ޓުއި އިން ރާއްޖެއަށް ހުރި ބުކިންގްސް ކެންސަލް ކުރަނީ

ދުނިޔޭގެ އެންމެ ބޮޑު އެއް ޓްރެވަލް ކުންފުނި ޓުއި އިން އިނގިރޭސިވިލާތުން ރާއްޖެއަށް ހުރި ބުކިންތައް ކެންސަލް ކޮށްފި އެވެ.

ޓުއި އިން ރާއްޖެއަށް ހުރި ބުކިންތައް ކެންސަލް ކޮށްފައިވަނީ ރާއްޖޭގައި ކޮވިޑު ފެތުރޭ މިންވަރު އިތުރުވެ އިނގިރޭސިވިލާތުގެ ރެޑް ލިސްޓުގައި ރާއްޖެ ހިމަނާފައި ވަނިކޮށެވެ. ރާއްޖޭގެ އިތުރުން ތުރުކީ އާއި ދުބާއީ އަށް ހުރި ދަތުރުތައްވެސް ވަނީ ކެންސަލް ކޮށްފަ އެވެ.

ޓުއި އިން ބުނީ އިނގިރޭސި ރެޑް ލިސްޓުގައި އޮތް ގައުމުތަކަށް ހުރި ދަތުރުތައް އަންނަ ޖޫން މަހުގެ 27 އާއި ހަމައަށް ކެންސަލް ކުރަން ނިންމާފައިވާ ކަމަށެވެ.

"ޕެކޭޖު ހޮލިޑޭ ޕްރޮވައިޑަރެއްގެ ހައިސިއްޔަތުން މިވަގުުތު ރެޑް ލިސްޓުގައި އޮތް އެއްވެސް ގައުމަކަށް އަޅުގަނޑުމެން ފަތުުރުވެރިންނެއް ނުފޮނުވާނަން،" އެ ކުންފުނީގެ ސްޕޯކްސްޕާސަން އާއި ހަވަލާދީ އިނގިރޭސި ޓްރެވަލް ނޫހެއްގައި ބުނެފައި ވެއެވެ.

ޗުއްޓީ ދަތުރު ކެންސަލް ކުރާ ކަސްޓަމަރުންނަށް ފުލް ރިފަންޑު ނޫނީ އެ ދަތުރު ރީ ޝެޑިއުލް ކުރުމުގެ ފުރުސަތު ދޭނެ ކަމަށްވެސް ޓުއި އިން ބުންޏެވެ.

ޓުއި އިން ރާއްޖެ އަށް ފޮނުވާ ފަތުރުވެރިންގެ ބުކިންތައް ކެންސަލް ކުރުމަކީ ރާއްޖޭގެ ޓޫރިސްޓް އެރައިވަލް އަށް އޭގެ އަސަރު ކުރާނެ ކަމެކެވެ.

ޔޫކޭގެ ސޭފް ލިސްޓު ނުވަތަ ގްރީން ލިސްޓުގައި މިވަގުުތު އޮތީ 12 ގައުމެކެވެ. އެ ގައުމުތަކުން ޔޫކޭ އަށް ގިސް ކަރަންޓީނުވާ ނުޖެހޭއިރު، އެމްބާ ލިސްޓުގައި ހިމެނޭ ގައުމުތަކުން ޔޫކޭ އަށް އެތެރެވުމަށްފަހު 10 ދުވަސް ކަރަންޓީނުވާން ޖެހެއެވެ.

comment ކޮމެންޓް