ހޯރަފުށީ އެއާޕޯޓަށް ލިބުނު ގެއްލުން ހީކުރިވަރަށްވުރެ ކުޑަ

ވިއްސާރާގައި ހޯރަފުށި އެއާޕޯޓަށް ގެއްލުން ވެފައި --

މިދިޔަ ހަފްތާ ރާއްޖެއަށް ކުރި ވިއްސާރާގައި ހޯރަފުށީ އެއާޕޯޓަށް ލިބުނު ގެއްލުންތައް އަދިވެސް ބަލަމުންދާ ކަމަށާއި މިހާތަނަށް ހެދި އެސެސްމެންޓުތަކުން، އެއާޕޯޓަށް ލިބުނު ގެއްލުންް ހީކުރި ވަރަށްވުރެ ކުޑަ ކަމަށް ރީޖަނަލް އެއާޕޯޓްސް އިން ބުނެފި އެވެ.

ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ ހޯރަފުށީ އެއާޕޯޓަށް ލިބުނު ގެއްލުންތައް ބެލުމަށް އެ ކުންފުނީގެ ޓީމެއް، އެމްޓީސީސީ އާއެކު މިހާރު ހޯރަފުށީގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

"މޭޖާ ބޮޑު ގެއްލުމެއް ވެފައި މިއޮތީ ޓާމިނަލް އިމާރާތަށް. ދޮރުތައް ވެއްޓި އެތަން ވަރަށް ބޮޑަށް ހަލާކުވެފަ އޮތީ. ސީދާ ފައިނޭންޝަލީ ލިބުނު ގެއްލުން އެނގެނީ އެސެސްކޮށް އެއްކޮށް ނިމުމުން. މިހާރު ރަންވޭގެ އެއްބައި އެސެސްކޮށް ނިމިއްޖެ. ގެއްލުން ވެފައި ހުރި ކަމަކަށް ފާހަގައެއް ނުކުރެވޭ. އެކަމަކު އަޅުގަނޑުމެން ހުރިހާ ކަމެއް ޑަބަލް ޗެކު ކުރާނަން،" ރިޒްވީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގެއްލުންތައް ބަލައި، މަރާމާތު ކުރަންޖެހޭ ކަމެއް އޮތްނަމަ އެކަން ފުރިހަމަކޮށް 10 ދުވަހުގެ ތެރޭ އެއާޕޯޓުގެ އޮޕަރޭޝަންތައް އަލުން ފެށޭތޯ ބަލަމުންދާ ކަމަށެވެ.

ވިއްސާރާގައި ހޯރަފުށި އެއާޕޯޓަށް ގެއްލުން ވެފައި --

ހޯރަފުށި އެއާޕޯޓު ތަރައްގީ ކުރުމަށް ޖުމްލަ 211 މިލިއަން ރުފިޔާ ހަރަދު ކުރި އެވެ. އެ އެއާޕޯޓު ތަރައްގީ ކޮށްފައި ވަނީ1.2 ކިލޯމީޓަރުގެ ރަންވޭއަކާއި 86،35 ސްކޮޔާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، 9،473 ސްކޮޔާ މީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 ސްކޮޔާ މީޓަރުގެ ފަޔާ އެކްސެސް މަގަކާ އެކު އެވެ.

ކުރީ ސަރުކާރުން ހއ. މާފިނޮޅުގައި ތަރައްގީ ކުރަން ނިންމި އެއާޕޯޓު ހޯރަފުށީގައި އެޅުމަށް ނިންމީ މި ސަރުކާރުންނެވެ. އެއާޕޯޓު އެޅުމަށް ހޯރަފުށީ ފަޅުން 345،000 އަކަ މީޓަރުގެ ސަރަހައްދެއް ވަނީ ހިއްކައިފަ އެވެ. އެއާޕޯޓު ތަރައްގީކުރުމުގައި ތިމާވެށީގެ ގޮތުން ބޮޑެތި ގޯސްތަކެއް ވަނީ ހަދައިފަ އެވެ.

ވިއްސާރާގައި ހޯރަފުށީ އެއާޕޯޓަށް ގެއްލުންވީއިރު އެ އެއާޕޯޓު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހުޅުވާފައިވަނީ އިންޝުއާ ވެސް ނުކޮށެވެ.

ރީޖަނަލް އެއާޕޯޓްސްގެ ދަށުން ހިންގާ ހަތް އެއާޕޯޓެއް އިންޝުއާ ނުކޮށް އެބައޮތް ކަމަށް ރިޒްވީ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހަވާލުވި އިރުވެސް އެތަންތަން އޮތީ އިންޝުއާ ނުކޮށް. އެތައް އަހަރެއް ވެއްޖެ އެއާޕޯޓުތައް އިންޝުއާ ނުކޮށް އޮންނަތާ. ތަންކޮޅެއް ކުރިން ހަނިމާދޫ،ކާޑެއްދޫ، ފުވައްމުލައް އެއާޕޯޓު އިންޝުއާ ކޮށްފައި އޮތް. އެކަމަކު އެތަންތަނުގެ މުއްދަތުވެސް އޮތީ ހަމަވެފައި،" އޭނާ ވިދާުޅުވި އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު އުފެއްދި ރީޖަނަލް އެއާޕޯޓްސް އަށް ވެރިން އައްޔަނުކޮށް ކުންފުނީގެ ދަށުން ސަރުކާރުން ހިންގާ ރީޖަނަލް އެއާޕޯޓުތަކުގެ ހިންގުން ބަދަލުކުރީ މި އަހަރު އެވެ.

ރިޒްވީ ވިދާޅުވީ އެއާޕޯޓުތައް އިންޝުއާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށާއި ހަތް އެއާޕޯޓު އިންޝުއާ ކުރުމަށް ބަޔަކު ހޯދަން ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށެވެ.

comment ކޮމެންޓް