އަނިޔާ ކުރީ އީސަ، ގާސިމަށް ގޯސްވީ އަންހެނުންނާއި ގެވެށި އަނިޔާގެ ގާނޫނު!

ގާސިމް އިބްރާހީމް -- ސަން ފޮޓޯ/ އަހްމަދު ސައީދު

އަންހެނުން ކޮންމެ ފަދަ ދޮގެއް ވެސް ހަދާފާނެ ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް، ގެވެށި އަނިޔާގެ ތުހުމަތު ކުރެވޭ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާ ދިފާއުކުރައްވައިފި އެވެ.

އީސަ ގެވެށި އަނިޔާ ކުރި ކަމަށް ތުހުމަތު ކުރެވެނީ، އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމް (އަސޫ)އަށެވެ. ނައިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޮ، އަސްރާ އިއްޔެ ވަނީ އެ މަައްސަލައިގަައި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓް(އެފްސީޕީޑީ)އަށް އިއްޔެ ބަޔާންވެސް ދީފަ އެވެ.

އީސަ އާއި އަސޫގެ ދަރިފުޅު ލޫތު އަށް ވެސް އީސަގެ ފަރާތުން އަނިޔާ ކުރިމަތިވި ކަމަށް އަސޫގެެ ގާތް މީހުން ބުނެފައި ވެއެވެ.

އަސޫ ދަންނަ ގާތް މީހަކު ބުނެފައިވާގޮތުން، އީސަ ވަނީ އަސޫ އާއި އީސަގެ ދަރިފުޅު، އެމީހުން ދިރިއުޅޭ އިމާރާތުގެ ބެލްކަނިން ނެރެ ބޭރަށް ވައްޓާލަންވެސް މަސައްކަތް ކޮށްފަ އެވެ. އީސަގެ ފަރާތުން އަސޫ އަށް ލިބުނު އަނިޔާތަކަށް އަސޫ ވަނީ އައިޖީއެމްއެޗުން ފަރުވާ ވެސް ހޯދައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަކަށް ގާސިމް ވަނީ އީސަ އާއި ދަރިފުޅު ލޫތު އެކުގައި ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށްފަ އެވެ. ފޮޓޯއާ ގުޅިގެން ގާސިމް ވިދާޅުވެފައި ވަނީ އެއީ އީސަގެ ފޯނުގެ ސްކްރީނުން ފެންނަ ފޮޓޯ ކަމަށެވެ. އަދި "އެފަދަ ލޯބިވާ ކުއްޖަކާ މެދު އެފަދަ އަމަލެއް ހިންގާފާނެ ކަމަށް ގަބޫލުކުރަން ވަރަށް ދަތި" ކަމަށް އެ މެސުގައި ގާސިމް ވިދާޅުވެފައިވެ އެވެ.

"އަންހެނަކު ހަދާފާނެ ކޮންމެ ފަދަ ދޮގެއް ވެސް. (އަދި ފިރިހެނުން ވެސް) ވީމާ ތަހުގީގު ކުރަން ވާނީ ވަރަށް އިންސާފުން ކަމަށް ދެކެން،" ގާސިމް ވިދާޅުވެފައިވެ އެވެ.

ޖުމްހޫރީ ޕާޓީގެ ބައެއް މެމްބަރުން އަންނަނީ ގާސިމް އެފަދައިން ވިދާޅުނުވާ ކަމަށް ބުނަމުންނެވެ. އެހެން ނަމަވެސް ޖޭޕީގެ ޗީފް ސްޕޯކްސްޕާސަން ވަނީ އެ މެސްޖުތަކަކީ ގާސިމް ފޮނުއްވާފައިވާ މެސެޖުތަކެއް ކަން ކަށަވަރުކޮށްދެއްވައިފަ އެވެ.

ގާސިމް އިތުރަށް ވިދާޅުވީ ގެވެށި އަނިޔާގެ ގާނޫނަކީ ވެސް "ހައްދެއް ނެތް މިންވަރަށް" އަންހެނުން ހިމާޔަތްކުރާ ގޮތަށް ހަދާފައިވާ ގާނޫނެއް ކަމަށެވެ.

އީސަ ހައްޔަރުކުރަން އެމްޑީޕީގެ މެމްބަރުން ވެސް އަންނަނީ ގޮވާލަމުންނެވެ. ނަމަވެސް ގާސިމް ވިދާޅުވީ ތަހުގީގު ކުރުމަށްޓަކައި މީހަކު ހައްޔަރުކުރެވޭނީ ހަތަރު ސަބަބެއް ފުލުހުން ސާބިތުކޮށްދީގެން ކަމަށާއި، އެހެން ނޫން ނަމަ އެއީ ގާނޫނުއަސާސީ އާ ހިލާފުވުން ކަމަށެވެ.

"މީހަކު ބުނާހާ ބަހަކަށް އެއްވެސް މީހަކު ހައްޔަރުކޮށްގެން ނުވާނެ. އެއީ އިންސާފުން ބޭރުން އެފަރާތްތަކަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް ވީމާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ތަހުގީގު ކުރެވެން ވާނީ ހަމައެކަކު ވެސް ބަންދުނުކޮށް ބަހައްޓައިގެން އަދުލުވެރި ކަމާއެކު. އިންސާފުން،" ގާސިމް ވިދާޅުވި އެވެ.

އީސައަށް ކުރެވޭ ތުހުމަތުތަކުގެ ޖިނާއީ ތަހުގީގު ނިމެންދެން، އެމްޑީޕީގެ ގައުމީ މަޖިލީހުންނާއި، ޕާޓީގެ އެތެރޭގެ ކޮމެޓީތަކުގެ މުގައްރިރުކަމުން އޭނާ ވަނީ އެކަހެރިކޮށްފައެވެ.

ގެވެށި އަނިޔާގެ ތުހުމަތާއެކު އީސަ ވަނީ ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީގެ މުގައްރިރު ކަމުން އިސްތިއުފާ ދެއްވައިފަ އެވެ. އީސަ މުގަރިރުކަމުން އިސްތިއުފާ ދިނީ، އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި އެކަމަށް ވޯޓަށް އެހުމަށް ބޭނުންވާ ކޯރަމް ހަމަ ނުވެގެން އެ ކޮމިޓީގެ ބައްދަލުވުން ނިންމާލިތާ ކުޑަ ވަގުތުކޮޅެއް ތެރޭގަ އެވެ.

މަޖިލީހުގެ ލެޓާ ހެޑްގައި އީސަ މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، ކޮމިޓީގެ މުގައްރިރު ކަމުން އޭނާ އިސްތިއުފާ ދީފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، "ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކާ ހިލާފު އެއްވެސް އަމަލެއް ކޮށްފައިނުވާނެކަމުގެ ޔަގީންކަން" އަރުވާ ކަމަށެވެ.

ފުލުހުންނަށް އިތުބާރު އޮތް ކަމަށް ބުނެ، އީސަ ވިދާޅުވީ، ދައުލަތުގެ އެންމެހާ މުއައްސަސާތަކަށް އެއްބާރުލުން ދޭނެ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން އެދިގެން ޕީޖީ އޮފީހުން މިހާރު ވަނީ އޭނާ ހައްޔަރު ކުރުމަށް ކޯޓު އަމުރަކަށްވެސް އެދިފައެވެ.

comment ކޮމެންޓް