ނޭޕާލުގައި ސަރުކާރެއް އެކުލަވާ ނުލެވިގެން ޕާލަމެންޓް އުވާލައި އާންމު އިންތިޚާބެއް އަލުން ބާއްވަނީ

ނޭޕާލުގެ ރައީސާ ބިދްޔާ ދޭވީ ބަންޑާރީ

ކަތުމަންޑޫ (21 މޭ) : ނޭޕާލުގެ ޕާލަމެންޓް އުވާލައި އާންމު އިންތިޚާބެއް އަލުން ބޭއްވުމަށް އެގައުމުގެ ރައީސާ ބިދްޔާ ދޭވީ ބަންޑާރީ ނިންމަވައިފިއެވެ.

ބިދްޔާގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނޭޕާލުގެ ޕާލަމެންޓް އުވާލައި އާންމު އިންތިޚާބެއް އަލުން ބޭއްވުމަށް އެކަމަނާ ނިންމަވައިފި ކަމަށާ އެގޮތަށް ނިންމެވީ ނޭޕާލުގައި އުފެދިފައިވާ ސިޔާސީ ކޯޅުންތަކާ ގުޅިގެން އައު ސަރުކާރެއް އެކުލަވާނުލެވި ދިގުއްދަތެއް ހޭދަވެފައިވާތީ މިމައްސަލަ ހައްލުކުރާނެ އެހެން ގޮތެއް ނެތުމުން ކަމުގައެވެ. މިދިޔަ ނޮވެމްބަރުމަހު ނޭޕާލުގައި ބޭއްވި ޕާލަމެންޓްރީ އިންތިޚާބު (އާންމު އިންތިޚާބު) ގައި އެގައުމުގެ އެއްވެސް ޕާޓީއަކަށް ޕާލަމެންޓްގެ އަޣްލަބިއްތު ލިބޭވަރަށް ގޮނޑި ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ނޭޕާލަކީ ބަރުލަމާނީ ނިޒާމަށް ވެރިކަންކުރާ ނިޒާމެއް އޮންނަ ގައުމަކަށްވާތީ މިހާލަތުގައި ޖެހޭނީ ޕާލަމެންޓްގެ އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ޕާޓީ އެއްގެ ވެރިއަކާ ހަވާލުކޮށްގެން ސަރުކާރެއް އެކުލަވާލުމަށެވެ. ނޭޕާލުގެ ރައީސާ ބިދްޔާ ދޭވީ ބަންޑާރީވަނީ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް މިމަހުގެ 21 ގެ ނިޔަލަށް ނިންމުން ޝަރުތުކޮށް، މިހާރުގެ ވަގުތީ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޮލީގެ އިތުރުން އިދިކޮޅު ލީޑަރު ޝޭރު ބަހާދުރު ޑިއުބާއާ ހަވާލުކުރައްވާފައިވަނީ މިިދޔަ ފެބްރުއަރީ މަހުގައެވެ. ނަމަވެސް އިއްޔެގެ ނިޔަލަށް މުއްދަތު ހަމަވެފައިވާއިރު އެ ދެބޭފުޅުންވެސްވަނީ ސަރުކާރެއް އެކުލަވާލާ މިންވަރަށް ޕާލަމެންޓްގެ ގޮނޑި ހޯދުމަށްޓަކައި ކޯލިޝަނެއް އެކުލަވާލުމުގައި ނާކާމިޔާބުވެވަޑައިގެންފައެވެ.

މިހާލަތާ ގުޅިގެން ނޭޕާލުގެ ރައީސާ ބިދްޔާ ދޭވީ މިއަދު ނިންމެވީ ޕާލަމެންޓް އުވާލައި އަލުން އާންމު އިންތިޚާބެއް ބޭއްވުމަށެވެ. މި އިންތިޚާބުގައިވެސް ސަރުކާރެއް އެކުލަވާލެވޭވަރަށް ޕާލަމެންޓްގެ ގޮނޑީގެ އަޣްލަބިއްޔަތު ހޯދުމުގައި ނޭޕާލުގެ ސިޔާސީ ޕާޓީތައް ނާކާމިޔާބުވެއްޖެނަމަ ސަރުކާރެއް އެކުލަވާނުލެވި ނޭޕާލުގެ މަސްރަހު ގޮތްނޭންގެ ހާލަތަކަށް ވެއްޓި ތަރައްގީއާ އަދި ގައުމުގެ ކަންކަން ކުރިޔަށްގެންދާނެ މަގު ބަންދުވެގެން ދާނެއެވެ.

ފަލަސްތީނުގެ ބިމުގައި އުފައްދާފައިވާ އިސްތިއުމާރީ ބާރެއްކަމަށްވާ އިސްރާއީލަށްވެސް މިހާލަތު ކުރިމަތިވެގެން އުޅޭތާ 2 އަހަރު ވެއްޖެއެވެ. 2 އަހަރު ތެރޭގައި އިސްރާއީލުގައިވަނީ 4 އާންމު އިންތިޚާބު ބާއްވާފައެވެ. މިހާރު އިސްރާއީލު އަނެއްކާވެސްދަނީ 5 ވަނަ އިންތިޚާބަކާ ދިމާއަށެވެ. ކުރިން މިމައްސަލަ އިޓަލީ އަށާއި ޖަޕާނަށްވެސް އެތަށް އަހަރެއްވަންދެން ކުރިމަތިވިއެވެ.

ކޮވިޑް-19 ގެ ހާލަތު ނޭޕާލުގައި އިންތިހާއަށް ގޯސްވެ ނޭޕާލުގައި ކޮންމެ ދުވަހު ކޮވިޑް ބަލި އެތަށް ހާސްބަޔަކަށް ޖެހި އެބަލީގައި އެތަށް ސަތޭކަ ބަޔަކު މަރުވަމުންދާއިރު ކޮވިޑްގެ ސަބަބުން އިގްތިސާދުވެސް ވަނީ އިނދަޖެހޭ ހިސާބުގައެވެ. މި ދަނޑިވަޅުގައި އަލުން އާއްމު އިންތިޚާބެއް ބޭއްވުމަކީ ނޭޕާލަށް ވަރަށް ދަތި އުނދަނގޫ ކަމަކަށް ވެގެންދާނެކަމަށް މުރާސިލުން ބުނެއެވެ.

ނޭޕާލުގެ ނޫސްތައް ބުނާގޮތުން މި ދަނޑިވަޅެއްގައި އާއްމު އިންތިޚާބެއް ބޭއްވުމަށް ރައީސާ ބިދްޔާ ދޭވީ ބަންޑާރީ ނިންމެވި ނިންމެވުމާ ގުޅިގެން އެގައުމުގެ ރައްޔިތުންނަށްވަނީ ކުއްލި ހައިރާންކަމެއް ލިބިފައެވެ. ކޮވިޑް-19 ގެ ނުރައްކާ ބޮޑުވުމުން ނޭޕާލު މިހާރުވަނީ އެގައުމުގެ އަވަށްޓެރި އިންޑިއާގެ ހާލަތަށް ވެއްޓިފައެވެ.

ނޭޕާލުގެ ރައީސާގެ އޮފީހުން ނެރުނު ބަޔާނުގައި އާންމު އިންތިޚާބަކަށް އަލުން ދިޔުމަށް ރައީސާ ބިދްޔާ ދޭވީ ނިންމެވީ އެނޫން ގޮތެއް ނެތިގެންކަމަށް ބުނެފައިވެއެވެ. މި ނިންމުމާބެހޭގޮތުން ނޭޕާލުގެ ސިޔާސީ ލީޑަރުންނާ އަދި ޕާޓީތަކުން މިހާތަނަށް އެއްޗެއް ބުނެފައި ނުވެއެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު