ނިއު އިޔާ ޝޯ 2018އާ ގުޅިގެން އެމްއައިޓީޑީސީގެ ކުރީގެ ދެ ވެރިޔަކަށް ދައުވާކުރަނީ

އެމްއައިޓީޑީސީގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ޝާހިދު (ކ) އަދި ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު ޝަކީބާ ހުސައިން (ވ) --

ދެހާސް އަށާރަ ވަނަ އަހަރުގެ އައު އަހަރު ފާހަގަކުރުމަށް އޭރުގެ ސަރުކާރުން މާލޭގައި ބޭއްވި މިއުޒިކް ޝޯވގައި ބޭނުންކުރަން ގެނައި ކޯލްޑް ސްޕާކްސް މެޝިންތަކެއްގެ މައްސަލައިގައި، މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އޭރުގެ ދެ ވެރިއަކަށް ކޮރަޕްޝަންގެ ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އެންޓިކޮރަޕްޝަން ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މައްސަލައިގައި ދައުވާކުރުމަށްޓަކައި ފޮނުވާފައިވަނީ، އެމްއައިޓީޑީސީގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރު، މުހައްމަދު ޝާހިދު (މ.ކަނަމަނަ / ކ.މާލެ) އާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު، ޝަކީބާ ހުސައިން (ލުކިންގްލާސް / ގދ.ތިނަދޫ) ގެ މައްޗަށެވެ.

އޭސީސީން ބުނީ ކާނިވާ ސަރަހައްދުގައި 31 ޑިސެމްބަރު 2017 ގައި ބޭއްވި އާ އަހަރުގެ ޝޯގައި ބޭނުންކުރަން ލިންކްސް-އައި އިންކޯޕަރޭޓަޑް ޕވޓ. ލޓޑ. އާ ހަވާލުކޮށްގެން ކޯލްޑް ސްޕާކްސް މެޝިންތަކެއް ގަނެފައިވާ ކަމަށެވެ.

އެ މެޝިންތައް ގަތުމަށް 7234 ޑޮލަރު (111،548.28 ރުފިޔާ) ހަރަދުކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް، އެ މެޝިންތަކާއި، މެޝިންތައް އޮޕަރޭޓްކުރަން ބޭނުންވާ ޕައުޑާ، އާ އަހަރުގެ މިއުޒިކް ޝޯ ބާއްވަން ވާއިރަށް ވެސް ލިބިފައި ނުވާކަން ތަހުގީގަށް ފާހަގަކުރެވުނު ކަމަށް އޭސީސީން ބުންޏެވެ.

އޭގެއިތުރުން، އެ މެޝިންތައް ގެނައީ ކޮން ފަރާތަކުން އެދިގެން، ކޮން ފަރާތަކުން ނިންމައިގެންކަން އަދި އިވެންޓް އޮތް ދުވަހަށް މެޝިންތައް ލިބުނުކަން ލިޔެކިޔުމުން އެނގެންނެތުމާއެކު، އޭރު މެޝިންތައް ގެނެސް އެމްއައިޓީޑީސީއާ ހަވާލުކޮށްފައި ނުވާކަން ތަހުގީގުން އެނގޭ ކަމަށެވެ.

ހަމައެއާއެކު، އެމްއައިޓީޑީސީގެ މެނޭޖްމަންޓް ބަދަލުވެ 2019 ގައި އެމްއައިޓީޑީސީއިން އެންގުމުން ލިންކްސް އައި އިން އެ މެޝިންތައް އެމްއައިޓީޑީސީއާ ހަވާލުކޮށްފައިވާކަމާއި، އޭގެ ކުރިން އެއްވެސް އިރެއްގައި އެ މެޝިންތައް ހޯދުމަށް ނުވަތަ މެޝިންތަކަށް ހަރަދުކުރި ފައިސާ އަނބުރާ ހޯދުމަށް އެމްއައިޓީޑީސީއިން މަސައްކަތް ކޮށްފައި ނެތްކަން ވަނީ އެނގިފަ އެވެ.

އަދި ލިންކްސް އައި އިން ވެސް އެ މެޝިންތައް ހަވާލުކުރުމަށް މަސައްކަތެއް ކޮށްފައިވާކަން އެނގެން ނެތްކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެއް އަހަރާއި ފަސް މަސް ވަންދެން އެ މެޝިންތައް ހުރީ ލިންކްސް-އައި ގެ ބެލުމުގެ ދަށުގައިކަން އެނގޭ ކަމަށެވެ.

އެ މެޝިންތަކަށް ފައިސާ ދައްކާފައިވަނީ ފައިސާ ހަރަދުކުރުމުގައި ހުންނަންޖެހޭނެކަމަށް އެމްއައިޓީޑީސީގެ ޕްރޮކިއުމަންޓް ޕޮލިސީގައި ބަޔާންކޮށްފައިވާ ލިޔެކިޔުން ފުރިހަމަ ނުކޮށްކަން ކަމަށާއި، އެގޮތުން މެނޭޖްމަންޓްގެ ނިންމުމެއް، ޕާޗޭސް ރިކުއެސްޓެއް، ކޯޓޭޝަނެއް، ޕާޗޭސް އޯޑަރެއް، އިންވޮއިސްއެއް ނެތީސް މެޝިންތައް ގެންނަންވެގެން އެޑްވާންސްކޮށް ފުލް ޕޭމަންޓް ހަދާފައިވާކަން އެނގޭ ކަމަށް އޭސީސީން ބުންޏެވެ.

"އެ ފައިސާ ހަރަދުކުރުމަށް ހުއްދަދީފައިވަނީ އެމްއައިޓީޑީސީގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝާހިދު އާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޝަކީބާ ހުސައިން ކަން ތަހުގީގަށް ހޯދާފައިވާ ލިޔެކިޔުންތަކުންނާއި ތަހުގީގަށް ބަޔާންދީފައިވާ ފަރާތްތަކުގެ ބަހުން އެނގެއެވެ."

އެހެންކަމުން، އެމްޑީ ޝާހިދު އާއި، ޑެޕިއުޓީ އެމްޑީ ޝަކީބާ އެގޮތަށް އަމަލުކޮށްފައިވަނީ އެފަރާތްތަކުގެ މަގާމުގެ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށް ލިންކްސް އައި އަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ މަގްސަދުގައިކަން ތަހުގީގަށް ލިބިފައިވާ ހެކިތަކުން އެނގޭ ކަމަށް އޭސީސީ އިން ބުންޏެވެ.

އެ ދެމީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 12 މާއްދާގެ (ހ) އާއި، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ހައިސިއްޔަތުން އެފަރާތްތަކުގެ ވާޖިބު އަދާކުރުމުގައި، އެފަރާތްތަކަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާއެވެ.

comment ކޮމެންޓް