ޕްރެކްޓިސް ކުރާނެ ފުރުސަތު ނުދިނުމުން ގައުމީ ޓީމު ދުބާއީއަށް ފުރައިފި

ދުބާއީއަށް ފުރުމުގެ ކުރިން ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން ބަހަށް އަރަނީ ---

ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އަންނަ މަހު ޗައިނާގައި ކުޅޭ މެޗުތަކަށް ތައްޔާރު ވުމަށް ގަައުމީ ފުޓްބޯޅަ ޓީމަށް ރާއްޖޭގައި ޓްރެއިނިން ހެދުމުގެ ހުއްދަ، އެޗްޕީއޭއިން ނުދިނުމުން ޓްރެއިނިން ކޭމްޕަށް އަރަބް އެމިރޭޓްސްގެ ދުބާއީ އަށް ޓީމު ފުރައިފި އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިއަދު ވިދާޅުވީ، ކޮލިފައިން މެޗުތަކަށް ތައްޔާރުވާން އެންމެ ފަހުގެ ތަމްރީންތައް ހެދުމަށް ގައުމީ ޓީމުގެ ކުޅުންތެރިން މިއަދު ދުބާއީއަށް ފުރާފައިވާ ކަމަށެވެ.

ތަމްރީނުތައް ހެދުމަށް ގައުމީ ޓީމު ދުބާއީއަށް ފުރިއިރު، މިހާތަނަށް އައިރު ގައުމީ ޓީމަށް ދަނޑުގައި ތަމްރީނު ހެދުމުގެ ފުރުސަތު ލިބިފައެއް ނުވެއެވެ. އެގޮތުން ގައުމީ ޓީމުގެ ކުޅުންތެރިން މިހާތަނަށް ތަމްރީނު ހަދަމުން އައީ އެ ޓީމުން ކޭމްޕް ކޮށްގެން ތިބި ހޮޓެލް ޖެންގެ ބޯލްރޫމްގައެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ގައުމީ ޓީމުން ހޮޓަލް ޖެންގެ ބޯލްރޫމުގައި ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ވީޑިއޯތަކެއް ދާދި ފަހުން ބައްސާމް ހިއްސާކުރެއްވިއިރު، އޭނާ ވިދާޅުވީ ރާއްޖެއަކީ ވޯލްޑް ކަޕް ކޮލިފައިންއަށް ތައްޔާރުވާ ހުރިހާ ގައުމުތަކުގެ ތެރެއިން، ބޯލްރޫމެއްގައި ފަރިތަކުރުންތައް ކުރިއަށްގެންދަން ޖެހިފައިވާ ހަމައެކަނި ޓީމު ކަމަށެވެ.

މިއަދު ދުބާއީއަށް ފުރާފައުވަނީ ފައިނަލް ސްކޮޑުގައި ހިމެނޭ 25 ކުޅުންތެރިންގެ ތެރެއިން ތޭވިސް ކުޅުންތެރިންނާ އެކު އެވެ. ސްކޮޑުގެ ދެ ކުޅުންތެރިއަކަށް ވިސާ ލިބުމުގެ ކަންތައްތައް އެއްކޮށް ފުރިހަމަވެފައި ނުވާތީ އެ ކުޅުންތެރިން ޓީމާ އެކު ނުފުރާނެ އެވެ. އެ ކުޅުންތެރިން ޓީމާ ގުޅޭނީ ފަހުންނެވެ.

މާލޭގައި ތިބެގެން ދަނޑުގައި ޕްރެކްޓިސް ކުރުމުގެ ހުއްދަ ނުލިބޭތީ، އެކަމާ ކަންބޮޑުވާކަން ހާމަވާ ގޮތަށް ރޭ ބައްސާމް ވަނީ ވާހަކަ ދައްކަވައިފަ އެވެ.

"ހޮޓަލެއްގެ ބޯލްރޫމް ގައި ތިބެގެން ވޯލްޑް ކަޕް ކޮލިފިކޭޝަނަށް ތައްޔާރުވާން ޖެހިފައިވާ ފުރަތަމަ ޓީމޭ ބުނެވިދާނެ." ހޮޓެލް ޖެންގެ ބޯލް ރޫމްގައި ގައުމީ ޓީމު ޓްރޭނިން ހަދަމުންދާ ވީޑިއޯއެއް ޓްވިޓްކުރައްވައި ބައްސާމް ލިޔުއްވާފައިވެ އެވެ.

ގައުމީ ޓީމުގެ ޕްރިލިމިނަރީ ސްކޮޑުގައި ހިމެނުނު ނަމަވެސް އަމިއްލަ ސަބަބުތަކާއި ކޮވިޑް އަށް ޕޮޒިޓިވްވެގެން ވެސް ބައެއް ކުޅުންތެރިން ވަނީ ޓީމާ ވަކިވެފަ އެވެ. ކޮވިޑް އިން ރަނގަޅުވެ ގައުމީ ޓީމާ ގުޅުނު ދެ ކުޅުންތެރިންނަކީ މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) އާއި ހުސެއިން ނިހާން (ނިހާޓް) އެވެ. ޕޮޒިޓިވްވެގެން ޓީމުން ޖާގަ ގެއްލުނު ކުޅުންތެރިންގެ ތެރޭގައި މުހިއްމު ކުޅުންތެރިންތަކެއް ހިމެނެ އެވެ.

comment ކޮމެންޓް