ޓްވީޓުން "ފްރީ ޕަލަސްތީނު" އުނިކުރީ ކޯޕަރޭޓް ޕޮލިސީގެ ތެރެއިން: އެމްއޭސީއެލް

އެމްއޭސީއެލްގެ މުވައްޒަފުންތަކެއް -- ސަން ފޮޓޯ: ފަޔާޒު މޫސާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ހިންގާ އެމްއޭސީއެލް އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓްވިޓާ ހޭންޑަލް އިން ފަލަސްތީނާ ގުޅޭގޮތުން ކުރި ޓްވީޓު ޑިލީޓުކުރީ ކުންފުނީގެ ކޯޕަރޭޓު ޕޮލިސީގެ ތެރެއިން ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.

އިސްރާއިލުން ފަލަސްތީނާ ދެކޮޅަށް ދެމުންދާ ލާއިންސާނީ ހަމަލާތައް ކުށްވެރިކޮށް ރާއްޖޭގެ ބޮޑެތި ކުންފުނިތަކުންނާއި އާންމުން ދަނީ ފްރީ ފަލަސްތީނު ހޭޝްޓެގް ބޭނުނުންކުރަމުންނެވެ.

މިދިޔަ އަންގާރަ ދުވަހުގެރޭ އެމްއޭސީއެލް އާއި ވީއައިއޭގެ ޓްވިޓާ ހޭންޑަލް އިންވެސް ވަނީ ފަލަސްތީނާއެކު ތިބިކަން ހާމަކޮށް "ފްރީ ފަލަސްތީން" ހޭޝްޓެގް ހިމަނައިގެން ޕޯސްޓަރު ޝެއާކޮށްފަ އެވެ. ނަމަވެސް ކުޑަ އިރުކޮޅެއްގެ ތެރޭގައި އެ ދެ އެކައުންޓުންވެސް އެ ޓްވީޓު ޑިލީޓުކޮށްލާފައިވެ އެވެ.

ޓްވީޓު ޑިލީޓު ކުރުމާއެކު އެމްއޭސީއެލް އަށާއި ކުންފުނީގެ ވެރިން ކުށްވެރިކޮށް ގިނަ ބަޔަކު ވަނީ ފާޑުކިޔައިފަ އެވެ.

ފާޑުކިޔުންތަކާ އެކު އެމްއޭސީއެލް އން ވަނީ އަލުން ޕޯސްޓަރު ޝެއާކޮށްފަ އެވެ. އެކަމަކު ފަހުން ޝެއާކުރި ޕޯސްޓަރުން ފްރީ ފަލަސްތީނު ހޭޝްޓެގް ވަނީ ފުހެލައިފަ އެވެ. ނަމަވެސް ފަލަސްތީނު ރައްޔިތުންނާއެކު ތިބިކަމަށް ބުނާ އިބާރާތް ހިމަނާފައި އޮތެވެ.

ފްރީ ފަލަސްތީން ހޭޝްޓެގް އުުނިކުރުމުން ފާޑުކިޔައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަގާމުން ދުރުކުރުމަށް ނޫނީ އިސްތިއުފާ ދިނުމަށް ގޮވަލާ އަޑުވަނީ ގަދަވެފަ އެވެ.

އެމްއޭސީއެލްގެ އެމްޑީ އަދި ސީއީއޯ އަކަށް ހުންނަވަނީ އިނގިރޭސިވިލާތުގެ ބޭފުޅެކެވެ.

އެ މައްސަލަ ހޫނުވެފައި ވަނިކޮށް އެމްއޭސީއެލް އިން ނެރުނު ބަަޔާނެއްގައި ބުނީ އެމްއޭސީއެލް އިން އޮތީ ފަލަސްތީނު ރައްޔިތުންނާއެކު ކަމަށާއި ނަމަވެސް އިންޓަނޭޝަނަލް އެއާޕޯޓެއް ހިންގާ ކުންފުންޏެއްގެ ހައިސިއްޔަތުން ކޮމިޔުނިކޭޝަންސްގެ ކަންތައްތަކުގައި ބަލަންޖެހޭ ކޯޕަރޭޓް ޕްރެކްޓިސްތަކެއް ހުންނަ ކަމަށެވެ.

"ކުންފުނީގެ ސީއީއޯ ގޯޑަން އެންޑްރޫ ސްޓުއާޓް މިވަގުތު ހުންނެވީ އަހަރީ ޗުއްޓީގައި. އެ ޓްވީޓާ ގުޅިގެން ސީއީއޯ އާ އެއްވެސް މުއާމަލާތެއް ކުރެވިފައެއް ނުވާނެ،" އެމްއޭސީއެލް އިން ބުންޏެވެ.

ފަލަސްތީނު ރައްޔިތުންނާއެކު ތިބިކަން ދެވަނަ ފަހަރަށް ފާހަގަކޮށް އެ ބަޔާނުގައި ވަނީ ޓްވީޓާ ގުޅިގެން ދިމާވި ކަންތައްތަކަށް މައާފަށްވެސް އެދޭކަމަށް ބުނެފަ އެވެ.

comment ކޮމެންޓް