ދައުލަތަށް އާމްދަނީގެ ގޮތުގައި މިހާތަނަށް ހަތް ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކައިފި އެވެ.
ފިނޭންްސް އިން އިއްޔެ އާންމު ކުރި ހިސާބުތަކަށް ބަލާއިރު އެ މުއްދަތުގައި ދައުލަތުން ވަނީ 9.4 ބިލިއަން ރުފިޔާ ހަރަދު ކޮށްފަ އެވެ.
އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބުނު ހަތް ބިލިއަން ރުފިޔާގެ ތެރެއިން 78 ޕަސެންޓަކީ ޓެކްސް އާމްދަނީ އެވެ. ބާވީސް ޕަސެންޓަކީ ޓެކްސް ނޫން އާމްދަނީ އެވެ.
އެ މުއްދަތުގައި ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސްގެ ގޮތުގައި ދައުލަތަށް 1.1 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، ޖީއެސްޓީގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
ޓެކްސް ނޫން އާމްދަނީ އަށް ބަލާއިރު، ރިސޯޓު ކުލީގެ ގޮތުގައި 538 މިލިއަން ރުފިޔާ، ޖޫރިމަނާގެ ގޮތުގައި 103 މިލިއަން ރުފިޔާ، އެއާޕޯޓު ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 139 މިލިއަން ރުފިޔާ އެ މުއްދަތުގައި ވަނީ ލިބިފަ އެވެ.
ހަރަދަށް ބަލާއިރު މުސާރަ އާއި އިނާޔަތްތައް ދިނުމަށް 3.4 ބިލިއަން ރުފޔާ ވަނީ ހޭދަކޮށްފަ އެވެ. ހިންގުމުގެ ހަރަދުގެ ގޮތުގައި 3.49 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.