އީސަގެ އަނިޔާއިން އަސްރާ ޝޮކެއްގައި

އަސްރާ ނަސީމް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ފާއިތުވި 24 ގަޑިއިރަކީ އުނދަގޫ 24 ގަޑިއިރު ކަމަށާއި އެފަދަ ތަޖުރިބާ އެއް ކުރަން ޖެހިދާނެ ކަމަށް ހީވެސް ކުރެވިފައި ނުވާ ކަމަށް ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަގެ ފަރާތުން އަނިޔާ ލިބުނު އޭނާގެ ކުރީގެ އަނބި އަސްރާ ނަސީމް (އަސޫ) ބުނެފި އެވެ.

ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާގެ ކުރީގެ އަނބިކަނބަލުން އަސޫ އަށް، އީސަ ފަރާތުން ގެވެށި އަނިޔާ ލިބި، އެ މައްސަލަ ވަނީ ފުލުހަށް ހުށަހަޅައިފަ އެވެ. އީސަ އާއި އަސޫގެ ދަރިފުޅު ލޫތު އަށް ވެސް އީސަގެ ފަރާތުން އަނިޔާ ކުރިމަތިވި ކަމަށް އަސޫގެެ ގާތް މީހުން ބުނެފައި ވެއެވެ.

އަސޫ ދަންނަ ގާތް މީހަކު ބުނެފައިވާގޮތުން، އީސަ ވަނީ އަސޫ އާއި އީސަގެ ދަރިފުޅު، އެމީހުން ދިރިއުޅޭ އިމާރާތުގެ ބެލްކަނިން ނެރެ ބޭރަށް ވައްޓާލަންވެސް މަސައްކަތް ކޮށްފަ އެވެ. އީސަގެ ފަރާތުން އަސޫ އަށް ލިބުނު އަނިޔާތަކަށް އަސޫ ވަނީ އައިޖީއެމްއެޗުން ފަރުވާ ވެސް ހޯދައިފަ އެވެ.

ފޭސްބުކްގައި ހިއްސާކުރި ސްޓޭޓަސް އެއްގައި އަސޫ ބުނީ ފާއިތުވި 24 ގަޑިއިރަކީ، އޭނާ އަށާއި ދަރިފުޅު ލޫތު އަށް އުނދަގޫ އިހުސާސްތަކެއް ކުރަންޖެހު ވަގުތުތަކެއް ކަމަށެވެ.

"ކުރިމަތިވާނެ ކަމަށް ދުވަކުވެސް ހީކޮށްފައިނުވާ ކަންތައްތަކެއް ތަޖުރިބާކުރަންޖެހުނެވެ. ނަމަވެސް މާތްﷲ ގެ ވާގިފުޅާއެކު، އަޅުގަނޑުމެން ދެމައިންގެ ހާލުވެސް މިހާރު ރަގަނޅެވެ،" އަސޫ ބުނެފައި ވެއެވެ.

ރަހުމަތްތެރިންނާއި، ހެޔޮއެދޭ އެންމެހައި ފަރާތްތަކުން، ދިން ހިިތްވަރަށް އެ ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށްވެސް އަސޫ ބުނެފައިވެއެވެ.

އަސޫ އަށް އިންސާފު ހޯދައިދީ، އީސަ އަށް ފިޔަވަޅު އެޅުމަށް ގޮވާލާ އަޑުވެސް ސޯޝަލް މީޑިއާގައި ވަނީ ގަދަވެފައެވެ. ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގެ މުގައްރިރު ކަން ކުރައްވާ އީސަ، އެ ކޮމެޓީގައި އިނުމަށް ކުފޫ ހަމަނުވާކަމަށާއި އީސަ ކޮމެޓީ އިން ވަކި ކުރުމަށްވެސް ދަނީ ގޮވާލަމުންނެވެ.

މުގައްރިރު ކަމުން އީސަ ވަކި ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.

އެ މައްސަލާގައި ފުލުހުން ބުނީ އީސަ އަށް ފިޔަވަޅު އެޅުމަށް ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހާ މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި ޕީޖީ އޮފީހުން ބުނީ އީސަ ހައްޔަރުކުރަން މިހާރު ކޯޓު އަމުރަކަށް އެދިފައިވާ ކަމަށެވެ.

އަސޫ އަކީ ނައިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޯފުޅެވެ.

comment ކޮމެންޓް