ދުވާލަކު އަންނަ ޓޫރިސްޓުންގެ އަދަދު 2،000އަށް ވެއްޓިފައި

މާޗް 29، 2021: ފަތުރުވެރިން ރާއްޖެ އައުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއަށް ދުވާލެއްގެ މައްޗަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށަށް ހިނގައްޖެ އެވެ.

އަހަރު ފެށުނު އިރު އެވްރެޖުކޮށް 3،000 އަށްވުރެ ގިނަ ފަތުރުވެރިން ދުވާލެއްގެ މައްޗަށް ރާއްޖެ އައެވެ. ނަމަވެސް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އަންނަމުންދިޔަ އިންޑިއާ އިން އަތުރުވެރިން އައުން ހުއްޓާލާފައި އޮތުމުންނާއި ރާއްޖޭގައި ކޮވިޑު ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވުމާއެކު ޔޫރަޕުގެ ބައެއް ގައުމުތަކުން ރާއްޖެ އަށް ދަތުރުކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން މި އަހަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 435،025 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ. ފަތުރުވެރިން އެވްރެޖުކޮށް ނުވަ ދުވަސް ރާއްޖޭގައި ހޭދަ ކުރާ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

މިހާރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމަކީ ރަޝިއާ އެވެ. އަހަރުގެ މިހާތަނަށް އެ ގައުމުން 99،645 ފަތުރުވެރިން އައިސްފައި ވެއެވެ. އިންޑިއާ އިން 89،301 ފަތުރުވެރިން އައިސްފައިވާއިރު، ޖަރުމަނުން 23،311 ފަތުރުވެރިން، ޔޫކްރެއިން އިން 22،978 ފަތުރުވެރިން އަދި ކަޒަކިސްތާނުން 16،603 ފަތުރުވެރިން އައިސްފައި ވެއެވެ.

ރާއްޖޭގައި މިވަގުތު 47،391 ޓޫރިސްޓު ބެޑު އޮޕަރޭޝަނުގައި އެބައޮތެވެ.

ސަރުކާރުން އަމާޒު ހިފާފައި އޮތީ އަހަރުގެ ނިޔަލަށް އެއް މިލިއަން ޓޫރިސްޓުން ގެނައުމަށެވެ. ނަމަވެސް ކޮވިޑުގެ ހާލަތާއެކު، އެންމެ މުހިއްމު މާކެޓުތަކުން ޓޫރިސްޓުން އައުމުގައި އޮތް ދަތިތަކުގެ ސަބަބުން ޓޫރިސްޓު އެރައިވަލް ނަންބަރު މިވަނީ ބޮޑުތަނުން ދަށަށް ގޮސްފަ އެވެ.

comment ކޮމެންޓް