެރެއިން އެ ފަންގިފިލާއަށް މީހުން އަރާ އުޅޭ ކަމަށް އޭނާ ބުންޏެވެ. ނަަމަވެސް އެ ރޭ އެ ޒުވާނާ އެތަނުގައި ކުރީ ކީއްކަމެއް އަދި ޔަގީނެެއް ނޫނެވެ.

ގެސްޓްހައުސްއަށް އޭނާ ފުންމާލި ހަ ބުރީގެ އިމާރާތް ކަމަށް ބެލެވޭ އިމާރާތުގެ މައްޗަށް އަރާ ބެލުމުން ލަފާ ވަނީ އޭނާ އެ ތަނުން ފުންމާލީ އަމިއްލަ އިހުތިޔާރުގައި ކަމެވެ. ސަބަބަކަށް ވަނީ އެ އިމާރާތާ ސީދަލަށް ވާގޮތަށް ހުރި ފުރާޅު ލާފައި ހުރި އިމާރާތެއް ނަމަވެސް އޭނާ ފުންމާލީ އަރިއަކަށް ވާ ގޮތަށް ހުރި ގެސްޓްހައުސް ޓެރަސްއަށް ކަމަށް ވާތީ އެވެ. ބަޔަކު އެއްލައިލި ނަމަ ނޫނީ ކޮއްޕާލި ނަމަ އޭނާ އެއްލައިލުމުގެ ފުރުސަތު އެންމެ ބޮޑީ ސީދަލަށް ވާ ގޮތަށް ހުރި އިމާރާތަށެވެ. އެއީ ފްރީ ފޯލްގައި މީހަކު ވެއްޓޭއިރު ވެއްޓޭނީ އާންމުކޮށް ދިމާލަށް ކަމަށްވާތީ އެވެ.

ޒުވާނާ ފުއްމާލި ކަމަށް ބެލެވޭ އިމާރާތް ސޯލާ ޕެނެލްތަކުގެ ފަހަތުން

ހުޅުމާލެ: ޒަހަމްތަކަކާއެކު ފުއްމާލިކަމަށް ބެލެވެނީ ގެސްޓްހައުސް ޓެރެސްގެ ގެގަނޑުމައްްޗަށް --- ސަން ފޮޓޯ

މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ، ހުކުރު ދުވަހުގެ ރޭ ދަންވަރު 3:00 އެހާކަންހާއިރު އެވެ. ފުލުހުން މިކަމާ ގުޅޭ ގޮތުން މާ ބޮޑު މައުލޫމާތެއް އަދި ހިއްސާކޮށްފައި ނުވެ އެވެ. ފުލުހުންގެ މިޑިއާ އޮފިޝަލް ހޮނިހިރު ދުވަހު "ސަން"އަށް ވިދާޅުވީ، އޭޑީކޭ ހޮސްޕިޓަލުގައި އޭނާއަށް އަދިވެސް ދަނީ ފަރުވާ ހޯދަމުން ކަމަށާއި ތަހުގީގަށް އޭނާއާ އަދި ސުވާލު ނުކުރާ ކަމަށެވެ.

އައިޖީއެމްއެޗްގެ މިޑިއާ އޮފިޝަލް ވިދާޅުވީ، އޭނާގެ ސިއްހީ ހާލަތުގެ މާބޮޑު ތަފްސީލު އަދި ނުލިބޭ ކަމަށެވެ. އަދި އެންމެ ފަހުން ލިބުނު މައުލޫމާތަކީ ސާޖަރީތަކެއް ހެދުމަށް އޭނާ ތިއޭޓަރަށް ވެއްދި ހަބަރު ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މައުލޫމާތު އެނގޭ ގިނަ މީހުންގެ ވާހަކަތަކުން ޔަގީންވާ ކަމަކީ، އޭނާ ފުއްމާލީ، ގެސްޓް ހައުސް ބިއްދޮށުގައި ހުރި ގެއިންނެވެ. އޭނާ ފުއްމާލި ކަމަށް ބެލެެވެނީ، ކޮންމެވެސް ނުރައްކަލަކުން ސަލާމާތް ވާން ވެގެން ކަމަށްވެސް ވަރަށް ބޮޑަށް ލަފާ ކުރެެވެ އެވެ. ބަޔަކު އޭނާ ފަހާ ދުވުމަކީ ވެދާނެކަމެކެވެ. އެއީ ސަބަބަކަށް ވަނީ އެގެއަކީ ކޮންމެ ވަގުތަކުވެސް މީހުންނަށް އަރާ ފައިބާ ގޮތަށް ހުންނަ ގެއަކަށް ވީ ނަމަވެސް އޭނާ ސިޑިން ތިރިއަށް ނުފައިބާ އެ ގޭގެ އެންމެ މައްޗަށް އަރާފައިވާތީ އެވެ. ނޫނީ އަނެއް ސިނާރިއޯއަކީ އޭނާ އެ ގޭގެ ޓެރަސް ފްލޯގައި ހުއްޓާ އެތަނަށް ބަޔަކު އެރުމުން ސަލާމަތްވާން ދުވުމެވެ.

މި ހާދިސާގައި އަދިވެސް ޖަވާބު ނުލިބޭ އެތައް ސުވާލުތަކެއް އަބަހުއްޓެވެ. އެންމެ މުހިންމު ސުވާލަކީ، އޭނާ ފުއްމާލީ ކީއްވެގެން ހެއްޔެވެ؟ ބަޔަކު އޭނާއަށް ބިރު ދެއްކީ ހެއްޔެވެ؟ ނުވަތަ އޭނާ ފުއްމާލި ގޭގައި ހަމަ ނުޖެހުމެއް ހިނގައިގެން އޭނާ އެތަނުން ސަލާމަތްވާން ކުރި ކަމެއް ހެއްޔެވެ؟

comment ކޮމެންޓް