އެލްޖީއޭ ބޯޑަށް ކައުސިލަރުން އިންތިހާބު ކުރުން ޖޫން 12 ގައި

އޭޕްރީލް 13، 2021: އިލެކްޝަން ކޮމިޝަންގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިހާބު ކުރާ ފަރާތްތަައް ހޮވުމަށް ބާއްވާ އިންތިހާބު ޖޫން މަހުގެ 12 ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އަށް ވަނަ އިސްލާހުގައި ވާގޮތުން އެލްޖީއޭގެ ބޯޑުގައި ސިޓީ ކައުންސިލް މެމްބަރަކާއި، އަތޮޅު ކައުންސިލެއްގެ ރައީސަކާއި ރަށު ކައުންސިލުގެ މެމްބަރެއް ހިމެނެން ޖެހޭނެ އެވެ. އެ ފަރާތްތައް ކަނޑައަޅާނީ ކައުންސިލަރުންގެ މެދުގައި ބާއްވާ އިންތިހާބަކުން ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިރޭ ކުރި އިއުލާނެއްގައި ބުނެފައި ވަނީ ލޯކަލް ގަވަމެންޓް އޮތޯރިޓީއަށް ކައުންސިލަރުންގެ ތެރެއިން އިންތިހާބު ކުރާ މަގާމުތަކަށް ވާދަކުރަން ބޭނުންވާ ފަރާތްތަކުން މާދަމާ ހެނދުނު ނުވައަކުން ފެށިގެން މިމަހުގެ 24 ގެ 13:00 ގެ ނިޔަލަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

އެ އިންތިހާބުގައި ވޯޓުލެވޭނީ

  • ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2020 ގައި އިންތިހާބުވެ ހުވައިކޮށްފައިވާ ސިޓީ ކައުންސިލްގެ މެންބަރުން
  • ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2020 ގައި އިންތިހާބުވެ، ހުވައިކޮށްފައިވާ އަތޮޅު ކައުންސިލްގެ ރައީސުން
  • ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2020 ގައި އިންތިހާބުވެ، ހުވައިކޮށްފައިވާ ރަށު ކައުންސިލްގެ މެންބަރުން.

އެ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން ވާދަކުރުމަށް އެދޭ ފޯމާއި އައިޑީކާޑު ކޮޕީ އަދި ޕާސްޕޯޓު ސައިޒު ފޮޓޯއެއް ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އެދިފަ އެވެ. އެޕްލިކޭޝަން ފޯމު ބަލައިގަންނާނީ އީމެއިލް މެދުވެރިކޮށް ކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ. މެއިލް ކުރަން ޖެހެނީ [email protected] މި މެއިލް އެޑްރެސް އަށެވެ. ވޯޓުލުން ކުރިއަށް ދާނީ ޖޫން 12 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން 14:00 އަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

ލާމަރުކަޒީ ގާނޫނުގެ 59 ވަނަ މާއްދާގެ (ޅ) ގައި ވާގޮތުން ލޯކަލް ގަވަމެންޓް އޮތޯރިޓީއަށް އިންތިހާބު ކުރާ ކައުންސިލަރުން އިންތިހާބު ކުރުމަށް ބާއްވަން ޖެހޭ އިންތިހާބު ކައުންސިލަރުން ހުވާ ކުރާތާ 30 ދުވަހުގެ ތެރޭގައި ބާއްވަން ޖެހޭނެ އެވެ.

comment ކޮމެންޓް